ހަބަރު

ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީކުރަން ދިގު ކިޔުތަކެއް

ކަރަންޓް ސަބްސިޑީއަށް އެދުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާތީ އެކަމަށް ރަޖިސްޓްރީ ކުރުމަށް ގިނަ ބަޔަކު ކިޔު ޖައްސައިފި އެވެ.

އެކަމަށް ހާއްސަކޮށްގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ މޭޒުތަކެއް ސޯޝަލް ސެންޓަރާއި މީރާގެ ބޭރާއި އަދި ވެލާނާގެ ކައިރީގައި ވަނީ ބަހައްޓައިފަ އެވެ. މިއަދު އެ ހުރިހާ ސަރަހައްދެއްގައި ވެސް ގިނަ ބަޔަކު ވަނީ ކިޔު ޖައްސައިފަ އެވެ. ބައެއް މީހުން ކިޔޫގައި ތިބީ އެ މީހުންގެ ތުއްތު ކުދިން ވެސް ގޮވައިގެން ގޮހެވެ. ކިޔޫތަކުގައި ތިބި ބައެއް މީހުން ބުނީ، ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު މާދަމާ ހަމަވާކަން ވެސް އެނގުނީ މިހަފްތާގެ ތެރޭގައި ކަމަށެވެ. އަދި މިއަދު އަވަސް އަރުވާލައިގެން ސަބްސިޑީއަށް އެދުމަށް އައީ ކަރަންޓް ބިލް އަގު ބޮޑުވެއްޖެ ނަމަ، ވަރަށް ދަތިވާނެތީ ކަމަށެވެ.

ސަބްސިޑީއަށް އެދުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި ދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އޭރު ވެސް އެންސްޕާއިން ބުނެފައި ވަނީ މި މަހުގެ ނުވައެއް، މާދަމާގެ ނިޔަލަށް ކަރަންޓް ސަބްސިޑީއަށް އެދެން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ، ސަބްސިޑީ ކަނޑާލެވޭނެ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެ އެވެ. އެކަމަށް އެދޭ ހިރިހާ ގޭބިސީއަކަށް ވެސް ސަބްސިޑީ ދިނުމަށް ވަނީ ނިންމައިފަ އެވެ.

މާލޭ ސަރަހައްދުގެ 84 ޕަސެންޓް ގޭބިސީ އަށް ކަރަންޓް ސަބްސިޑީ ލިބޭއިރު އޭގެ ތެރޭގައި މުއްސަނދިން ވެސް ވަރަށް ގިނަ އެވެ. އަދި ރަށްރަށުގައި ވެސް ލިބެން ނުޖެހޭ ފަރާތްތަކަށް ސަބްސިޑީ ލިބޭ ކަމަށް އެންސްޕާ އިން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގެ ތެރެއިން ސަބްސިޑީ ލިބޭ 11 ޕަސެންޓް މީޓަރަކީ ވިޔަފާރި އަށް ރަޖިސްޓްރީ ކޮށްފައިވާ މީޓަރު ކަމަށާއި އެއީ ސަބްސިޑީ ހައްގުވާ ފަރާތްތަކެއް ނޫން ކަމަށް ވެސް އެންސްޕާ އިން ބުނެފައި ވެ އެވެ. ކަރަންޓް ސަބްސިޑީ ކަނޑާލުމުން ވިޔަފާރިތަކުގެ ކަރަންޓް ބިލް އަގު ބޮޑުވާތީ އަތޮޅުތަކުގެ ވިޔަފާރިވެރިން އަންނަނީ އެކަމާ އިހުތިޖާޖުކޮށް، ދެކޮޅު ހަދަމުންނެވެ.