ދީން

ރޯދައިގެ ދަރުމަ: ދަތުރުވެރިޔާ ރޯދަ ދޫކޮށްލުން ހުއްދަ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ދަތުރުވެރިންގެ ރޯދަ" އެވެ.

އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނެވެ. ކީރިތި ޤުރުއާންގައި ވެސް ބަޔާން ކުރައްވާފައިވަނީ މާތްﷲ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންނަށް ލުއިފަސޭހަކޮށްދިނުމަށެވެ. ތިޔަބައިމީހުންނަށް ދަތިއުނދަގޫ ގޮތްތައް މެދުވެރިވާން ﷲ އެދިވޮޑިނުގަންނަވަ އެވެ.

ރަމަޟާން މަހު ރޯދަ ހިފުމަށް މާތްﷲ ވަނީ ވަހީކުރައްވާފަ އެވެ. ނަމަވެސް ރޯދަ މަސް ބައްދަލުކުރާއިރު، ބަލިވެ އުޅޭ މީހުންނާއި ދަތުރުވެރިޔާއަށް ރޯދަ ފަހުން ގަޟާކުރާ ގޮތަށް ދޫކޮށްލުން ވަނީ ޖާއިޒު ކަމެއްގެ ގޮތުގައި ލައްވަވާފަ އެވެ. މިއީ މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ލުއިކަމެކެވެ.

ދަތުރުވެރިޔާއަށް ދެއްވާފައިވާ މި ލުއި ފަސޭހާގައި ހިފުމަކީ އެންމެ މާތް ވެގެންވާ ގޮތެވެ. ﷲ ދެއްވާފައިވާ އެ ލުއިގެ ބޭނުން ހިފުމަކީ އެއްގޮތަކަށް ވެސް ފާފަވެރިވާނެ ކަމެއް ނޫނެވެ. އެހެންކަމުން ދަތުރެއް މަތީ ރޯދަ ދޫކޮށްލުމަށް ބިރު ގަންނާކަށް ނުޖެހެ އެވެ.

ހަމަ އެގޮތަށް ފަސޭހަވާނެ ފަދަ ބައްޔެއް މިސާލަކަށް ހުން އައިސް ގައިގަ ވަރު ނެތްނަމަ އެ ދުވަހެއްގެ ރޯދަ ދޫކޮށްލުން ހުއްދަ އެވެ. ފަހުން އެ ރޯދަ ހިފަންޖެހޭނެ އެވެ. ދާއިމީ ބައްޔެއްގައި އުޅޭ މީހާއަށް އޮތީ ފިދުޔަ ދިނުމެވެ.