ރިޕޯޓް

ބާއްޖަވެރި ހެނދުނެއް: ދިވެހިންގެ އެލާމް ކްލޮކް!

ގެއަކީ އަބަދުވެސް ރޭޑިއޯ ޖަހާފައި ހުންނަ ގެއެކެވެ. ދަންވަރެއް މެންދުރެއް ނޯވެ އެވެ. އިވެނީ އެންމެ އަޑެކެވެ. ދިވެހިރާއްޖޭގެ އަޑެވެ. އެންމެ ރައްޓެހި އަޑުތަކަކީ އެ ރޭޑިއޯއިން އިވޭ ރީތި އަޑުތަކެވެ. ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އޭރު ރޭޑިއޯ އޮތީވެފަ އެވެ. ޓީވީގެ ހިލަމެއް އޭރު ގޭގައި ނެތަސް ފޫއްސެއް ވެސް ނުވެ އެވެ.

ދިރިއުޅުމާ ރޭޑިއޯ ގުޅިފައިވާ އޮތް މިންވަރަކީ، ގަޑި ވެސް އެނގެނީ އެ ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމްތަކާ އެވެ. ވަކި މީހެއްގެ އަޑު ޖެހުމުން އާނ އެއީ މިވެނި ގަޑިއެއް ޖުހުނީކަން އެނގޭނެ އެވެ. އެ ގޮތުން ދުވަހުގެ އަލި ވެސް ވިލެނީ ރޭޑިއޯގެ އަޑަށެވެ. "ބާއްޖަވެރި ހެނދުނެއް" ގެ އަކަށެވެ.

"ދިވެހިރާއްޖޭގެ އަޑު އައްސަވަމުންގެންދަވާ ބޭފުޅުންނަށް ބާއްޖަވެރި ހެނދުނަކަށް މަރުހަބާ" މިއީ ގިނަ ދިވެހިންނަށް އަލިވިލުނު ގޮތެވެ. އަލިވުމާއެކު އިވޭ އަޑެވެ. ހާއްސަކޮށް މިހާރު ދެބައި އުމުރަށް އަޅާފައިތިބޭ މީހުންނާއި އަދުގެ ޒުވާނުންނަށެވެ. ސްކޫލްތައް ތައްޔާރުވާއިރު އިވޭނީ "ބާއްޖަވެރި ހެނދުނެއް" އެ ޕްރޮގްރާމްގެ އަޑެވެ. ބެލެނިވެރިންނާއި ދަރިވަރުން ވެސް ގަޑި ސެޓްކޮށްފައި ހުންނަނީ އެ ޕްރޮގްރާމަށެވެ. ޕްރޮގްރާމްގެ ވަކި ހިސާބަށް ދިޔުމުން ފެންވަރަށް ވަންނަންވީކަން އެނގެ އެވެ. ގެއިން ސްކޫލަށް ދާން ނައްޓާލަންވީ ގަޑިކަން އެނގޭނެ އެވެ. ގަޑިއަށް ބެލުން މުހިންމެއް ނޫނެވެ.

މިހާ ބޮޑަށް ދިވެހިންނާ ގުޅިފައިވާ މި ޕްރޮގާރަމަކީ ވަރަށް މުސްކުޅި ޕްރޮގްރާމެކެވެ. ޕްރޮގްރާމް އުފައްދައި އެންމެ ފުރަތަމަ ގެނެސްދޭން ފެށީ، 1979 ވަނަ އަހަރު އެވެ. މީގެ 38 އަހަރު ކުރި އެވެ. އެހާ ކުރިން މިފަދަ ޕްރޮގްރާމެއް އުފެދުމުގެ ވިސްނުން އައީ ކިހިނެއްތޯ އެއީ އުފެދޭ ސުވާލެކެވެ.

