ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ޤުރުއާން ކިޔެވުން ވީހާ ވެސް ގިނަ ކުރޭ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު ރަމަޟާން މަހުގެ "އަވަސް"އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދު މައުލޫއަކީ "ރޯދަ މަހާއި ޤުރުއާން" އެވެ.

ރޯދަ މަހު ޤުރުއާން ކިޔުވުން ނުވަތަ ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ޤުރުއާން ހަތިމްކުރުމަކީ ވާޖިބު ކަމެއް ކަމަށް ނުވީ ނަމަވެސް އެއީ ސުންނަތެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފަ އެވެ.

އޭގެއިތުރުން އުއްމަތު މާތް ސަލަފުން ސޯލިހުންގެ ހަޔާތްޕުޅުގައި ވެސް ރޯދަ މަހު ޤުރުއާން ކިޔުއްވައި ހިތުދަސް ކުރައްވާފައިވެ އެވެ. އަދި އެ ބޭފުޅުން ރޭ އަޅުކަމުގައި ވެސް ޤުރުއާން ވަރަށް ގިނައިން ކިޔުއްވާކަން ސީއަރަތުން އެނގެން އޮވެ އެވެ. ކީރިތި ރަސޫލާ ވަނީ ޤުރުއާން ކިޔަވާ މީހުންނަށް ތައުރީފް ވެސް ކުރައްވާފަ އެވެ.

ކީރިތި ޤުރުއާނަކީ ނޫރެކެވެ. ހިދާޔަތެކެވެ. އެހެންކަމުން އެ ހިދާޔަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހެ އެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ރޯދަ މަހު އެވެ. އެއީ ރަމަޟާން މަހަކީ ޤުރުއާން ބާއްވާލެވުނު މައްސަރަށްވާއިރު އެ މައްސަރު ވެގެން ދާނީ ޤުރުއާންގެ މައްސަރަށް ވާތީ އެވެ. މިއީ ޤުރުއާން ހިތުދަސްކޮށް، ޤުރުއާން މުރާޖާކުރުމުގެ މައްސަރެވެ.