ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ކާތަކެތި އިސްރާފުނުކޮށް ހަދިޔާކުރޭ!

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު ރަމަޟާން މަހުގެ "އަވަސް"އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދު މައުލޫއަކީ "ކާތެކެތީގެ އިސްރާފް" އެވެ.

ހުރިހާ ކަމެއްގައި ވެސް މެދުމިން ހިޔާރުކުރުމަކީ އިސްލާމް ދީނުގެ މަންހަޖެވެ. ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ސުންނަތަކީ ވެސް އެީ އެވެ. އެއްވެސް ކަމެއްގައި އިސްރާފުކުރުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެކެވެ. ވަކިން ހާއްސަކޮށް ކެއިންބުއިމުގައި އިސްރާފުކުރުން ވަނީ ނަހީކުރައްވާފަ އެވެ. އިސްރާފުކުރުމަކީ މާތްﷲ ލޯބިވެވޮޑިގެންވާ އަމަލެއް ނޫން ކަމަށް ކީރިތި ޤުރުއާންގައި ވެސް ވަނީ ބަޔާން ކުރައްވާފަ އެވެ.

އެހެންކަމުން ރޯދަ ވިއްލުމަށް ގޭގައި ތައްޔާރުކުރާ ތަކެއްޗަކީ އޭގެއްގައި ދިރިއުޅޭ މީހުންނަށް ވާވަރަށް ތައްޔާތުކުރެވޭ ތަކެއްޗަށް ވާންޖެހޭނެ އެވެ. ދިރިއުޅޭ މީހުންނަށްވުރެ އިތުރަށް ކާތަކެތި ތައްޔާރުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންވެއްޖެނަމަވެސް ކަންތައްތައް ކުރުން އެންމެ ރަނގަޅީ އެތަކެތި އިސްރާފްނުކޮށް ހެޔޮ ގޮތުގަ އެވެ.

އެގޮތުން ރާއްޖޭގައި އުޅޭ މުސްލިމު ބޭރުގެ ގައުމުތަކުގެ މަސައްކަތު މީހުންނަށް ނުވަތަ ފަގީރުންނަށް އިތުރުވާ ތަކެތި ސޮދަގާތް ކުރެވިދާނެ އެވެ. ނޫނީ އަވަށްޓެރިންނަށް ވެސް އެތަކެތި ފޯރުކޮށްދެވިދާނެ އެވެ. އަވަށްޓެރިންނަށް ތަކެތި ހަދިޔާކުރުމަކީ ވެސް އިތުރު ސަވާބާއި ދަރުމަ ލައްވަވާފައިވާ ކަމެކެވެ.

ރޯދަ މަހަކީ ސޮދަގާތް ކުރުމާއި ހެޔޮ އަމަލުކުރުން އިތުރު ކުރުމަށް އަންގަވާފައިވާ މައްސަރެކެވެ. އެހެންކަމުން ގޭގައި ތައްޔާރުކުރާ ކާތަކެތިން ވެސް ސޮދަގާތް ދެވިދާނެ އެވެ.