ދީން

ރޯދައިގެ ދަރުމަ: ބަލި މީހާގެ ރޯދަ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ބަލިމީހުންގެ ރޯދަ" އެވެ.

ރަމަޟާން މަހަކީ ރޯދަ ހިފުން ފަރުޟު ކުރައްވާފައިވާ މައްސަރެވެ. ރޯދަ ހިފުން ފަރުޟު ކުރެއްވުމުގައި މާތްﷲ ވަނީ އެކިއެކި އުޒުރުވެރިންނަށް ލުއި ދެއްވާފަ އެވެ. އެގޮތުން ލުއި ދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި ބަލިމީހާ ހިމެނެ އެވެ.

ބަލިމީހުން ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއް ބަޔަކީ ޝިފާ ލިބިދާނެ ފަދަ ބައްޔެއްގައި އުޅޭ މީހުނެވެ. މިސާލަކަށް ހުން އައިސްގެން ރޯދަ ނުހިފިދާނެ އެވެ. އެހެންވެއްޖެ ކަމަށްވާނަމަ އޭނާ ޖެހޭނީ ރަމަޟާން މަސް ނިމުމުން އެ ރޯދަ ގަޟާ ކުރާށެވެ. ބަލިން ފަސޭހަވުމުން ގެއްލުނު ރޯދަތައް ހިފާނީ އެވެ. ފިދުޔަ ދޭކަށް ނުޖެހޭނެ އެވެ.

ދެވަނަ ބަޔަކީ ދާއިމީ ބައްޔެއްގައި އުޅޭ މީހުންނެވެ. މިސާލަކަށް ކެންސަރުގެ ސަބަބުން ނުވަތަ ކިޑްނީ ފެއިލްވެ، ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތް މީހުނެވެ. އެ ހާލަތުގައި އެމީހަކު ރޯދަ ދޫކޮށްލާނީ އެވެ. ފަހުން ރޯދަ ގަޟާކުރާކަށް ވެސް ނުޖެހޭނެ އެވެ. ދޭން ޖެހޭނީ ފިދިޔަ އެވެ. ފިދުޔަ ދިނުމަކީ މިސްކީނުންނަށް ކާން ދިނުމެވެ. ރަމަޟާން މަހުގެ 30 ދުވަހު ރޯދަ ނުހިފޭ މީހަކު ނަމަ 30 މިސްކީނުންނަށް ކާން ދޭން ޖެހޭނެ އެވެ.

އެއް ދުވަހުގެ ތެރޭގައި 30 މިސްކީނުންނަށް ވެސް ކާން ދެވިދާނެ އެވެ. ނުވަތަ 30 ދުވަހު އެއް މިސްކީނަކަށް ވެސް ކާން ދެވިދާނެ އެވެ.