ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ރަސޫލާ ރޯދަ މަސް ހޭދަކުރެއްވީ ކިހިނެތް؟

ރަމަޟާން މަހުގެ "އަވަސް"އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" ހުކުރު ދުވަހަށް ހާއްސަ މައުލޫއަކީ "ރަސޫލާ މުހައްމަދު صلى الله عليه وسلم ރަމަޟާން މަސް ހޭދަކުރެއްވި ގޮތެވެ." ރޯދައިގެ ދަރުމައަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު އަވަސްއިން ޕްރޮގްރާމެކެވެ.

ރަސޫލާ މުހައްމަދު صلى الله عليه وسلم ރަމަޟާން މަސް ހޭދަކުރެއްވީ ކިހިނެއް ހެއްޔެވެ؟

ރަމަޟާން މަސް ފާހަގަވެގެން ދިޔައީ ކީރިތި ރަސޫލާގެ އަޅުވެރިކަމާއި ދީލަތްތެރިކަމާއި ހުލުގުހެޔޮފުޅުކަމާއި މާތްކަން މި އުއްމަތަށް އިތުރަށް ބަޔާންކޮށްދިން ދުވަސްތަކެއްގެ ގޮތުގަ އެވެ. އެކަލޭގަފާނު ރޯދަ މަހަށް އެ މަސް އައުމުގެ އެތައް ދުވަހެއް ކުރިން ތައްޔާރުވެ ވަޑައިގަންނަވަ އެވެ. އަދި އެ މައްސަރުގެ މާތް ކަމާއި އެ މަހުގައި ލައިލަތުލް ގަދުރިވިލޭ ރޭ ހިމެނޭ ކަމުގެ އުފާވެރި ހަބަރުތައް ރޯދަ މަސް ގާތްވުމުން ސަހާބީންއަށް ދެއްވަ އެވެ.

ރޯދަ މަސް ފެށުމާއެކު ރޯދަ ހިއްފެވުމާއި އަޅުކަންތައް ރަސޫލާ އިތުރުކުރައްވަ އެވެ. ރަސޫލާ ރޯދަ ފައްޓަވަނީ ހާރު ފަރިއްކުޅުވަމުންނެވެ. ބައެއް ފަހަރު އަނބިކަނބަލަކާއެކު އަނެއް ބައި ފަހަރު ސަހާބީންއާއެކު އެކަލޭގަފާނު ހާރު ފަރިއްކުޅުވަ އެވެ. ރަސޫލާ ވަނީ ކަދުރުންނާއި ހަމައެކަނި ފެން ފޮދަކުން ވެސް ހާރު ފަރިއްކުޅުވާފަ އެވެ.

ދެން އެކަލޭގަފާނު އިންތިޒާރުކުރައްވަނީ ފަތިސް ނަމާދު ވަގުތަށެވެ. ފަތިސް ނަމާދު ވަގުތާއި ހާރު ކެއުމާ ދޭތެރޭ 50 އާޔަތް ކިޔޭ މިންވަރުގެ ވަގުތެއް ސުންނަތް ނަމާދު ކުރެއްވުމުގައި ވަގުތު ހޭދަކުރައްވާ ކަމަށް ބައެއް ހަދީޘްތަކުގައިވެ އެވެ. އެއަށްފަހު ފަތިސް ވަގުތު ޖެހުމުން ފަތިސް ނަމާދު ޖަމާއަތުގައި ކުރައްވަ އެވެ.

ފަތިސް ނަމާދަށްފަހު އިރު އަރަންދެން ޒިކުރު ކުރެއްވުމުގައި ރަސޫލާ މިސްކިތުގައި އިންނަވަ އެވެ. އަދި އިރުއެރުމާއެކު ދެ ރަކުއަތުގެ ނަމާދެއް ކުރައްވަ އެވެ. ހަދީޘްތަކުގައިވާ ގޮތުގައި ފަތިސް ނަމާދަށްފަހު ޒިކުރުކުރުމަށްފަހު އިރު އެރުމުން ދެ ރަކުއަތުގެ ސުންނަތް ނަމާދެއް ކުރުމަކީ އުމްރާއެއްގެ ސަވާބު ލިބޭ ކަމެކެވެ. އެ ނަމާދަށްފަހު ހެނދުނާއި ހަވީރުގެ ދުއާތައް ކިޔުއްވަ އެވެ.

މިސްކިތުން ނިކުމެވަޑައިގެން އާއިލާ ބޭފުޅުންނާއި އަނބިއަނބިކަނބަލުންނަށް ހިދުމަތް ކުރެއްވުމަށް ދެން އެކަލޭގެފާނު ވަޑައިގަންނަވީ ކޮޓަރިކޮޅަށެވެ. ރަސޫލާއަކީ ގޭތެރޭގެ މަސައްކަތް ވެސް ކުރައްވައި، އަނބިއަނބިކަނބަލުންނަށް ހިދުމަތް ކޮށްދެވި ރަސޫލެކެވެ.

ރަސޫލާ ރޯދަ ވިއްލަނީ ކަދުރުންނެވެ. އެއީ މަތިވެރިވެގެންވާ ސުންނަތެކެވެ. ކަދުރު ނުލިބިއްޖެނަމަ ރޯދަ ވިއްލަވަނީ ފެނުންނެވެ. ބަންގި ގޮވުމާއެކު ރޯދަ ވިއްލުން އަވަސްކުރުމަކީ ވެސް އެކަލޭގެފާނުގެ ސުންނަތެކެވެ. އެއަށްފަހު އެކަލޭގެފާނު މަޣްރިބު ނަމާދު ކުރައްވަ އެވެ. އެ ނަމާދަށްފަހު ކޮޓަރިކޮޅަށް ވަޑައިގެން ދެ ރަކުއަތުގެ ނަމާދެއް ކުރައްވައި އިޝާ ނަމާދަށް އިންތިޒާރުކުރައްވަ އެވެ. އިޝާ ނަމާދަށްފަހު ތަރާވީސް ނަމާދު ކުރައްވަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފު ރަސޫލާ ކުރައްވަ އެވެ. އިއުތިކާފަށް އިނުމަކީ މިސްކިތުގައި ޤުރުއާން ކިޔުމާއި ޒިކުރުކުރުމާއި އަޅުކަމުގައި ހޭދަކުރުމެވެ. އެއީ މާތް ސުންނަތެކެވެ. ރަސޫލާ ވަނީ ރަމަޟާން މަހު، ފިތުރު ޒަކާތް ވެސް ދައްކަވާފަ އެވެ.