ލައިފްސްޓައިލް

ޓެގް ކޮށްބަލަ! މިއޮތީވާ ކަމެއް!

ފޭސްބުކަށް ވަދެފިތަ މި ނޫން އެއްޗެއް މިހާރު ނުފެނެ އެވެ. "ބެސްޓް ފްރެންޑަށް ޓެގް ކޮށްބަލަ" "ދޮންކެޔޮ ކާން ވަރު ހުންނަ ސޮރެއް ޓެގް ކޮށްބަލަ"

މުޅިން ވެސް "ޓެގް ކޮށްބަލަ" އެވެ. އެ ނަމުގައި ފޭސްބުކްގައި ހިންގާ ފޭސްބުކް ޕޭޖަކީ މި ދުވަސްކޮޅު ވަރަށް ކުރީގައި އުޅޭ ޕޭޖެކެވެ. ދުވާލަކު އެތައް ޕޯސްޓެއް އެ ޕޭޖުން ޕޯސްކުރާއިރު ފޭސްބުކްގެ އަހުލުވެރިން ތިބެނީ އެއިން ޕޯސްޓެއް ނުކޮށްގެންނެވެ. ކޮށްލާއިރަށް ޝެއާތައް އިހެން ފަށަ އެވެ. އެ ޕޭޖުން ނޫނަސް ޓެގް ކޮށްބަލާށޭ ކިޔައިގެން ޕޯސްޓް ހަދައިގެން ފަތުރާ ޕޭޖުތައް ވަރަށް ގިނަ އެވެ.

އެއް ބަޔަކަށް މިއީ ވަރަށް މަޖާ ކަމެކެވެ. "އެންމެ މޮޅަށް ސައިކަލް ދުއްވާ ކުއްޖަކު ޓެގް ކޮށްބަލަ"އޭ ބުނުމުން އެންމެ ސައިކަލް ދުއްވަން ނުފަރިތަ އެކުވެރިޔާ ޓެގް ކޮށްގެން އޭނާއަށް ފުރައްސާރަކޮށް މަލާމަތް ކުރުމަށް ބައިގަނޑު ޖަމާވެ އެވެ. އެކަމުގައި ވަރަށް ފޯރި ނަގަ އެވެ. ބައެއް ފަހަރަށް އަމިއްލަ މީހާ ޓެގް ކޮށްގެން އަމިއްލަ މީހާއަށް ވެސް މަލާމަތް ކުރެ އެވެ.

ދެން ތިބީ މިކަމަކާ ހުރެ ބޯހަލާކުވެފައި ތިބި މީހުނެވެ. އެއް ކަމެއް މާގިނަވީމަ ފޫހިވެސް ވާނެ އެވެ. އެހެން ވަނީވެފަ އެވެ. އަބަދު "ޓެގް ކޮށްބަލަ"އޭ ފެނުމުން ބައެއްގެ ލޭ ވަނީ ކެކެން ފަށާފަ އެވެ. އެ ޕޭޖަށް ކިތަންމެ ނޫނެކޭ ބުންޏަސް އެކުވެރިންތައް އެ ޕޭޖުގެ ޕޯސްޓްތައް ޝެއާކުރާލެއް ގިނަކުން އެ ފެންނާނެ އެވެ.

"މިހާރު ދެން ފޭސްބުކަށް ވަދެވެން ނޯވޭ، އަބަދު މިއެއް މި ފެންނަނީ، ވަރަށް ރުޅި އާދޭ ދެން އަބަދު އަބަދު މި ޕޯސްޓްތައް ފެންނާތި،" ފޭސްބުކުގައި މީހަކު ލިޔެފައިވެ އެވެ.

މި ޕޯސްޓަށް ގިނަ މީހުން ކޮށްފައި ހުރި ކޮމެންޓަކީ "ހަޖަމު ކޮށްލާށޭ" އެެވެ.

"ޓެގް ކޮށްބަލަ"އަކާ ހުރެ ރުޅި ގަދަވެ ފޫހިވެފައި ތިބި މީހުން ކެކި އުތުރި އެރިޔަސް އެކަމުގައި ފޯރި ނަގާ މީހުންގެ ފޯރި އެއްގޮތަކަށް ވެސް ކުޑައެއް ނުވެ އެވެ. ހަމަ ޓެގްކޮށް ނުލާ ނުތިބެވެ. "ޓެގް ކޮށްބަލަ" މި ނޫން ކަމެއް ހަމަ ނެތެވެ.