ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ތަރައްގީ ނުވިއްކި، ޕީޕީއެމް ބަލިވީ ކީއްވެ؟

ޕީޕީއެމްއަށް އެތައް ހާސް ބަޔަކު ގުޅިއްޖެ" "އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް ވެއްޖެ،" "3000 ބައިވެރިންނާއެކު ޕީޕީއެމްއިން މާލޭގައި ޑޯޓްޑޯ ހިންގައިފި"، "ޕީޕީއެމްއިން ކެމްޕެއިން ލީޑަރުން ތަމްރީނުކޮށްފި،" މިއީ މިފަހުން ނޫސްތަކުގެ ސުރުހީތަކުން އެންމެ ފަލަ އަކުރު ފެނިގެން ދިޔަ ބައެއް ވާހަކަތަކެވެ. ސަރުކާރު ހިންގާ، ޕީޕީއެމްއާ ގުޅޭ ގޮތުން އައިސްފައިވާ ބޮޑެތި ހަބަރުތަކުން މިންވަރެކެވެ.

އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އިންތިހާބަށް ތައްޔާރުވާން ޕީޕީއެމް ފެށީ ވަރަށް އަވަދިނެތި އެވެ. ދިވެހި ރާއްޖެ ދުވަހަކު ދެކޭނެ އެންމެ ހީވާގި ފަސްޓްލޭޑީ އާއި ތަރައްގީ ގެނެސް ދިނުމުގައި ނަތީޖާ ނެރެދެއްވަމުން ގެންދަވާ ރައީސަކާއެކު އެވެ.

ޕާޓީގައި ދިމާވީ އެތެރޭގެ މައްސަލަތަކާ ހެދި އިންތިހާބަށް ތައްޔާރު ނުވެވުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ޕާޓީން އެދުނު ގޮތަށް ވަގުތު ވެސް ލިބުނެވެ. އިތުރުކޮށްދިން ވަގުތާއެކު ޕީޕީއެމްގެ އެސްޖީ ޑރ. އަބްދުﷲ ހަލީލު ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ނުފުރޮޅާ އެންމެ ގަލެއް ވެސް ނުބާއްވާނެ ކަމަށެވެ. އެކަމަކު ހުރިހާ ގަލެއް ފުރޮޅުނު ހެއްޔެވެ؟ ހީއެއް ނުވެއެވެ.

އެ ގާތައް ފުރޮޅަން ތިބީ ވެސް އެންމެ ނުފޫޒާއި ބާރުގަދަ ބޭބޭފުޅުންނެވެ. މަޖިލިސް މެންބަރުން ގިނަ އެންމެ ބާރުގަދަ ޕާޓީއަކީ ވެސް ޕީޕީއެމެވެ. އެ ޕާޓީގެ މަޖިލިސް މެންބަރުން އަޑަށް ބާރު ލައްވާފައި މުޅިން ވެސް ވިދާޅުވަމުން ގެންދެވީ ތަރައްގީ ގެނެސްދެވޭނީ ކައުންސިލްތަކުގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބިގެނެވެ. އިދިކޮޅަށް ގޮނޑިތައް ދިނުމަކީ ތަރައްގީ ކަފުންކުރުން ކަމަށެވެ. ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ ތަރައްގީއަށްޓަކައި ޖިހާދެއް ކަމަށް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވި އެވެ. އެއީ ތެދެކެވެ. ސަބަބަކީ ރާއްޖޭގެ ނިޒާމް އޮތް ގޮތުން އެނޫން ގޮތަކަށް އެކަމެއް ނުވާނެ އެވެ. މިހާރު އިދިކޮޅުގައި މިއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް ވެރިކަން ލިބުނަސް މި ޖިހާދު މި ގޮތަށް ކުރަން ޖެހޭ ހުއްޖަތް ދައްކާނެ އެވެ.

