ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ކުޑަ ކުދިން ރޯދައަށް ބައިތިއްބަން ވާނެތަ؟

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ކުޑަ ކުދިން ރޯދައާއެކު ތަމްރީނު ކުރުވުން،" އެވެ.

ކުޑަ ކުދިން ރޯދައަށް ބޭތިއްބުމަކީ ކިހާ މުހިންމު ކަމެއް ހެއްޔެވެ؟

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި ކޮންމެ ކުއްޖެއް ވެސް ދުނިޔޭގެ އަލިކަން ދެކެނީ ފިތުރަތުގެ ސާފުކަން މަތީގަ އެވެ. އެއަށްފަހު އެ ކުއްޖާ ފިތުރަތުގެ ހަމަތަކުން ބޭރުކޮށްލަނީ އެ ކުއްޖާގެ މައިންބަަފައިން ކަމަށެވެ. އެ ކުއްޖާ ޔަހޫދީއަކަށް ނަސްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިން ކަމަށެވެ.

މި ހަދީޘް ދޭހަކޮށްދެނީ ކުއްޖާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަމާއެކު ކަމާއި ހެޔޮ ކަންތައްތަކާއި ހެޔޮ މަގު ބަލައިގަތުމުގެ މަތިވެރި ސިފަ އާއި ވިސްނުން ކުއްޖާގެ ކިބައިގައި ލައްވާފައިވާނެ ކަމެވެ.

އެހެންކަމުން މުސްލިމް މުޖުތަމައުގައި ޅަ ދަރިން ހެދިބޮޑުވަމުންދާއިރު ރޯދައާއެކު ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެވެ. ކުޑަ ކުދިންނަށް ރޯދަ ފަރުޟު ކުރައްވާފަ އެއް ނުވެ އެވެ. ނަމަވެސް ސަހާބީންގެ ދައުރުގައި ވެސް ކުޑަ ކުދިން ރޯދައަށް ބައިތިއްބާ، ކުދިން ރޯދައަށް ހާނުވާފައިވެ އެވެ.

ކުދިންގެ ގައިގާ ހުންނާނީ ކުޑައިރުން ފެށިގެން ހާނުވާ ސިފަތެކެވެ. އެހެންކަމުން ކުޑައިރު ހެޔޮ އަމަލުތައް ކުރުމަށް ކުދިންނަށް ހިތްވަރުދީ، އެ ކުދިން ގޮވައިގެން އަޅުކަންތަކުގައި މައިންބަފައިން ޝާމިލުވެ އުޅުމަކީ މުހިންމު ކަމެވެ.