ބާއްޖެވެރި ހެނދުނާ ޕްރޮގްރާމަކީ ސަމަރުބްލޫ އިބްރާހިމް މަނިކާއި ބަދުރުއްނަސީރު ގުޅިވަޑައިގެން އުފެއްދި ޕްރޮގްރާމެކެވެ. އެއީ، 1979 ވަނަ އަހަރު އޭރުގެ ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތައް އިތުރަށް ތަރައްގީ ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އުފެދިގެން އައި ޕްރޮގްރާމެކެވެ.

"ހުންނާނެ ގުޑް މޯނިން އޮސްޓްރޭލިއާ ގުޑް މޯނިން އެމެރިކާ ފަދަ ޕްރޮގްރާމްތައް، އަރަބި ގައުމުތަކުގަ ވެސް ހުންނާނެ އެފަދަ ޕްރޮގްރާމްތައް، އިބްރާހިމް މަނިކާއި އަޅުގަނޑަށް އައި ހިޔާލެއް މި ޕްރޮގްރާމަކީ،" ޕްރޮގްރާމްގެ އެއް ބާނީ ބަދުރުއްނަސީރު ވިދާޅުވި އެވެ.

ޕްރޮގްރާމަކީ އެންމެންގެ ހިތްތަކުން ޖާގަ ދެވުނު ޕްރޮގްރާމަކަށްވެގެން ދިޔައީ އެކަމަށް ބަދުރާއި އިބްރާހިމް މަނިކު ކުރެއްވި މަސައްކަތުންނެވެ. އެ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދިނީ ވީހާވެސް ބޮޑަށް އެހުންތެރިންނާ ގާތުން، ގުޅިގެން ޕްރޮގްރާމް ގެނެސްދިނުމަށެވެ. ބަދުރާއި އިބްރާހިމް މަނިކު ހެނދުނު ހެނދުނާ އަޑުއެހުންތެރިންނާ ބައްދަލުކުރީ ރާއްޖޭގެ ރޭޑިއޯއަށް މުޅިން އާ ސްޓައިލަކާއެކު ވަރަށް އެކުވެރިކަމާއެކު އެވެ.

"ޕްރޮގްރާމްތައް ރޭޑިއޯގައި ގެންދާއިރު މުޅިން ވެސް ފޮތުގެ ބަހުރުވައިން ކުރިއަށް ގެންދާނީ، މިހާރު ވެސް ގިނަ ރޭޑިއޯތަކުގަ އެ ބަހުރުވައިން ވާހަކަ ދައްކާނީ، މީހުންނާ ގުޅުމެއް ނޯންނާނެ، އެގޮތް ކުޑަކޮށްލަން ބާއްޖަވެރި ހެނދުނެއްގައި އަޅުގަނޑުމެން މުޅިން އާ ސްޓައިލަކަށް ވާހަކަ ދައްކަން ފެށީ،" އެންމެންގެ ވަރަށް އެކުވެރި އަޑެއްގެ ވެރި ބަދުރު ވިދާޅުވި އެވެ.

ބާއްޖަވެރި ހެނދުނު އެންމެ ފުރަތަމަ ފެށިގެން އަންނަނީ ވަރަށް ފޯރިގަދަ ބޮޑުބެރު ލަވައަކާއެކު އެވެ. ބައެއް ބޮޑު ބޮޑުބެރު ލަވަތައް އިވުމުން އަދިވެސް އެ ހަނދާންތައް އާވެގެންދާނެ އެވެ. ބޮޑުބެރަކީ މިހާރު ފަދައިން އޭރު އެހާ އާންމު އެއްޗެއް ނޫނެވެ. ބޮޑުބެރުގެ ފޯރި އޮތީ ފަނޑުވެފަ އެވެ. ބާއްޖަވެރި ހެނދުނާ ޕްރޮގްރާމްގައި ނޫނީ ބޮޑުބެރު ލަވައެއް އިވިވެސް ނުލާނެ އެވެ. "ބިސްމިއްލާހި ކިޔައިގެން" ފަދަ ބޮޑުބެރު ލަވަތަކީ އެ ޕްރޮގްރާމަށް ހާއްސަ ބޮޑުބެރު ލަވަތަކެވެ.