ޕީޕީއެމްގެ ގަދަ 13 ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރި އެވެ. ވަރަށް ޖޯޝުގައި ކެމްޕެއިން ޖަލްސާތައް ވެސް ބޭއްވި އެވެ. ހަމަ ޔަގީނަށް ވެސް ކައުންސިލް އިންތިހާބަށް މި މާލޭގައި އެވަރުގެ ޖަލްސާތަކެއް ގާއިމު އެހެން ބަޔަކު ނުބާއްވަ އެވެ.

ކެނޑިޑޭޓުން އިއުލާން ކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވިއިރު ކެނޑިޑޭޓުންނަކީ "ދަގަނޑޭ" ފަދަކުޅުންތެރިންގެ ގޮތުގައި ދައްކާ ކެމްޕެއިން ނިންމާލުމަށް ވެސް ބިޔަ ބޮޑު ޖަލްސާއެއް ބޭއްވި އެވެ. އެންމެ ޖަލްސާއެއް ފިޔަވައި ކޮންމެ ކެނޑިޑޭޓަކަށް ވަކިން މެޑަމް ފާތުމަތު އިބްރާހިމް ބައިވެރިވަޑައިގެންނެވި ޖަލްސާއެއް ބާއްވައިދިނެވެ. އެކަމަކު ނަތީޖާއަކީ "ސުމެ" ކެވެ. ގަދަ 13 ދިޔައީ ފުލަށެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ސަރުކާރު ހިންގާ ޕާޓީން ހަދަން ޖެހޭ އެންމެ ބޮޑު އޮޓްޕްސީއަކީ މިއީ އެވެ.

ޖަލްސާއަކުން ނުފެދޭ، ރައްޔިތުންގެ ގާތަށް ދާންޖެހޭ

ޕީޕީއެމްއަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ މިއީ އެވެ. ޕީޕީއެމްގެ ފަރާތުން ނިކުތް ކެނޑިޑޭޓުންނަށް އެކަށީގެންވާ މިންވަރަަށް މަސައްކަތް ނުކުރެވުމެވެ. ރައްޔިތުންގެ ގާތަށް ގޮސް ވޯޓު ހޯދަން ބުރަ މަސައްކަތްތައް ނުކުރެވުމެވެ. މީހުން ވޯޓުލާން ނެރެން އެއްވެސް މަސައްކަތެއް ނުކުރެވުމެވެ. އިދިކޮޅު ޕާޓީތަކުން އެންމެ ހެޔޮ ގޮތުގައި ކުރި މަސައްކަތްތަކީ އެއީ އެވެ. މީގެ ސާފު މިސާލަކީ ހިންނަވަރެވެ. އިދިކޮޅު ފަރާތްތަކުން ޔަގީންކޮށް ސީލް އަޅުވާފައި އޮތް ހިންނަވަރަކާ އެމީހުނެއް ނޫޅެ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ ޕީޕީއެމަށް އެ ދިމާގައި މަސައްކަތްތަކެއް ކުރެވުނެވެ. މަސައްކަތް ކުރުމުން ހިންނަވަރު ޕީޕީއެމަށް ފަތަހަވީ އެވެ. މަސަކަތް ނުކުރުމުން އެމްޑީޕީއަށް ހިންނަވަރު ފިޔާތޮއްޓަށް ބަދަލުވީ އެވެ.

