ރޯދައިގެ ދަރުމަ

ރޯދައިގެ ދަރުމަ: ފިތުރު ޒަކާތް ދައްކަން އަވަސްވޭ!

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ފިތުރު ޒަކާތް" އެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަހާ ގުޅިގެން ރަސޫލާ ފަރުޟު ކުރައްވާފައިވާ ޒަކާތެކެވެ. އެކަން ފަރުޟު ކުރައްވާފައިވަނީ އެންމެންގެ މައްޗަށެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނާއި މިނިވަނުންނާއި އަޅުން، އެންމެން ޝާމިލުވާ ގޮތަށެވެ. ކުޑަކުދިންގެ މަތިން މި ޒަކާތް ނެރެން ޖެހޭނީ އޭނާގެ ބަލަދުވެރިޔާ އެވެ. ބަނޑުގަ އޮންނަ ދަރިފުޅުގެ މަތިން ފިތުރު ޒަކާތް ނެރުމަކީ ވެސް ހެޔޮ ކަމެއް ކަމަށް ބައެއް އިލްމްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ވާޖިބު ކަމެއް ނޫނެވެ.

ފިތުރު ޒަކާތް ފަރުޟު ކުރެއްވުމުގެ އެއް ހިކުމަތަކީ އެކަމަކީ ރޯދަވެރިޔާއަށް އޮތް ތާހިރު ކަމެއްގެ ގޮތުގައި ލެއްވުމެވެ. އެއީ ރޯދައަށް ހުންނަ މީހާއަށް ވެސް ކުށެއް ކުރެވިދާނެ އެވެ. ފިތުރު ޒަކާތް ދެއްކުމުން އެގޮތަށް ކުރެވިފައި ހުންނަ ކުދި ކުށްތަކުން މީހާ ތާހިރުވެގެންދެ އެވެ.

އީދު ދުވަހަކީ ހުރިހާ މުސްލިމުން އުފާ ފާޅުކުރުމަށް އަންނަ ދުވަހެކެވެ. އެ ދުވަހުގެ އުފަލުގައި ހުރިހާ މުސްލިމުން ވެސް ބައިވެރިވާން ޖެހެ އެވެ. ފިތުރު ޒަކާތުގެ އަނެއް ހިކުމަތަކީ މިއީ އެވެ. ފިތުރު ޒަކާތް ދެވެނީ މުޖުތަމައުގައި ތިބޭ ފަގީރުންނާއި ނިކަމެތިންނެށެވެ. އޭގެ ސަބަބުން އެމީހުންނަށް ވެސް އީދުގެ އުފަލުގައި ބައިވެރިވެ އެވެ. ކާނެ އެއްޗެހި، ލާނެ އެއްޗެހި ލިބޭނެ އެވެ.

އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާކުރުމަށް އިލްމްވެރިން އަންގަވާފައިވަނީ އެހެންވެ އެވެ. ފިތުރު ޒަކާތަކަށް ވަނީ ވެސް އީދު ނަމާދުގެ ކުރިން އަދާކޮށްފިނަމަ އެވެ. އޭގެ ފަހުން އަދާކުރާނަމަ އެ ވާނީ ޞަދަގާތަކަށެވެ.

ނަގުދު ފައިސާއިން ފިތުރު ޒަކާތް ދެއްކުމަކީ ކޮން ކަމެއްތޯ މިހާރު ވަރަށް ގިނަ މީހުން ސުވާލު އުފައްދަ އެވެ. އެކަން ބިނާވަނީ މުޖުތަމައުގެ ހާލަތަށެވެ. އެ މުޖުތަމައުއަކީ ފައިސާއަށްވުރެ ކާތަކެއްޗަށް ބޭނުން ޖެހިފައިވާ މުޖުތަމައުއެއް ނަމަ އެންމެ ރަނގަޅު ގޮތަކީ އެ ތަކެތި ދިނުމެވެ. ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ފައިސާއިން ޒަކާތް ދިނުމެވެ. އެއީ ރާއްޖޭގެ ނިކަމެތިންނަށް އެންމެ ބޭނުން ވަނީ ފައިސާ ކަމަށްވާތީ އެވެ. ނަމަވެސް ފައިސާއިން ނޫން އެހެން ތަކެތިން ޒަކާތް ނެރެން ބޭނުންވާ މީހަކު އެކަން އެގޮތަށް ކުރުމުގައި ގޯހެއް ނެތެވެ.

މުއައްސަސާތައް މެދުވެރިކޮށް ވެސް މިހާރު ޒަކާތް ދެއްކޭއިރު ތިމާ އަމިއްލައަށް ނިކަމެތިންނަށް ޒަކާތް ދިނުމުގައި ވެސް ގޯހެއް ވެސް ނެތެވެ. ސަމާލުކަން ދޭންވީ ކަމަކީ އީދު ނަމާދުގެ ކުރިން އެ ޒަކާތް ދެއްކުމަށެވެ.