ހަބަރު

ވެމްކޯގައި ރަޖިސްޓާވާން ވަރަށް ފަސޭހަ، އަވަސްކުރޭ!

އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން އަމަލުކުރަން ފަށާ އާ ގަވައިދުގެ ދަށުން ގަވައިދާ ހިލާފަށް ކުނިއުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ އެވެ. އެ ދުވަހުން ފެށިގެން ކުނި އުކާ ފަރާތްތައް މޮނީޓާ ކުރަމުން ގެންދާނެ އެވެ. ފުލުހުން އެކަމުގައި މަގުތަކުގައި ހަރަކާތްތެރިވާނެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ މުޅި މާލޭގައި ކުނި އުކައިދޭން ފަށާފަ އެވެ. ނަމަވެސް އަދިވެސް ގިނަ ގޭބިސީތައް އެ ކުންފުނީގައި ރަޖިސްޓާއެއް ނުވެ އެވެ. އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެމްކޯގައި ރަޖިސްޓާނުވެ ކުނި އުކާނުލެވޭނެއިރު މި ދުވަސްތަކުގައި ވެމްކޯއަށް ރަޖިސްޓާވުމަކީ މުހިންމު ކަމެކެވެ.

ވެމްކޯގައި ރަޖިސްޓާވުމަށް އެ ކުންފުނިން ވަނީ ހާއްސަ ޑޯޓުޑޯ ކެމްޕެއިނެއް ވެސް ހިންގާފަ އެވެ. މިހާރު އެ ކެމްޕެއިން ވަނީ ނިންމާލާފަ އެވެ. ނަމަވެސް އަދިވެސް ރަޖިސްޓްރީކުރުމުގެ ކަންކަން ދަނީ ކުރިއަށެވެ.

ރަޖިސްޓްރީވާން ޖެހެނީ ފޯމެއް ފުރުމަށްފަހު އައިޑީކާޑް ކޮޕީއާއެކު ހުށަހަޅާށެވެ. ކުންފުންޏެއްނަމަ ރަޖިސްޓްރޭޝަން ކޮޕީއާއެކު އެވެ. ރަޖިސްޓްރޭޝަން ފޯމު، ވެމްކޯގެ ވެބްސައިޓުން ލިބޭނެ އެވެ. ވެމްކޯގެ މައި އޮފީސް، ޖަނބުގަސްދޮށުގެ ތިންވަނަ ފްލޯއަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި ފޯމް ހުށަހެޅޭނެ އެވެ. ނޫނީ، [email protected] ފޯމް ސްކޭންކޮށްފައި ވެސް ފޮނުވާލެވިދާނެ އެވެ.

ކުރިއަށް އޮތީ އީދު ބަންދު ހަފުތާއަށްވާތީ، ވެމްކޯގެ މައި އޮފީސް ހުންނާނީ ބަންދުކޮށްފަ އެވެ. ނަމަވެސް ރަޖިސްޓްރީވުން ކުރިއަށް ގެންދާނެ އެވެ. އެކަމަށް ފަސޭހައަކަށް އިންޑަސްޓްރިއަލް ވިލެޖްގައި ހާއްސަ ސެޓަޕެއް ހަދައި އެތަނުން ރަޖިސްޓްރީކޮށް ދޭން ވަނީ ފަށާފަ އެވެ.

"ކުރިއަށް އޮތީ ބަންދު ހަފުތާ ކަމަށްވާތީ އިންޑަސްޓްރިއަލް ވެލެޖްގައި ރަޖިސްޓްރޭޝަން ކުރިއަށް ގެންދާނެ، ވަގުތުތަކަކީ ހަވީރު 3:00 ން 5:00 އަށް، އަދި ރޭގަނޑު 7:30 ން 10:30 ށް، އެތާ ހުރި ސެޓަޕަށް ގޮސް ހަމަ ކޮންމެ ބޭފުޅަކަށް ވެސް ރަޖިސްޓާކޮށްލެވޭނެ،" ވެމްކޯގެ ކަލެކްޝަން ސާވިސެސް މެނޭޖާ ހިދާޔާ ނަސީރު ވިދާޅުވި އެވެ.

މީގެއިތުރުން ކުރިއަށް އޮތް އީދު ބަންދު ހަފުތާގައި ވެމްކޯ މައި އޮފީސް ހުންނަ ޖަންބުގަސްދޮށުގެ ފަސްވަނަ ފްލޯއަށް ވެސް ފޯމް ހުށަހެޅިދާނެ އެވެ. އެތަނުގައި ވެމްކޯގެ ކޯލް ސެންޓަރުގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ. އެ އޮފީސް ހުޅުވާފައި ހުންނާނީ ހަވީރު 4:00 ޖަހާ ދެނެވެ.

ހިދާޔާ ވިދާޅުވީ، 10 ޒޯނަކަށް ބަހައިލައިގެން މާލެއިން ކުނި އުކާލަމުން ގެންދާއިރު، މިހާރު ރަޖިސްޓާވާ ހުރިހާ ފަރާތްތަކަށް ވެސް ކުނި އުކާލުމުގެ ހިދުމަތް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން ފަށާނެ ކަމަށެވެ. އެހާ ވަސީލަތްތަކާއި އުޅަނދުތައް ވެމްކޯގައި އެބަހުއްޓެވެ. ޖުލައި އެއްވަނަ ދުވަހުން ފަހުން ރަޖިސްޓާވާ ފަރާތްތަކަށް ވެސް ވެމްކޯގައި ރަޖިސްޓާވާތާ ފަސް ދުވަސް ތެރޭ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ހިދާޔާ ވިދާޅުވި އެވެ.

ވެމްކޯއިން މިހާރު ދަނީ ރަޖިސްޓްރީވުމަށާއި އެހެން ވެސް ހިދުމަތްތައް ދިނުމަށް އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވެމްކޯއިން މިހާރު ވެސް މާލޭގައި ތަފާތު ސައިޒްގެ 40 އަށްވުރެ ގިނަ އުޅަނދު ގެންގުޅެ އެވެ. .

ވެމްކޯއިން ކުނި އުކާދޭ ފީ ކޮންމެ ގެއަކުން 150 ރ. އެވެ. އަދި މުޅި އިމާރާތް އެއްކޮށް ރަޖިސްޓާ ކުރުމަަށް ފަހު ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ ކޮންމެ އެޕާޓްމަންޓަކުން 100 ރ. ގެ ފީއެއް ނަގާނެ އެވެ. އެ ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯގެ އޮފީހަށެވެ.