"ލީޑަޝިޕުން އެކަށީގެންވާ މަސައްކަތްތަކެއް ކުރި، އެކަމަކު ކެނޑިޑޭޓުން މަސައްކަތްތަކެއް ނުކުރޭ، އެމީހުން ގަބޫލު ކޮށްގެން ތިބީ އެމީހުން އެކުރި މިންވަރަށް ކުރީމަ މިކަން ކާމިޔާބު ވާނެ ކަމަށް، ސަރުކާރުން ނެރުނު ކެނޑިޑޭޓުންނަށް ބަލާއިރު މާގިނަ މަސައްކަތްތަކެއް މިސާލަކަށް ޑޯޓްޑޯ ޖައްސާ ވޯޓުލާ މީހުން ކައިރިއަށް ގޮސް އެމީހުން މާބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނެތް، އެހެންވީމަ ނަތީޖާ މިހެންވީ، ރައްޔިތަކާ ބައްދަލު ނުކުރާ މީހުން ހަމަ ގިނަ ވާނީ، ޕީޕީއެމްގެ ލީޑަޝިޕުން ކެނޑިޑޭޓުން ހޮވުމަށް އަތޮޅުތަކަށް ގޮސް ޖަލްސާތަކާ އެއްޗެހި ވެސް ބާއްވާފައިވާނެ، އެމީހުންނަށް ބޭނުންވާނެ އެކަށީގެންވާ ވަސީލަތްތައް ވެސް ހޯދައިދިން،" ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި އެވެ. ރިޔާޒަކީ ދަތި އުނދަގުލުގައި ވަރުގަދަ ކެންޑިޑޭޓަކާ ވާދަކޮށް އިންތިހާބުތަކުގައި ވަރުގަދަ ކާމިޔާބީ ހޯދާފައިވާ ބޭފުޅަކެވެ. މާޒީއަށް ގޮސް ތަފާސް ހިސާބު ބަލާށެވެ.

"ހީކުރެވުނީ ސަރުކާރުގެ ކެނޑިޑޭޓުންނަށް ވީމަ މޮޅުވާނޭ މަސައްކަތެއް ނުކުރިޔަސް، އެހެނެއް ނުވާނެ، ޕާޓީގެ ލީޑަޝީޕުން އެ ކެނޑިޑޭޓުން ހޮވަން އެކި ކަންކޮޅުތަކުގައި ވަރަށް މަސައްކަތް ކުރި. މިސާލަކަށް އަބްދުއްރަހީމް، އަބްދުލްރަހީމް 130 އަށްވުރެ ގިނަ ރަށްރަށް ވަޑައިގެންނެވި، ކެނޑިޑޭޓުންނަށް ބުނެވެން ނޯންނާނެ މިވެނި ކަމެއް ފުރިހަމަ ކޮށް ނުދީގެނޭ ބަލިވީ، ހަގީގަތުގައި ވެސް އެ ކެނޑިޑޭޓުންނަށް މަސައްކަތް ކުރެވުނުނަމަ މިހެން ނުވީސް،" ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް ވާދަވެރި އިންތިހާބުތަކެއް ކާމިޔާބު ކުރައްވާފައިވާ އެހެން މެންބަރަކު ވިދާޅުވި ގޮތުގައި "ޕީޕީއެމް ހޮވަމާ" އާއި "ގަދަ 13" ގެ ނަމުގައި ބޭއްވި ޖަލްސާތަކުން ނަތީޖާ ނުނިކުތީ އެ ޖަލްސާތަކަށްފަހު ކެނޑިޑޭޓުންނަށް މަގު މައްޗަށް ނިކުންނަން ނުކެރުމުންނެވެ.

އެމްޑީޕީގެ ކެނޑިޑޭޓް ޝިފާ މުހައްމަދު ގަލޮޅު އުތުރު ދާއިރާގެ ކޮންމެ ގެއަކަށް ވަންނަމުން ހިންގެވި ގޮތަށް ނުހިންގެވުމުންނެވެ. ލީޑަޝިޕްގެ ބޭފުޅުންނަށް ވެސް އެ ކެނޑިޑޭޓުންގެ އަތުގައި ހިފައިގެން އެކަންކަން އެންމެ ފުރިހަމައަށް ނުކުރެވުމުންނެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ހަރުދަނާ މޫނުތަކެއް ވެސް ނުދެއްކުމުންނެވެ. އަދި ކެނޑިޑޭޓުން ނެރުމުގައި ޕީޕީއެމާއި އެންޑީއޭގެ ކޯޅުމަކީ ކޯލިޝަނެއްގައި ހިނގާނެ ކަންކަމަށްވުރެ ހަޑިކޮށް ހިނގާ ކަންކަމަށްވެފައި އޮތުމެވެ.

