ރިޕޯޓް

ރޯދައިގެ ދަރުމަ: ތި ހުރީ ރޯދައަށް! ރުޅި އިސް ނުކުރޭ!

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު އަވަސްއިން ގެނެސްދޭ، "ރޯދައިގެ ދަރުމަ" އިގެ މިއަދުގެ އެޕިސޯޑްގެ މައުލޫއަކީ ރޯދަވެރިޔާ ދޫ ރައްކާތެރިކުރުމާއި ރުޅި ކޮންޓްރޯލްކުރުމެވެ. މިއީ ދިވެހިންނަށް ރޯދަ މަހު ވަރަށް މުހިންމު މައުލޫއެކެވެ. ރޯދަ މަހު ދުވާލު ރުޅިގަދަވެ، ދިވެހިންގެ ތެރޭގައި ހިނގާ އެކި ކަންކަމުގެ ވާހަކަ އަބަދުވެސް އަޑުއިވެ އެވެ. އެހެން ވީމާ މި މައުލޫމާ ދިވެހިންނަށް ކޮންމެހެން ވެސް މުހިންމެވެ.

ރޯދަވެރިޔާ ދޫ ރައްކާތެރިކުރުމާއި ރުޅި ކޮންޓްރޯލްކުރުމުގެ މުހިންމުކަމަށް އަވަހަށް ބަލައިލަމާ ހިނގާށެވެ.

ރޯދަވެރިޔާ ރޯދައަށް ހުންނައިރު ތަބާވާންޖެހޭ އަދަބު އަހުލާގެއް ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވަނީ ކަނޑައަޅުއްވާފަ އެވެ. އެގޮތުން ކަނޑައަޅުއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި އޭނާއަކީ ރޯދައަށް ހުންނައިރު ރުޅި މަޑުކުރާ މީހަކަށް ވާން ޖެހޭނެ އެވެ. ރިވެތި އަހުލާގު އޭނާގެ ކިބައިގައި ހުންނަ ޖެހޭނެ އެވެ.

ކީރިތި ރަސޫލާ ވަނީ، ރޯދައަށް ހުންނަ މީހަކާ ދިމާލަށް އެހެން މީހަކު އައިސް އެއްޗެހި ކިޔާ ހަޅޭލަވައިހަދާފިނަމަ އެއަށް ޖަވާބު ދެއްވާނެ ގޮތް ވެސް ބަޔާންކޮށްދެއްވާފަ އެވެ. ރަސޫލާ އިރުޝާދު ދެއްވާފައިވާ ގޮތުން އޭގެ ޖަވާބުގައި ރޯދަވެރިޔާ ބުނަންޖެހޭނީ "ތިމަންނާ މިހުރީ ﷲއަށްޓަކައި ރޯދައަށް" ކަމަށެވެ. ރުޅި އައިސްގެން ނުވާނެ އެވެ.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި އެންމެ ބާރުގަދަ މީހަކީ އެމީހެއްގެ ރުޅި ކޮންޓްރޯލްކުރާ މީހާ އެވެ. ކީރިތި ޤުރުއާންގައި ވެސް ރުޅި މަތަކުރުމަކީ މުއުމިނުން ސިފައެއް ކަމަށް މާތްﷲ ވަހީކުރައްވާފައިވެ އެވެ.

އެއް ދުވަހަކު ރަސޫލާ ގާތަށް މީހަކު އައިސް ތިމަންނާއަށް ނަސޭހަތެއް ދެއްވާށޭ ބުނުމުން ރަސޫލާ ހަދީޘް ކުރެއްވީ، "ތިބާ ރުޅި ނާންނާށޭ" އެވެ. ތަކުރާރުކޮށް އެފަދައިން ރަސޫލާ ހަދީޘް ކުރެއްވި އެވެ.

ހުރިހާ މައްސަލަތަކުގެ އަސްލަކީ ރުޅި އިސްކުރުމެވެ. ރުޅިވެރިކަމަކީ ރޯދަ މަހުގެ އަޅުކަމާއި ހެޔޮކަންތައްތައް ފާސިދުކޮށްލަފާނެ ކަމެކެވެ. އެހެން ވީމާ މިކަމަށް އެންމެން ވެސް ސަމާލުކަން ދޭށެވެ.