ފޭރުން

ރޭ ދަންވަރު ވެސް މީހެއްގެ އަތުން ފޭރިގެންފި

ރޭ ދަންވަރު ވެސް މާލޭގައި މީހެއްގެ އަތުން ފޭރިގަނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ ދަންވަރު 1:46 އެހާކަންހާއިރު މީހެއްގެ އަތުން 3،500 ރުފިޔާ ފޭރިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި 24 އަހަރުގެ އަންހެނަކާއި 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އަންހެނަކަށް ކަޓަރުން ބިރު ދައްކައި ފޭރިގެންފައިވެ އެވެ. މޫނު ނިވާކޮށްގެން ތިބި މީހުން ވަނީ އަންހެން މީހާގެ ކަރުގައި ކަޓަރު ޖައްސައިގެން އޭނާގެ ފޯނާއި ލެޕްޓޮޕް ފޭރިގެންފަ އެވެ. އަދި އެ އަންހެންމީހާގެ އެހީވާން ދިޔަ ފިރިހެނެއްގެ ފޯނު ވެސް އެ ރޭ ފޭރިގަތެވެ.

އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނޭނގެ އެވެ.

ޓެކްސީއަށް އަރާ މީހުންނަށް ބިރު ދައްކާ ޓެކްސީ ޑްރައިވަރެއް ފުލުހުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ. އަދި މަގުމަތިން ބިރު ދައްކައިގެން ފޭރޭ ބައެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.