ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ދުއާކުރުން ވީހާވެސް ގިނަ ކުރޭ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ދުއާކުރުމެވެ."

ރޯދަ މަހަކީ އަޅުކަމުގެ މައްސަރަށްވާއިރު ރޯދަ މަހު ދުއާކުރުމަކީ މުހިންމު ކަމެކެވެ. އަޅުކަމުގެ ތެރެއިން އެންމެ މާތް ކަމަކީ މާތްﷲ އަށް ދުއާކުރުން ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެ އެވެ. ކީރިތި ޤުރުއާންގައި ވެސް ދުއާކުރުމުގެ މާތްކަން ވަނީ ބަޔާން ކޮށްދެއްވާފަ އެވެ.

މާތްﷲ އަކީ އެންމެ ލަދުވެތިވެވޮޑިގެންވާ ރަސްކަލާނގެ އެވެ. ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި އަޅަކު ދުއާކުރުމަށް އަތް އުފުލައިފިނަމަ އެއަށް އިޖާބަ ނުދެއްވުމަށް މާތްﷲ ލަދުވެތިވެވޮޑިގެންވެ އެވެ. އެހެންކަމުން ދުއާއަށް އަތް އުފުލުމަކީ ދުއާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދެން އަދަބުތަކުގެ ތެރޭގައި ހިމެނެނީ، ދުއާ ކުރުމުގައި އިހުލާސްތެރިވުމާއި ދުއާ ފެށުމުގެ ކުރިނާއި ނިންމާއިރު ހަމްދުކުރުމާއި ރަސޫލާއަށް ސަލަވާތް ކިޔެވުމެވެ.

ދުއާ އިޖާބަ ކުރެއްވޭނެ ހާއްސަ ވަގުތެއްގައި ވެސްވެ އެވެ. އެގޮތުން ހުކުރު ދުވަހު އިމާމު މިންބަރަށް އެރުމުގެ ކުރީގެ ވަގުތުކޮޅުގައި އާއި ބަންގި އާއި ގަމަތާ ދެމެދު އާއި ވާރޭވެހޭ ވަގުތާއި ދަންވަރުގެ ވަގުތަކީ ދުއާ އިޖާބަކުރައްވާ ވަގުތުތެކެވެ. އޭގެއިތުރުން ހުކުރު ދުވަހު އަސްރު ނަމާދު ފަހުން މަޣްރިބު ނަމާދާ ދެމެދު އާއި އަރަފާތު ދުވަހާއި ރޯދަ މަހުގެ ރޭތަކަކީ ވެސް ދުއާ އިޖާބަކުރުމަށް ލައްވާފައިވާ ހާއްސަ ވަގުތުތެކެވެ.

ސުންނަތް ނަމާދުތަކުގައި ސަޖިދައިގައި ދުއާ ކުރުމަކީ ވެސް މާތްވެގެންވާ ކަމެކެވެ. ނަމަވެސް ރުކޫގައި އެއީ ދުއާ ކުރެވޭ މަގާމެއް ނޫނެވެ. ނަމާދު ނިންމާފައި އަތް އުފުލައި ދުއާ ކުރެވޭނެ އެވެ.

ޖާއިޒު ކޮންމެ ކަމަކަށް ވެސް ދުއާ ކުރެވިދާނެ އެވެ. ބަލިން ސިފާ ހޯދުމަށް ދުއާ ކުރެވޭނެ އެވެ. ތިމާ ހާސިލުކުރަން ބޭނުންވާ ރަނގަޅު ކޮންމެ ކަމެއް ހާސިލުކުރުމަށާއި ރަނގަޅު ނަތީޖާއެއް ހޯދުމަށް ދުއާ ކުރެވޭނެ އެވެ. މައިންބަފައިންނާއި ދަރިންނަށް ދުއާ ކުރެވޭނެ އެވެ. އަރަބި ބަހުން ދުއާ ކުރުން ކޮންމެ މުހިންމެއް ނޫނެވެ. އަރަބި ބަސް ނޭނގޭނަމަ ދިވެހި ބަހުން ވެސް ދުއާ ކުރެވޭނެ އެވެ.

ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި ގަދަރު ބަދަލުކުރެވޭނެ ހަމައެކަނި އެއްޗަކީ ދުއާ ކަމަށެވެ.