"ބޮޑުބެރު ލަވައަކުން ޕްރޮގްރާމް ފެށީ، ހެނދުނު ގަޑީގަ އެންމެން ވެސް ހޭލައްވާލަން އަޅުގަނޑުމެން ބޭނުންވާތީ، ވަރަށް ކާމިޔާބުވި ބޮޑުބެރުން ޕްރޮގްރާމް ފެށުން، މީހުން ތާޒާކޮށްލެވުނު،" ބަދުރު ވިދާޅުވި އެވެ.

ބައި ގަޑިއިރުގެ އެ ޕްރޮގްރާމަކީ ގިނަ މައުލޫމާތެއް ވެސް ހިއްސާކުރާ ޕްރޮގްރާމެކެވެ. މުހިންމު ކަންކަމުގެ ސުންގަޑިތަކާއި ހާއްސަ އިއުލާންތައް ބަދުރާއި އިބްރާހިމްމަނިކު ކިޔައިދެއްވަ އެވެ. ކޮންމެ ދުވަހެއްގެ މޫސުމާއި ނަކަތް ވެސް ކިޔައިދެއްވި އެވެ. ކަރަސްތުކުރުމަށް ހަނދާން ކޮށްދެއްވި އެވެ. އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. ކުދިންގެ ދަބަސް މާބަރު ނުކުރުމަށް އަބަދުމެ ބެލެނިވެރިންނަށް ހަނދާން ކޮށްދެއްވި އެވެ. ސްކޫލްތަކުގެ އިތުރު ހަރަކާތްތައް އެ ސްކޫލްތަކުން ހޯދައިގެން އެކަންކަން ވެސް ޕްރޮގްރާމްގައި ހިއްސާ ކުރައްވާފައިވެ އެވެ.

"އިމާރާތްތައް އުސްވަމުން އަންނަނީ، އޭރު ބޭރަށް ހުންނަ ފެން ހޮޅީގެ ވާހަކަ އަޅުގަނޑުމެން ވަރަށް ދެއްކިން، ސަރުކާރުން ވެސް އެކަން ބެއްލެވި، އާންމުން ވެސް ވަރަށް ހޭލުންތެރިވި، އެކަހަލަ ބޭނުންތެރި މައުލޫމާތުތައް ގެނެސްދެނީ، މާބޮޑެތި ވާހަކަތަކެއް ޕްރޮގްރާމްގައި ނުދައްކާނެ، މީހުންނަށް ހަޖަމު ނުކުރެވޭ ވާހަކައެއް ނުދައްކާނެ، އެ ޕްރޮގްރާމަކީ އެއްވެސް ވަރަކަށް ސިޔާސީ ޕްރޮގްރާމެއް ވެސް ނޫން،" ބަދުރު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެންނެވި އަހަރު ނޫން އަނެއް އަހަރު ފެށި މި ޕްރޮގްރާމް، ބަދުރާއި މަނިކު ރޭޑިއޯއިން ވަކިވުމާ ހަމައަށްވެސް ހުށަހަޅައިދެއްވީ އެ ދެ ބޭފުޅުންނެވެ. މެދުކެނޑުމެއްނެތި އެ ހުރިހާ އަހަރެއްގެ ކޮންމެ ދުވަހަކު އެ ޕްރޮގްރާމް ގެނެސްދީފައިވާއިރު އެއް ދުވަހަށް ޕްރޮގްރާމްގެ އަޑު ނީވި ދިޔަ އެވެ. އެއީ، މުޅި ރޭޑިއޯ ވެސް ހުއްޓުނު ދުވަހެވެ. އަދުއްވުން އަރައި ރާއްޖެ ހިފަން މަސައްކަތްކުރި ނޮވެމްބަރު ތިންވަނަ ދުވަހެވެ. އެ ބިރުވެރި ހަމަލާއަށްފަހު އޭގެ އަނެއް ދުވަހު ވެސް އެ ޕްރޮގްރާމް ވަނީ ގެނެސްދީފަ އެވެ.

