ދީން

ރޯދައިގެ ދަރުމަ: ރޯދަޔަށް ހުއްޓަސް ކުޅިވަރުތައް ކުޅެވޭނެ!

ރަމަޟާން މަހުގެ "އަވަސް"އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދު މައުލޫއަކީ "ރޯދަމަހު ކުޅިވަރުކުޅުން" އެވެ. ރޯދައިގެ ދަރުމައަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު އަވަސްއިން ޕްރޮގްރާމެކެވެ.

ރޯދައަށްހުރެ ކުޅިވަރު ކުޅެވިދާނެ ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުން ކުރާނެ ސުވާލެކެވެ.

ރޯދަ މަހުގައި ވެސް އަދި އެ ނޫން މަސްތަކުގައި ވެސް އުފާކުރަންޖެހެ އެވެ. ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ކަންކަން ކުރަންޖެހެ އެވެ. އެއީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއް ނޫނެވެ.

އެހެންނަމަވެސް މި ކަންތައްތަކީ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ކަނޑައަޅުއްވަވާފައިވާ ކަންތައްތަކެވެ. ރޯދައަށް ތިބޭއިރު ނަމާދުކުރުމާއި ޒިކުރުކުރުމާއި ސަދަގާތްކުރުން ފަދަ އަޅުކަންތައްތައް ކުރުމުގެ އިތުރުން ހިތްހަމަ ޖައްސާލުމަށް އިސްލާމް ދީން މަނާކޮށްފައިނުވާ ކުޅިވަރެއް ކުޅެވިދާނެ އެވެ. އެއީ ފުޓްބޯޅަ ކުޅުން ކަމުގައިވީ ނަމަވެސް ނުވަތަ ގޭމެއް ކުޅުން ކަމަށްވީ ނަމަވެސް އެވެ.

އިސްލާމް ދީން ނަހީކުރައްވާފައިނުވާ ކުޅިވަރެއް ކުޅުމަކީ އޭގެ ސަބަބުން ރޯދައަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ.

އިސްލާމް ދީން އަންގަވާފައިވަނީ އިސްލާމް ދީނުގެ ގިޔުގަނޑުގެ ތެރެއިން އަހްލާގީ ހަމަތަކުގެ މަތިން ހުރިހާ ކަމެއް ވެސް ކުރުމަށެވެ. އަހްލާގީ ހަމަތަކުގެ މަތިން ހިތްހަމަޖެހުން ހޯދުމާއި އުފާ ހޯދުމަށް ކުޅިވަރުތައް ކުރުމުގައި ގޯހެއް ނެތް ނަމަވެސް އޭގެ ސަބަބުން އަޅުކަންތައްކަށް އެއްވެސް ބުރުލެއް އަރައިގެން ނުވާނެ އެވެ. ރޯދަ މަހު އެންމެ އިސްކަމެއް ދޭން ޖެހޭނީ އަޅުކަންތައް ކުރުމާއި ދުއާކުރުމަށެވެ. އެހެންކަމުން ރޯދަ މަހު ހެޔޮ އަމަލުތައް ގިނަކުރަންޖެހެ އެވެ.

މީގެއިތުރުން ކަސްރަޓުކުރުމާއި ކުޅިވަރުކުރުމަކީ ހަށިގަނޑު ވަރުގަދަކޮށް ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކުރާ ކަމަކަށްވާނަމަ އެއީ ވެސް އަޅުކަމަކަށް ވާނެ އެވެ. މާތްﷲ ވަހީކުރައްވާފައިވަނީ ހެޔޮ އެއްވެސް އަމަލެއް ގެއްލެނިވި ނުކުރައްވާނެ ކަމަށެވެ.