އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ތަރާވީހް ނަމާދާއި ދަމު ނަމާދު" އެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަވެ. އެ މައްސަރުގެ ރޭތައް އަޅުކަމުން އިހުޔާކޮށް ދިރުވުމަކީ މާތް ސުންނަތެކެވެ. މަތިވެރި ޖިހާދެއް ވެސްމެ އެވެ. ހާއްސަކޮށް ތަރާވީހު ނަމާދުކުރުމަކީ ރަމަޟާން މަހު މުސްތަހަބު ކަމެކެވެ. އިލްމްވެރިން ވިދާޅުވެފައިވާ ގޮތުގައި ތަރާވީހު ނަމާދަކީ ރޭ އަޅުކަމުގެ ތެރޭގައި ހިމެނޭ ނަމާދެކެވެ.
ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި ރަމަޟާން މަހުގެ ރޭތައް އިހުޔާކޮށް ދިރުވުމަށްޓަކައި ނަމާދުކޮށް
ގިޔާމުއްލައިލް އަދާކުރާ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވައިދެއްވާނެ އެވެ.
ތަރާވީހު ނަމާދުކުރުމުގައި އެންމެ މާތް ގޮތަކީ ޖަމާއަތުގައި ކުރުމެވެ. އަދި ތަރާވީހު ނަމާދު ނިމެންދެން އިމާމާއެކު ސާބިތުވެ ހުރެއްޖެނަމަ އެއްކޮށް ރެއަކު އަޅުކަންކުރި ފަދަ ކަމަށް ހަދީޘެއްގައި ބަޔާންކޮށްފައިވެ އެވެ.
ތަރާވީހުގެ އެންމެ މަދުމިނަކީ އަށް ރަކުވަތެވެ. އެ އަށް ރަކުވަތުގެ އިތުރުން ވިތުރީގެ ތިން ރަކުވަތާއެކު 11 ރަކުއަތްކުރުމުން ސުންނަތް ހާސިލުވީ އެވެ. ވިހި ރަކުއަތްކޮށްފިނަމަ އެ ރޭ އެއްކޮށް އަޅުކަން ކުރުން ފަދަ އެވެ. އެހެންކަމުން ޒުވާން އުމުރުގައި ގައިގަ ވަރުހުއްޓާ ކޮންމެ ރެއަކު ވެސް 20 ރަކުއަތް ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.
ތަރާވީހު ނަމާދުކުރުމަށްފަހު ދަމު ނަމާދުކުރުމަށް ގަސްދުކޮށްގެން ހުރި މީހާ ވިތުރި ނަމާދުކުރުން އެންމެ ރަނގަޅަކީ ދަމު ނަމާދަށްފަހު އެވެ. އެއީ ވިތުރި ނަމާދަކީ ވީއެންމެ ފަހަކުން ކުރަން ޖެހޭ ނަމާދަކަށްވާތީ އެވެ. ވިތުރިއަކީ ތިން ރަކުއަތް ނަމަވެސް އެއް ރަކުއަތުން ވެސް ފުދޭނެ އެވެ.