ލައިފްސްޓައިލް

ފޭސްބުކަކީ އެންމެ ގާތް، އެންމެ އަޅައިލާ މީހާ!

"އޭ ކޮބައި ކިހިނެއް؟" މިހެން އަހާލަން ރައްޓެއްސަކަށް ގުޅާލަން ވެސް މިހާރު އޮންނަނީ ވަގުތެއް ނުވެ އެވެ. ވާނީ އެހެނެވެ. ގެއިން އޮފީހަށް، އޮފީހުން ގެއަށް ވިއްޔާ އެވެ. ދިރިއުޅުން ވަރަށް ބުރަ އެވެ. އަނގަޔާއި އަތާ ދިމާކޮށް، ގޭގެ ކުލި ދައްކާލެވެނީ އެވަރަށް ތެޅިގެނެވެ.

ބުރަކޮށް އުޅެފައި ގޮސް އެނދަށް އަރައި، ނޫނީ އަރާމްކޮށްލަން އިށީންނަ ވަގުތުތަކުގައި އެހެން މީހުން އުޅޭ ގޮތް ބަލާލައި، ރައްޓެހިންގެ ހާލު ބަލާލުމަށް ލޯ ހިންގާލެވެނީ އެންމެ އެއްޗަކަށެވެ. ފޯނަށެވެ. ފޯނުން ފޭސްބުކަށެވެ. އެޔާ ނުލާ މިހާރު އުޅެން އުދަނގޫވެފައިވާ ފޭސްބުކަށެވެ.

ދެބަސްވާން އުޅުނަސް ދެބަސް ނުވެވޭނެ ކަމަކީ މިއީ އެވެ. ފޭސްބުކަކީ މިހާރު އަހަރެމެންގެ ހަށިގަނޑުގެ ބައި ކަމެވެ. އެހާ ވެސް ބޮޑަށް މިއޮތީ އެންމެން އެޔާ ގުޅިފަ އެވެ. ގުޅިފައިވާ މިންވަރު ކިޔައިދެން ހެއްޔެވެ؟

ގެއިން ބޭރަށް ނިކުމެ ފޯނު ބަލާލީމެވެ. އަހާނ! ފޭސްބުކުން އެއްޗެއް އަންގާފައި އެބަ އޮތެވެ. "ތިއުޅޭ ސަރަހައްދުގެ މޫސުން ގޯސް، ވާރެއިން ސަލާމަތްވުމަށް ރައްކާތެރިވޭ،" މިއީ ހަމަ ފޭސްބުކުން ދީފައިވާ އޮތް އިރުޝާދެވެ.

ދެން އައީ އުފަންދުވަހެވެ. ގާތް ރަހުމަތްތެރިޔާގެ ހަދިޔާއަށްވުރެ ކުރިން ނުވަތަ ސަޕްރައިޒް ޕާޓީއަށްވުރެ ކުރިން ފޭސްބުކުން އުފަންދުވަސް ފާހަގަކޮށްދިނެވެ. ހިނިތުން ގެނުވާފަދަ ވީޑިއޯއެއް ދެއްކި އެވެ.

ކަލަންޑަރުގައި ނޯޓުކޮށްގެން ނޫނީ ޑައިރީގައި ލިޔެގެން މިހާރު ރައްޓެހިންގެ އުފަން ދުވަހެއް ހަނދާނެއް ނުބެހެއްޓޭނެ އެވެ. އެއިން ދުވަހެއް ހަނދާން ނެތިއްޖެނަމަ އެކަމަކު ޒަމާން ދިޔައީ އެވެ. ކައި ނޮޅާލާނެ އެވެ. އެކަމުން ސަލާމަތް މިކޮށް ދެނީ ވެސް އެއްކަލަ ފޭސްބުކެވެ. ރައްޓެހިންގެ އުފަން ދުވަސް "އެބަ އާދެއޭ އެބަ އާދެއޭ" ކިޔާ މާކުރިޔާލާ ހަނދާން ކޮށްދެ އެވެ. އަދި އެ ދުވަސް އައުމުން މިއޮތް އައީއޭ އަވަހަށް "ވިޝް" ކުރަން އަންގަ އެވެ. ލޯބިލޯބި ވީޑިއޯއެއް ވެސް ފޮނުވާލުމަށް ފުރުސަތު އޮންނަނީ ދީފަ އެވެ.

"މިހާރު ހިތުގައި އޮތީ ކޮން އެއްޗެއް" އިރު އިރު ކޮޅާ މިހެން ވެސް އަހަ އެވެ. އެންމެ ގާތް މީހުން ވެސް އެވަރަށް ނާހާނެ އެވެ. ރައްޓެރިންނާއެކު ކުރިން ހޭދަކޮށްފައިވާ ދުވަސްތަކާއި ވަގުތުތައް ވެސް ހަނދާންކޮށްދެ އެވެ. ކަމަކަށް އަހަރެއް ހަމަ ވާއިރު "އެއީ މިއީ މިކަމަށް މިވެނި އަހަރެއްވީ ދުވަހޭ" ބުނެ އެވެ. އަޅެ ރަނގަޅެއް ނޫން ހެއްޔެވެ؟

ފޭސްބުކްގެ މި "އަމަލުތަކުގެ" ސަބަބުން އެއަކީ ވަރަށް ގާތް އެއްޗަކަށް މިއޮތީ ނޭނގި ހުއްޓާވެފަ އެވެ. އެންމެ ގާތް އެކުވެރިޔާ އެވެ. އެންމެ އަޅާލާ ވެސް އެކުވެރިޔާ އެވެ. އިހުސާސްތައް އަހައި، އިހުސާސްތައް އެންމެ ރަނގަޅަށް ދަންނަ ވެސް އެކުވެރިޔާ އެވެ. އެހެންވެ ފޭސްބުކްއާ ދުރުވާށޭ ބުނާ ބުނުމާ ދެކޮޅު ހެދެނީ މިހެންވެ އެވެ. އެއާ ގާތްވާ މީހުން ފަތު އަޑު ކިޔާފައި އިތުރުވަނީ ވެސް އެހެންވެތާ އެވެ.