"ނޮވެމްބަރު ތިންވަނަ ދުވަސް ނޫނީ ނުދާނެ ޕްރޮގްރާމް ނުގެނެސްދީ، އަނެއް ދުވަހު ވެސް ޕްރޮގްރާމް ގެނެސްދިން، އެ ދުވަހު ސިފައިންގެ ވެހިކަލެއްގަ އަޅުގަނޑު ރޭޑިއޯއަށް ދިޔައިން، ނޮވެމްބަރު ތިންވަނަ ދުވަހު ޕްރޮގްރާމް ނުގެނަޔަސް އެ ދުވަހަށް ރިކޯޑްކުރި ޕްރޮގްރާމް އުޅޭނެހެން ހީވަނީ،" ބަދުރު ވިދާޅުވި އެވެ.

ލައިވް ނޫންކަން އެނގޭތަ؟

މިއީ އާ ވާހަކައެކެވެ. މިކަން ގަބޫލު ވެސް ކުރެވޭ ހެއްޔެވެ؟ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމަކީ ލައިވްކޮށް ގެނެސްދެއްވި ޕްރޮގްރާމެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ޕްރޮގްރާމް އޭގެ އަނެއް ދުވަހުގެ ރޭ ރިކޯޑްކުރެ އެވެ. ފާހަގަ ވެސް ނުވެއެއް ނޫން ހެއްޔެވެ؟ ހުށަހަޅުއްވައިދެއްވި ބޭފުޅުންގެ ކުޅަދާނަ ކަމެކެވެ. އަޑުއެހުންތެރިންނާ ގުޅިގެން، ޕްރޮގްރާމް ހުށަހަޅުއްވައިދެއްވުމުގައި އެ ދެ ބޭފުޅުންނަށް ލިބިފައިވާ އަދާޔާ ހިލާފު ހުނަރުގެ ސަބަބުންނެވެ.

"ވަރަށް ދެރަވޭ މިހެންވެ ދަންނަންވެސް، އެއީ ބެލުންތެރިންނަށް ހެދޭ މަކަރެއް، މިހާރު ދުވެފަ އެދަނީ މިވެނި މީހެކޭ މިވެނި ބަޔެކޭ ކިޔައިގެން އަޅުގަނޑުމެން އެ ވާހަކަ ދައްކަނީ ސްޓޫޑިއޯ ތެރޭގަ ތިބެގެން،" ބަދުރު ވިދާޅުވި އެވެ. "އެ ޕްރޮގްރާމަކީ އަޅުގަނޑުމެން ދެ މީހުން ވެސް ހިތުގެ އަޑިން ވަރަށް ކުރާ ހިތުން ކުރި ކަމެއް، އެއާ ވަރަށް ބޮޑަށް ގުޅިފަ އަޅުގަނޑުމެން ތިބީ،"

"ވަރަށް ފަހުން ވެސް ބޭފުޅަކު އެއްސެވި އެއީ ލައިވް ޕްރޮގްރާމެއް ނޫން ހެއްޔެވެ؟ އަޅުގަނޑުމެން އެ ޕްރޮގްރާމް ގެނައީ ލައިވް ކަމަށް ދައްކައިގެން،" ބަދުރު ވިދާޅުވި އެވެ.