މިކަމަށް ބާރުދޭ ހެއްކެއް ވެސް އެބަ އޮތެވެ. ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ޝިފާ ކާމިޔާބުކުރެއްވީ ވަރަށް ބޮޑު ތަފާތަކުންނެވެ. މެންބަރު އީވާ އަބްދުﷲ އަތުގައި ހިއްޕަވައިގެން ޝިފާ ވަނީ އެ ދާއިރާގެ ގޭގެއަށް ވަޑައިގެން ރައްޔިތުން ވޯޓު ދެއްވާ ގޮތް ބައްލަވާފަ އެވެ. އެ ދާއިރާގެ ޕީޕީއެމް މެންބަރަށް އެވަރަށް ހަމަ ގައިމު ވެސް މަސައްކަތެއް ނުކުރެއްވެ އެވެ.

ކައުންސިލްގެ ގޮނޑި އެންމެ ކުޑަ ތަފާތަކުން ގެއްލުނު ޕީޕީއެމްގެ ކެނޑިޑޭޓަކީ މުހައްމަދު ޝުއާއު އެވެ. ޝުއާއު ވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވާފަ އެވެ. އެ ކެމްޕެއިނުގެ ސަބަބުން އޭނާއަށް ގޮނޑި ކަށަވަރުނުވި ނަމަވެސް ލިބުނު ވޯޓުގެ އަދަދު ގޯހެއް ނޫނެވެ. އޭނާއަށް ގޮނޑި ލިބުނު ފަދައޭ ބުނާވަރުގެ ވާން ކަމެއް ދެއްކުނެވެ.

މިކަން މިހެން އޮތްއިރު ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނަށްވުރެ ވޯޓު ނުލާ މީހުން ވެސް ގިނަ އެވެ. އެއިން ވެސް އެނގެނީ މީހުން ވޯޓުލާން ނެރެން ޕީޕީއެމްއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމެވެ. އެކަމަށް ރިޔާޒު ރަޝީދު ވެސް އަދި އެހެން ބައެއް ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

"އެމްޑީޕީއަށް ތާއީދުކުރާ ނުހުންނާނެ ވޯޓުލާން ނުނިކުންނަ މީހެއް، އިދިކޮޅު ފަރާތްތަކުން އެ އެންމެން ނެރެ ވޯޓުލާފަ އެހުރީ، އަހަރެމެންގެ ވިސްނުމުގަ ހުރި މީހުން ވޯޓުލާން ނުނިކުމޭ، އެހެންވީމަ ނުލިބޭނެތާ ގޮނޑިތަކެއް؟،" ޕީޕީއެމްގެ އިންތިހާބީ ކަންކަމުގެ ތެރޭގައި އުޅުނު ޕާޓީގެ އެކްޓިވިސްޓަކު ބުންޏެވެ.

އިތުރު ސުވާލެއް ވެސް އެބައޮތެވެ. ދެހާހުން ތިން ހާހުން ޕާޓީއަށް ވެއްދިހާ މެންބަރުން ކޮބައި ހެއްޔެވެ؟ އެ މެންބަރުންގެ އިހުލާސްތެރިކަން ވޯޓުން ނުފެނުނީ ކީއްވެ ހެއްޔެވެ؟

"ޕާޓީއަށް ގިނައިން ވައްދާފައިވަނީ އެހެން ޕާޓީތަކުގެ މީހުން، އެއީ ހަމަ ދެއްކުމެއް، އެމީހުން ޕާޓީއަށް އިހުލާސްތެރި ނުވެދާނެ، އެތަން މި ފެނުނީ ވެސް، އެ އެންމެން ވޯޓުލާން ނިކުތްނަމަ ޕީޕީއެމް އޮތީހީ މާކުރީގަ،" ޕީޕީއެމްގެ މެންބަރަކު ބުންޏެވެ. "ދެން ވެސް ވިސްނަންވީ އިހުލާސްތެރިން ޕާޓީއަށް ވެއްދުމަށް، އެހެން ޕާޓީތަކުގެ އިސް އެކްޓިވިސްޓުން ޕާޓީއަށް ވައްދައިގެން ފައިދާއެއް ނުލިބޭނެ،"

