ދީން

ރޯދައިގެ ދަރުމަ: އަޅުކަމުގައި ދެމިތިބެން ވާނެ!

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "އަޅުކަންތައް އަދާކުރުމުގައި ދެމިތިބުން" އެވެ.

އެންމެ ބަރަކާތްތެރިވެންގެންވާ މައްސަރުގެ ފަހު ދިހައަކާ މިހާރު މިވަނީ ކައިރިވެފަ އެވެ. މި މަހަކީ ހުރިހާ ހެޔޮ އަމަލެއްގެ މައްސަރެވެ. މި މައްސަރުގައި ވިހާވެސް ގިނައިން ހެޔޮ އަމަލުތައް ގިނަކުރުމަކީ މުހިންމު ކަމެކެވެ. ޖަމާއަތަށް ނަމާދަށް ދިޔުމަށް އިސްކަންދޭން ޖެހޭނެ އެވެ. ޞަދަގާތްދީ، ނިކަމެތިންނަށް އަޅާލައި، މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ދަމު ނަމާދާއި ތަރާވީހު ނަމާދު އަދާކުރުން ފަދަ ހެޔޮ އަމަލުތައް ކުރުމުގައި ދެމި ތިބެންޖެހޭނެ އެވެ.

މިފަދަ އަމަލުތައް ކުރުން މަތީގައި ރަމަޟާން މަހު ދެމިތިބުމަށް ގިނަ މަސައްކަތް ކުރެ އެވެ. ނަމަވެސް ރަމަޟާން މަސް ނިމިގެން ދިޔުމާއެކު އެ ކަންތައްތައް މަތިން ހަނދާން ނެތި، އެއާ ދުރަށް ދެވެ އެވެ. އެއީ އެކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ. ހެޔޮ ކަންކަން ކުރުމުގައި ފަރުވާ ކުޑަވެގެން ނުވާނެ އެވެ.

ރަމަޟާން މަސް ނިމިގެން ދިޔަ ނަމަވެސް އެ މަހުގައި ހޯދި ފިލާވަޅުތައް ހަޔާތުގައި ތަންފީޒުކުރަން ޖެހޭނެ އެވެ. އިލްމްވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިހުރުމަކީ ރަމަޟާން މަހު ކުރި ހެޔޮ އަމަލުތައް ބަލައިގަތް ކަމުގެ ނިޝާނެކެވެ.