ފުރަތަމަ ޕްރޮގްރާމަށް ނަން ދީގެން ފަށައިގަތްއިރު އެ ނަމާމެދު މައްސަލަތަކެއް ފެންމަތިވި އެވެ. "ބާއްޖަވެރި ހެނދުނެއް" ގެ މާނަކީ "ގުޑް މޯނިން" ކަމަށްވެފައި އެއީ އިސްލާމް ދީން ނޫން އެހެން ދީނުގެ މީހުންގެ ބޭނުންކުރާ ބަހެއް ކަމަށް ބުނެ ނޫހެއްގައި ޝާއިއުކުރި އެވެ. ބަދުރުމެން އެ ފާޑުކިޔުންތަކަށް ރައްދު ނުދީ، ކުރިއަށް ވަޑައިގަތީ އެވެ. އެއީ، "ބާއްޖެވެރި ހެނދުނެއް" އެ ނަން ކީ ދީނާ ނުގުޅޭ ކަމެއް ކުރުމުގެ ގޮތުން ނޫން ކަމަށްވާތީ އެވެ. ކުރިއަށް އެ ވަޑައިގެންނެވި ގޮތަށް އެއްވެސް ހުއްޓުމެއް ނައެވެ. ބަދުރާއި މަނިކު މިހާރު ރެޑިއޯއިން ވަކިވެވަޑައިގެންފައިވީ ނަމަވެސް އެ ދެ ބޭފުޅުން ހިތާ އެންމެ ގާތް ޕްރޮގްރާމަށް އެއްވެސް ހުއްޓުމެއް ނާދެ އެވެ. މީގެ ދެ އަހަރު ކުރިން ރިޓަޔާވުމާ ގުޅިގެން ބަދުރު ރޭޑިއޯއިން ވަނީ ވަކިވެވަޑައިގެންފަ އެވެ. މިހާރު ބާއްޖަވެރި ހެނދުނެއް ގެނެސްދެއްވަނީ ބަދުރާއި މަނިކުގެ ދަރިވަރުން ކަމަށްވާ، އަދި މިހާރު ރޭޑިއޯގެ ވަރަށް ރަށްޓެހި ދެ އަޑުގެ ވެރިން ކަމަށްވާ މުހައްމަދު ރަމީޒާއި ނަސްރުﷲ އިދުރީސް އެވެ.

"މިހާރު ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދަވާކަން އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އެއީ އަޅުގަނޑު އުފެއްދި ޕްރޮގްރާމެއް ކުރިއަށް ދާތީ، އުއްމީދުކުރަނީ އެގޮތަށް އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށް މިހާރު ތިއްބެވި ބޭފުޅުން، މިހާރު ޕްރޮގްރާމް ކުރިއަށް ގެންދަވާ މުހައްމަދު ރަމީޒާއި ނަސްރުﷲ އިދުރީސްއަކީ ވެސް ވަރަށް ގާތް ދެ ބޭފުޅުން، އަޅުގަނޑުމެންގެ ގޮތަށް އެ ބައްޓަން ކޮށްފައިވަނީ،" ބަދުރު ވިދާޅުވި އެވެ.

ބާއްޖަވެރި ހެނދުނެއްގެ ޕްރޮގްރާމްގެ އެއް ބާނީ ބަދުރު އެދެނީ ރޭޑިއޯއަށް އަދިވެސް ބާއްޖެވެރި ދުވަސްތަކަކަށެވެ. ރާއްޖޭގައި މިހާރު ރޭޑިއޯ ދޭ އިސްކަން ކުޑަވުމަކީ އެ ބޭފުޅާ އެންމެ ކަންބޮޑުވާ ކަމެވެ. އެކަން ބަދަލުވެ، ރޭޑިއޯގެ ބޭނުން އިތުރުކޮށް، ރޭޑިއޯއަށް ދޭ އިސްކަން ބޮޑުކުރުމަކީ އެންމެ އެދިވަޑައިގަންނަވާ ކަމެވެ.

"އަޅުގަނޑު ހިތަށް އަރާ މިއަދު ވެސް ރޭޑިއޯއަށް ގައުމަށް ހާދަ ބޮޑު ހިދުމަތެއް ކޮށްދެވޭނެއޭ، ރައްޔިތުންނަށާއި ގައުމަށް، ކީއްވެގެންބާއޭ އެހާ ބޮޑަށް އެކަން ހަނދާން ނެތިގެން އެ ދަނީ އެއީ އަޅުގަނޑު ހިތަށް އަރާ އެއްޗެއް،" ބަދުރު ވިދާޅުވި އެވެ.