ރިޔާޒު ރަޝީދު ވިދާޅުވި ގޮތުގައި ނިމިދިޔަ އިންތިހާބުގައި ޕާޓީއަށް އިސްކަން ނުދިނުމަކީ ދިމާވި މައްސަލައެކެވެ. ޕީޕީއެމްގެ މެންބަރުންނަށް ޕާޓީއަށްވުރެ އާއިލާއަށް އިސްކަން ދެވިފައިހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ވަރަށް ޕާޓީ ވިސްނުމުގައި އޮންނަ ބައެއް، ޕީޕީއެމްއަށް ނިސްބަތްވާ ބޮޑެތި އާއިލާތަކުން މި އިންތިހާބުގައި އެބައޮތް ޕާޓީއަށް ނުދީ އާއިލާތަކަށް ވޯޓުދީފަ، މިސާލަކަށް މަޑިފުށީގަ ޕީޕީއެމްއިން ނުކުތް ކުއްޖެއްގެ އާއިލާގެ 70 ޕަސެންޓަކީ އެމްޑީޕީ މީހުން، ބޮޑު އާއިލާއެއްގެ، އެމީހުން ނުދޭ އެ ކުއްޖާއަށް ވޯޓެއް އެމްޑީޕީ ނޫންވީމަ، އެކަމަކު އެހެނެއް ނޫން ޕީޕީއެމްގަ ވިސްނުން ހުންނަ މީހުން، ޕީޕީއެމްއިން މީހުން އަބަތިބި އެމްޑީޕީއިން އާއިލާ މީހަކު ނިކުތީމަ އެ މީހަކަށް ވޯޓުދީފަ، އެއީ ތަފާތަކީ، އެމްޑީޕީއިން މީހަކު ނުދޭނެ އާއިލާ މީހަކު ވެސް އެ ޕާޓީން ނިކުތީމަ ނޫނީ،"

މާލޭ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލް ވެސް މިއޮތީ ސަރުކާރު އަތުން ބީވެފަ އެވެ. އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ސަރުކާރުގެ ވަރަށް ނުފޫޒުގަދަ ދެ މެންބަރުން ކަމަށްވާ މުހައްމަދު ޝާހިދާއި އިބްރާހިމް ދީދީ ހުންނެވިއިރު ވެސް އެ ދެ ދާއިރާގެ ގޮނޑި ވެސް ޕީޕީއެމްއަށް ލައްވައެއް ނުލި އެވެ. ހަމައެހެންމެ ފުވައްމުލައް މެދު ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުންނެވިއިރު އެ ދާއިރާ ވެސް ދިޔައީ އެމްޑީޕީއަށެވެ. ހަމައެހެން އާބާދީ ބޮޑެތި އެހެން ގިނަ ރަށްތައް ވެސް ވަނީ އެމްޑީޕީއިން ހިސޯރުކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ބޮޑެތި ވައުދުތައްވެފައިވާ ހދ. ކުޅުދުއްފުއްޓާއި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ހިންގައި، އަދި ސަރުކާރުގެ އިސް ގިނަ ބޭފުޅުންތަކެއް ނިސްބަތްވާ ގދ. ތިނަދޫ އާއި ޕީޕީއެމްގެ ރަށެއްގެ ގޮތުގައި އަބަދުވެސް ނަން ހިނގާ، ގއ. ވިލިނގިލި ފާހަގަކޮށްލެވެ އެވެ. ރާއްޖޭގައި ދުވަހަކުވެސް ހަދާނާ އެންމެ ވަރުގަދަ ރީތި މަގު ހެދި ގަމަށް ވީ ކިހިނެއް ހެއްޔެވެ؟އެ ރަށްތައް ސަރުކާރަށް ގެއްލުނީ ކީއްވެ ހެއްޔެވެ؟

