ރޯދަ މަހާ ރޯއްޖާ

ރޯދައިގެ ދަރުމަ: ރޯދައަށް ހުރެ ސެންޓް ޖެހޭނެތަ؟

ރަމަޟާން މަހުގެ "އަވަސް"އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ރޯދައަށް ހުރެ ސެންޓް ޖެހުން" އެވެ. ރޯދައިގެ ދަރުމައަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު އަވަސްއިން ޕްރޮގްރާމެކެވެ.

ރޯދައަށް ހުރެ ސެންޓާއި އަތަރުލުމުން ރޯދައަށް އޭގެ އެއްވެސް އަސަރެއް ކުރާނެ ހެއްޔެވެ؟

ސާފުތާހިރުކަމަކީ އިސްލާމް ދީނުގައި މަތިވެރި، މާތް ދަރަޖައެއް ދެއްވާފައިވާ ކަމެކެވެ. ސާފުތާހިރުވުމާއި ޒީނަތްތެރިވުމާއި ރީތި ފޭރާންލުމަކީ އިސްލާމް ދީން ބާރުއަޅާ ކަންކަމެވެ. ކޮންމެ ނަމާދެއް ކުރިން ވެސް ވުޟޫކުރަން އަންގަވާފައިވުމުން އިސްލާމް ދީނުގައި ސާފުތާހިރުވެ ތާހިރުވުމަށް ބާރުއަޅާ މިންވަރު ހާމަވެ އެވެ. ހިނޭ ގަތުމަށް ވެސް ވަނީ ފަރުޟުކުރައްވާފަ އެވެ. އެކަންކަމުން ވެސް އެނގެނީ ސާފުތާހިރުކަމަށް އިސްލާމް ދީނުގައި ދީފައިވާ ގަދަރާއި މުހިންމު ކަމެވެ.

ރޯދައަށް ހުންނަ މީހެއް ނަމަވެސް ސާފުތާހިރުވެ ހުރުމަށް ދީނުގައި ބާރުއަޅާފައިވެ އެވެ. އެހެންކަމުން ރޯދަވެރިޔާ ޒީނަތްތެރިވުމަކީ އެކަމުން ރޯދައަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ޒީނަތްތެރިވުމުގެ ގޮތުން އަތަރު ލައި ނުވަތަ ސެންޓް ޖެހުމުން އޭނާގެ ރޯދައަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ އެވެ. އެކަމަކު ސެންޓްގެ ވަސް އަބަދު ބަލާނަމަ އެއީ، ރޯދަ މަކުރޫހަވެގެން ގޮސްދާނެ ކަމެކެވެ. ސެންޓާއި އަތަރުގެ އިތުރުން ފެންވެރުމަށް މީރު ވަސް ދުވާތަކެތި ބޭނުން ކުރުމަކީ ވެސް ރޯދަ ގެއްލޭނެ ކަމެއް ނޫނެވެ.

އަންހެނުން ވެސް ގޭގައި އުޅޭއިރު އާއި މަސައްކަތްކުރާއިރު އާއި މީހުން ބައްދަލުކުރުމަށްދާއިރު ޒީނަތްތެރިވެ، ރީތި ހެދުންލުމަކީ އޭގެ ސަބަބުން ރޯދައަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ހީނަތްފަތް އެޅުމާއި އަނދުން އެޅުމާއި ބޮލުގަ ތެޔޮލުމަކީ ވެސް ރޯދައަށް އެއްވެސް އަސަރެއް ކުރާނެ ކަންކަމެއް ނޫނެވެ.