ވިޔަފާރި

މޭ މަހުގެ އާމްދަނީގެ ގޮތު 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިއަ މޭ މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ. މިއީ، މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު 5.9 ޕަސެންޓް އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއް ކަމަށް މީރާއިން ބުނީ ޖީއެސްޓީ، ވިތުހޯލްޑިން ޓެކްސް، އެއާޕޯޓް ސާވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުން ކަމަށެވެ.

މި އަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 49 ޕަސެންޓް ނުވަތަ 598.2 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 317.1 މިލިއަން ރުފިޔާ އެވެ. އެއީ އާމްދަނީގެ 26 ޕަސެންޓެވެ.

މީގެ އިތުރުން، ބީޕީޓީއިން 72.4 މިލިއަން، ގްރީން ޓެކްސްއިން 63.1 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖް 49.1 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.

މޭ މަހު ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.