ދީން

ރޯދައިގެ ދަރުމަ: ޣައިރު މުސްލިމުންނަށް އެހީވުމުން ސަވާބު ލިބޭތަ؟

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ޣައިރު މުސްލިމުންނަށް އެހީވުން" އެވެ.

ރަމަޟާން މަހަކީ ޞަދަގާތުގެ މައްސަރަވެ. ހެޔޮ އެންމެހާ އަމަލެއްގެ މައްސަރެވެ. އެހެންކަމުން ހެޔޮ އަމަލުތައް ގިނަ ކުރުމަށް މި މައްސަރަު އިސްކަން ދޭން ޖެހޭނެ އެވެ. ހެޔޮ އަމަލަކީ ކޮބައި ހެއްޔެވެ. ހެޔޮ އަމަލަކީ މާތްﷲ ލޯބިވެވޮޑިގެންވާ ކޮންމެ އަމަލެކެވެ. މިސްކިތް ބިނާކުރުމާއި ޤުރުއާން ކިޔެވުމާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އިހުސާންތެރިވުމާއި ޞަދަގާތް ކުރުމަކީ ހެޔޮ އަމަލުތަކެވެ.

މިހާތަނުން އުފެދޭ ސުވާލަކީ ރޯދައަށް ހުންނަ މުސްލިމަކު ޣައިރު މުސްލިމަކަށް އެހީތެރިވެދީފިނަމަ އެއަށް ސަވާބު ލިބޭނެތޯ އެވެ؟

ލިބޭނެ އެވެ. ސަބަބަކީ ހެޔޮ ކަންކަން އިސްލާމްދީނުގައި ބަޔާންވެފައިވާ މައްފޫމަށް ބަލާލާއިރު ދެރަ ގޮތެއް ދިމާވެފައިވާ އިންސާނަކަށް ނުވަތަ މުސީބާތެއް ޖެހިފައިވާ އިންސާނަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހެޔޮ ކަމެކެވެ. އެއީ ޣައިރު މުސްލިމަކަށް ދިމާވެފައިވާ ކަމެއް ނަމަވެސް އެވެ.

ރަސޫލާ ހަދީޘް ކުރައްވާފައިވެ އެވެ. މީސްތަކުންގެ ތެރެއިން މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވަނީ އެހެނިހެން އިންސާނުންނަށް ހެޔޮ އެދޭ މީހާއަށެވެ.

މިސާލަކަށް އަވަށްޓެރިއަކަށް ހުރީ ޣައިރު މުސްލިމަކަށްވީ ނަމަވެސް އަވަށްޓެރިއެއްގެ ހައިސިއްޔަތުން އެމީހަކަށް އަވަށްޓެރިއަކަށް ދޭން ޖެހޭ ހައްގުތައް ދޭން ޖެހެ އެވެ. އިސްލާމް ދީނުގައި އަވަށްޓެރިންނަށް ހައްގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. ރޯދައަށް ހުންނަ މީހާ އަވަށްޓެރިއަށް ހެޔޮކޮށް ހިތުމަކީ ވެސް ވަރަށް ހެޔޮ އަމަލެކެވެ.

ޣައިރު މުސްލިމަކަށް ހެޔޮކޮށް ހިތައި، އެމީހުންނަށް ޖެހިފައިވާ ދަތިތައް ފިލުވައިދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމްދީނުގައި ހެޔޮ ކަމެއްގެ ގޮތުގައި ލައްވަވާފައިވަނީ، އެމީހަކީ ޣައިރު މުސްލިމަކަށްވި ނަމަވެސް އިންސާނަކަށްވާތީ އެވެ. އާދަމްގެ ދަރިންއަކީ މާތް ބައެއްކަން ކީރިތި ޤުރުއާންގައި ވެސް ވަނީ ބަޔާން ކުރައްވާފަ އެވެ.

ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ވެސް އިސްލާމްދީނާ ސުލްހަވެރިކޮށް އުޅޭ ޣައިރު މުސްލިމުން ހިމެނެ އެވެ. އިސްލާމް ދީނަކީ އެއްވެސް ވަރަކަށް ވަކިވެގަތުމަށް ބާރުއަޅާ ދީނެއް ނޫނެވެ. އިސްލާމްދީން ބާރު އަޅަނީ އެއްބައިވަންތަކަމާއެކު އުޅުމަށެވެ. އިސްލާމްދީނުގެ ހިޔަލުގައި ޣައިރު މުސްލިމުންނަށް ވެސް ވަނީ ހިމާޔަތްކަން ދީފަ އެވެ.