އަސްލު މަންޒަރު ބުނެ ނުދޭ، މައްސަލައަކީ މީ

"އައްޑޫ ސިޓީ ހުޅުދޫގައި މިހާރު އެމްޑީޕީ ނުވެސް ނެތް، މުޅިން ވެސް ތިއްބެވީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ރައްޔިތުން،" ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް އައްޑޫއަށް ވަޑައިގެން ވިދާޅުވީ މިހެންނެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއިން މިއީ ހަގީގަތް ނޫން ކަން ސާފުވެ އެވެ. މިއަކީ މިނިސްޓަރު ދެރަކޮށްލަން ބުނާ އެއްޗެއް ނޫނެވެ. އެކަމަކު މިއީ މިނިސްޓަރު ވިދާޅުވި އެއްޗަކާއި ދިމާ ނުވާކަން ދައްކައިދޭ ކަމެކެވެ. – މީގެ މާނައަކީ މިނިސްޓަރު މަސައްކަތް ނުކުރެއްވުމެއް ނޫނެވެ.

ޕީޕީއެމް އައްޑޫގައި ވަރަށް ހަރަކާތްތެރި ބޭފުޅެއް މީގެ ކުރިން ވަނީ މިކަން ސަމާލު ކަމަށް ގެނެސްފަ އެވެ.

"އައްޑޫ އިން ރައީސް ޔާމީނަށް އަބަދުވެސް ދެމުން ގެންދާ މެސެޖަކީ ހުރިހާ ކަމެއްވެސް ރަނގަޅޭ، އަސްލު ރައީސް ޔާމީންއަށް ހަގީގީ ކަން އޮތް ގޮތެއް އެނގިއެއް ނުލައްވާނެ، މެންބަރު ގޮސް ރައީސަށް މި ދަންނަވަނީ ހުރިހާ ކަމެއް ރަނގަޅޭ، ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު ކަމަށް، އެކަމަކު އެހެން ނޫންކަން އެކަން އެގޭނީ ވޯޓުލުމުން، އޭރު ވަގުތު އޮންނާނީ ފާއިތުވެފައި،" އޭނާ ވިދާޅުވެފައިވެ އެވެ.

ކަން ހިނގީ ވެސް މިހެނެވެ. ރައްޔިތުން އެދޭ ގޮތާއި ރައްޔިތުންގެ ކަންކަން ބެލުމަށް ސަރުކާރުގެ އިސް ވަފުދުތައް ވަރަށް ގިނައިން ރަށްރަށަށް ދަތުރުކުރެ އެވެ. ދެ ތިން މީހަކު މަރުހަބާ ކިޔަން ނުކުތަސް އެވަނީ ހޫނު މަރުހަބާއަށް ކަމަށެވެ. ފޮޓޯއިން ވަރަށް ގިނަ މީހުން ދައްކައި، ސެލްފީން ހަގީގީ މަންޒަރު އޮޅުވާލަ އެވެ. އެހެންނޫނީ ރަށްރަށުގެ ޕާޓީ ހަރަކާތްތަކުގެ އިސްކޮށް އުޅުއްވާ ބޭފުޅުން ބަޔަކަށް ފައިސާ ދީގެން ނެރެ ފިޔާ ތޮށިން ސަފުހަދައި އަތުރާލައި ރަށުގެ އަސްލު ކުލަ އިސް ވަފުދަށް ވެސް އޮޅުވާލަ އެވެ. މި އޮޅުވާލުންތަކުގެ ހިތި ރަހަ ލިބެނީ އިންތިހާބުގަ އެވެ.

"މިހެންވާތީ ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުން އެދޭ ގޮތް ގިނަ ފަހަރަށް ރައީސަކަށް އެނގިވަޑައެއް ނުގަންނަވާ ރައީސްއަށް ހީފުޅު ކުރެއްވިފައި އޮންނަނީ ހުރިހާ ކަމެއް ވެސް ރަނގަޅޭ، ރައްޔިތުން ތިބީ އެމަނިކުފާނު ފަހަތުގައޭ، އޭގެ ބަދަލުގައި ހަގީގީ މަންޒަރު ރައީސްއަށް ދައްކުވާނަމަ ކަންކަން ރަނގަޅުކޮށް ތާއީދު ބޮޑުކުރަން ކުރަން ޖެހޭ ކަންކަމާމެދު ރައީސް ވިސްނަވާނެ،" ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.

