ރޯދަ މަހާ ރޯއްޖާ

ރޯދައިގެ ދަރުމަ: ރޯދަވެރިޔާއަށް ހަރާން ކަންކަން

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ރޯދަވެރިޔާއަށް ހަރާމް ކަންކަން" އެވެ.

ރޯދަ މަހަކީ އަޅުކަމުގެ މައްސަރެވެ. ހެޔޮ އަމަލުތައް ގިނަ ކުރުމުގެ މައްސަރެވެ. މާތްވެގެންވާ މައްސަރަކެެވެ. އެ މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ލެއްޕޭ މައްސަރެވެ. ލައިލަތުލް ގަދުރިވިލޭރޭ ހިމެނޭ މައްސަރެވެ. އެހެންކަމުން މި މައްސަރުގެ ރޭތަކާއި ދުވަސްތައް ހޭދަކުރަން ޖެހޭނީ ހެޔޮ އަމަލުކުރުމުގަ އެވެ.

މި މާތް މައްސަރުގައި ރޯދަވެރިޔާއަށް މުސްތަހަބު އަދި ހަރާމް ކަންތައްތަކެއް ވަނީ ލައްވަވާފަ އެވެ. އެގޮތުން ރޯދައަށް ހުރެ ކެއުން ބުއިން ވަނީ ހަރާމް ކުރައްވާފަ އެވެ. ރޯދައަށް ހުރެ ދުވާލު އަނބިފިރިކަމުގެ ގުޅުން ހިންގުން ވެސް ވަނީ ހަރާމް ކޮށްފަ އެވެ. އަދި އާންމު ގޮތެއްގައި ރޯދަ މަހު ވެސް ޣީބަ ބުނުމާއި ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތައް ކިޔުންފަދަ ކަންކަމަކީ ވެސް ހުއްދަ ކަންކަމެއް ނޫނެވެ.

ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި ހަމައެކަނި ނުކައި ނުބޮއެ ހުރެގެން ރޯދަ ސައްހަ ނުވާނެ އެވެ. ރޯދައަށް ވާނީ މާތްﷲ އަށްޓަަކައި އިހުލާސްތެރިކަމާއެކު ރޯދައަށް ހުރެ، ހެޔޮ އަމަލުތައް މަތީ އިރުއޮއްސެންދެން ހުރެގެންނެވެ.