އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ލައިލަތުލް ގަދްރިވިލޭރޭ" އެވެ.
ކީރިތި ޤުރުއާން މާތްﷲ ވަނީ ލައިލަތުލް ގަދްރިވިލޭރޭއަށް ތައުރީފު ކުރައްވާފަ އެވެ. ލައިލަތުލް ގަދްރިވިލޭރޭއަށް ހާއްސަ ސޫރަތެއް ވެސް ވަނީ ބާއްވާލައްވާފަ އެވެ. ޤުރުއާން ބާއްވާލެއްވީ އެ ރޭގައި ކަމަށް ޤުރުއާންގައިވެ އެވެ.
އެ ރެއަކީ އެއް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމަށް ވެސް ޤުރުއާންގައި ވަނީ ބަޔާން ކުރައްވާފަ އެވެ. އެ ރޭގެ އިރު އަރަންދެން ސަލާމް ހުއްޓެވެ. އަދި ޖިބްރީލްގެ ފާނާއި އެހެން މަލައިކަތުން މާތްﷲގެ އިޒުނަފުޅާއެކު ފައިބައި ވަޑައިގަންނަވަ އެވެ. ބާއްޖަވެރިކަމާއި ރަހުމަތާއެކު އެވެ.
ލައިލަތުލް ގަދްރިވިލޭރޭއަކީ ހިކުމަތްތެރި އެންމެހާ ނިންމުންތައް މާތްﷲ ނިންމަވާ ރޭ ކަމަށް ވެސް ބަޔާން ކުރައްވާފައިވެ އެވެ. އެހެންކަމުން އެ ރޭ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެ ރޭ ހޯދުމަށް މަސައްކަތް ކުރުމާއި ދުއާކުރުމަކީ ވަރަށް މާތް ކަމެކެވެ. އެ ރޭގެ ހެޔޮކަން ލިބިއްޖެ މީހާއަކީ ބާއްޖަވެރިއެކެވެ.
ބައެއް އިލްމްވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ލައިލަތުލް ގަދްރިވިލޭރޭއަކީ ރަމަޟާން މަހުގެ 27 ވިލޭރޭ އެވެ. ނަމަވެސް އެއީ ޔަގީންވާ ކަމެއް ނޫނެވެ. ﷲ ވަނީ އެ ރޭ ސިއްރުކުރައްވާފަ އެވެ. ލައިލަތުލް ގަދްރި ވިލޭރޭ ވަނީ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުގަކަން އެއީ ޔަގީންވާ ކަމެކެވެ. ރަސޫލާގެ ހަދީޘްފުޅުތަކުން އެކަން އެނގެ އެވެ.