ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ރޯދަ މަހު އަނބިފިރިކަމުގެ ގުޅުން

ރަމަޟާން މަހުގެ "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ރޯދަ މަހު ދެމަފިރިކަމުގެ ގުޅުން ހިންގުން" އެވެ. ރޯދައިގެ ދަރުމައަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު އަވަސްއިން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. ކީރިތި ޤުރުއާންގެ މައްސަރެވެ. އާހިރަތް ހޯދުމަށް މަސައްކަތް ކުރުމަށް އޮތް ވަރަށް ބޮޑު މަދަރުސާއެކެވެ. ރަމަޟާން މަހަކީ ސަދަގާތާއި ދަމު ނަމާދާއި ތާރާވީހުގެ މައްސަރު ވެސްމެ އެވެ.

ރޯދަ މަހަކީ ހެޔޮ އަމަލުކުރުމުގެ އެންމެ މާތް މައްސަރަށްވާއިރު ދުވާލު ރޯދައަށް ތިބެފައި، ރޭގަނޑު ދެމަފިރިންނަށް އަނބިފިރިކަމުގެ ގުޅުން ހިންގިދާނެތޯ އެއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

އެ ގުޅުން ހިނގިދާނެ އެވެ. އެއީ މާތްﷲ ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ރޯދަ މަހު ރޭގަނޑު ދެމަފިރިކަމުގެ ގުޅުން ހިންގުން މަނާ ކުރައްވާފައެއް ނުވެ އެވެ.

ދެމަފިރިންގެ މަތިވެރި ޒަވާޖީ ގުޅުން މާތްﷲ ސިފަކުރައްވާފައިވަނީ އެކަކު އަނެއްކަކަށްވާ ފޭރާމެއްގެ ގޮތުގަ އެވެ. އެހެންކަމުން ދެމަފިރިންގެ ދެމެދުގައި އުފެދިފައިވާ ލޯބާއި ކުލުނު އެކަކު އަނެއްކަކަށްދީ، ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުގައި އެކަކު އަނެއްކު ލޯބި ކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫނެވެ.

ދެން އުފެދޭ ސުވާލަކީ ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުގައި އަނބިފިރިކަމުގެ ގުޅުން ހިނގަން ތިއްބާ ނިދި، އޭގެ އަނެއް ދުވަހު ހޭލެވިއްޖެނަމަ ވަނީ ކިހިނެއްހޭ ހެއްޔެވެ. އެ ދުވަހު އޭނާ ހިފާ ރޯދަ ސައްހަ ވާނެ ހެއްޔެވެ؟

ސައްހަ ވާނެ އެވެ. އެއީ، ރޯދައާއި އެކަމާ އެގޮތަށް ގުޅިފައިވާ ކަމަކަށް ނުވާތީ އެވެ. ޖުނުބުވެރި ހާލަތުގައި ހުއްޓާ ނިދިއްޖެ ހާލަތެއްގައި ނުހޭލި، ހެނދުނު ހޭލެވިއްޖެ ނަމަވެސް އޭނާގެ ރޯދަ ސައްހަ ވާނެ އެވެ.

އެކަމަކު ރޯދައަށް ހުންނައިރު އަނބިމީހާ ކައިރީގަ އުޅޭއިރު ރޯދައަށް އަސަރެއް ނުކުރާނެ ގޮތަށް އުޅުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. ދުވާލުގެ ވަގުތުގައި ދެމަފިރިން އެކަކު އަނެއްކަކަށް އަޅުކަންތައްތަކަށް ހިތްވަރު ދެއްވުމަކީ މުހިންމު ކަމެކެވެ. ކީރިތި ރަސޫލާ ވެސް ވަނީ އެފަދައިން އަމަލުކުރައްވާފަ އެވެ.