މި މައްސަލަ އެކަންޏެއް ނޫނެވެ. ރައީސް ހިންގަވާ މަޝްރޫއުތަކުން ނުވަތަ ސިޔާސަތުތަކުން ރައްޔިތުން ކުރާ ސީދާ އަސަރާއި ނުސީދާ އަސަރު ވެސް ވަނީ ވަރަށް ބޮޑަށް އޮޅިފަ އެވެ. އެހެންވަނީ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ ހަގީގީ އިހުސާސްތައް ދެނެގަންނަން އުނދަގޫ ވުމެވެ.

މިސާލަކަށް ގދ. ތިނަދޫއަށް ބަލާލާށެވެ. ތަރައްގީގެ މަޝްރޫއެކޭ ބުނާ ހުރިހާ މަޝްރޫއެއް އެ ދަނީ އެ ރަށުގައި ހިނގަމުންނެވެ. ނުވިތާ ނެތް ފެންވަރުގެ މިޔުޒިއަމަކާއި ޕާކެއް ވެސް އެ އޮތް ދަނީ ވުޖޫދުވަމުންނެވެ. ރާއްޖޭގެ ނައިބު ރައީސް ވެސް ގިނައިން އުޅުއްވަނީ އެ ރަށުގަ އެވެ. އޭގެ ފައިދާތައް ލިބެން އަދި ދުވަސް ނަގާނެ އެވެ.

އަނެއް ކޮޅުން ބައެއް ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތެއްގައި ވަނީ އަސަރުކޮށްފަ އެވެ. އެއީ ކާޑްގެ ސަބްސިޑީ ކަމަށް ވިޔަސް ނުވަތަ ކަރަންޓުގެ އަގު ކަމަށް ވިޔަސް އެވެ. އެކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދައި ކަންކަން އޮތް ގޮތް ސާފުކޮށް ދިނުމަކީ މަންދޫބުންގެ ޒިންމާއެކެވެ. އެކަން އެންމެ ފުރިހަމައަށްވޭތޯ ސުވާލު އުފެދެ އެވެ. އެކަންކަމުގެ ހޭލުންތެރި އެޑިއުކޭޝަނެއް ރައީސް އޮފީހުގެ މީޑިއާކަށް ވެސް ސަރުކާރުގެ މީޑީއާއަކަށް ވެސް ނުދެވުނެވެ.

ދެން ވެސް ހަމަ މަންދޫބުންގެ މައްސަލައެކެވެ. ބޮޑެތި މަހާސިންތާ ބާއްވައިގެން ތަމްރީނުކުރި ކެމްޕެއިން ލީޑަރުންގެ މައްސަލަ އެވެ. އެމީހުން އިންތިހާބަށް ތައްޔާރު ނުވުމެވެ. ނޫނީ ކަން ފަސޭހަކޮށްލުމެވެ. ތާއީދު އޮހޭނެ ކަމަށް ހީކޮށް އަތް އުރާލައިގެން ތިބުމެވެ. މިކަން އެނގެނީ ވޯޓުލީ ދުވަހު ވޯޓުލާން ދާން މީހުން ނެރެން ކެމްޕެއިން ލީޑަރުންނަށް ހަރަކާތްތެރި ނުވެވުނީމަ އެވެ. ވޯޓު ގުނިއިރު ވޯޓު ފޮށި ކައިރި ތިބެލާނެ ހިތްވަރެއް ނެތީމަ އެވެ. ހުރަސް ތަކަކާއެކު އިދިކޮޅު އެމްޑީޕީއިން އެކަންކަމުގައި ތައްޔާރުވީ ވަރަށް ޕީޕީއެމްއަށް އެކަމުގައި ދުވެލި މަޑުކޮށް ހަރަކާތްތެރިވެވުމަކީ ހަމަ ހަގީގަތު ވެސް "ހަތެއް ސުމެކޭ" ބުނާ ވަރުގެ ކަމެކެވެ.

އިދިކޮޅު "ހެއްވަން" ބޭނުން ނޫންނަމަ ގޯސްތައް ގަބޫލުކުރޭ

އިންތިހާބުން ހިތްހަމަޖެހޭ ކާމިޔާބީއެއް ލިބުނު ކަމަށް ކުރިން ވިދާޅުވި ނަމަވެސް އިއްޔެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ އިންތިހާބުން ބަލިވެއްޖެކަން ގަބޫލު ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ، "މިސްޓޭކްތައް" ރަނގަޅުކޮށް ތައްޔާރުވާންޖެހެ އެވެ. ނަމަވެސް އެ ވިދާޅުވާ "މިސްޓޭކްތައް" ހޯދިއްޖެ ހެއްޔެވެ؟ އެ އޮޓަޕްސީ ހެދިއްޖެ ހެއްޔެވެ؟

"މީގެން ޕީޕީއެމްއަށް އެނގުން އެއްޗަކީ ޖަލްސާ ނޫންކަން މުހިންމީ، ވޯޓު ދޭން ތިބި މީހުން ގާތަށް ގޮސް ޑޯޓްޑޯ ޖައްސަންޖެހޭކަން، ސީދާ ވޯޓު ދޭ މީހާ ގާތަށް ގޮސް ފީލްޑްގަކަން އުޅެންވީ، ސަރުކާރުން އަދި ކަންތައްތަކެއް ކޮށްދިނުމަކީ ވޯޓު ލިބޭނެ ކަމެއް ނޫންކަން އެނގިއްޖެ، ވޯޓު ހޯދަން ކުރަން ޖެހޭ އެހެން މަސައްކަތްތައް ކޮށްގެންކަން ވޯޓު ލިބޭނީ އެކަން ވެސް އެނގިގެން ހިނގައްޖެ،" އާދައިގެ މެންބަރަކު ވިދާޅުވި އެވެ.

ނިހާން ވިދާޅު ނުވިޔަސް އިންތިހާބުގައި ހެދުނު ގޯސްތައް ދެނެގަނެ އެކަންކަން އިސްލާހުކުރުމުން ކާމިޔާބު ވާނެ އެވެ. ހަގީގަތުގައި ވެސް އިސްލާހުކުރަން ޖެހެ އެވެ. އިސްލާހުވާން ވެސް ޖެހެ އެވެ. އެހެން ނޫންނަމަ ޕީޕީއެމްއަށް އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިވާނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ފަދައިން ރައީސް ޑރ. މުހައްމަދު ވަހީދަށް ކުރިމަތި ވަޑައިގެންނެވި ނަތީޖާއާ އެވެ.

"ވަރަށް ބޮޑު ތަޖުރިބާތަކެއް މިއީ، ދެން ދުވަހަކު ވެސް ޕީޕީއެމްއިން އިންތިހާބަކަށް ނުކުންނަމަ މިހާ ލުއިކޮށެއް ނުވިސްނާނަން، ވަރަށް ބުރަކޮށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރާނަން، ކުރިން ލީޑަޝިޕަށް އެކަނި މި އެނގެނީ ކުރަންޖެހޭ ކަންކަން، މިހާރު އެންމެންނަށް ވެސް އެނގޭނެ، ނުކުރެވުނީ ކޮން ކަމެއްކަން، އިތުރަށް ކުރަންހުރީ ކޮން ކަންކަމެއްކަން، ދެން އެ ކެނޑިޑޭޓުން ނިކުމެގެން އެމްޑީޕީއަށް 10 ގޮނޑި ވެސް ނުލިބޭނެ، ދެން އެ މީހުން އަލެއް ނުވާނެ،"