ދީން

ރޯދައިގެ ދަރުމަ: ދަމު ނަމާދުގެ ހެޔޮކަން ބޮޑު

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ދަމު ނަމާދު" އެވެ.

ނިދި ދޫކޮށް، މާތްﷲ ހަސްރަތުގައިވާ ސަވާބާއި ދަރުމަ ހޯދުމަށް ދަމު ނަމާދުކުރާ ފަރާތްތަކަށްވާ ހެވާ ލާބަ މާތްﷲ ވަނީ ބަޔާންކޮށްދެއްވާފަ އެވެ. ދަމު ނަމާދުކުރާ މީހުންނަށް ސުވަރުގޭގައި ހިތަށް ވެސް ނާރާފަދަ ސަވާބާއި ނިއުމަތްތައް މާތްﷲ ވަނީ ލައްވަވާފަ އެވެ.

މުއުމިނުން ސިފަކުރެއްވުމުގައި ވެސް ދަންވަރުގެ ވަގުތުގައި އަޅަކަމުގައި ތިބޭ މީހުންގެ ވާހަކަ ގެނެސްފައިވެ އެވެ. އެމީހުން މާތްﷲ ރަހުމަތްލައްވާފައިވާ ކަމަށާއި އެއީ މާތް ބައެއްކަން ކީރިތި ޤުރުއާންގައި ބަޔާންކޮށްފައިވެ އެވެ.

ދާއިމީ ގޮތެއްގައި ދަމު ނަމާދުކުރުމަކީ އެކަމުގައި މާތްﷲ ބަރަކާތްލައްވާނެ ކަމެކެވެ. ކިތަންމެ ކުޑަ ހެޔޮ އަމަލެއް ވެސް ދާއިމީ ގޮތެއްގައި ކުރާނަމަ އޭގައި ބަރަކާތްލައްވަ އެވެ. ދާއިމީ ގޮތެއްގައި ދަމު ނަމާދު ނުކުރެވިދާނެތީ ދަމު ނަމާދުކުރުމަށް ބައެއް މީހުން ބިރުގަނެ އެވެ. ނަމަވެސް އެ ނަމާދަކީ ސުންނަތް ނަމާދެކެވެ. ކުރަންޖެހޭނީ އެމީހަކަށް ފަސޭހަ ގޮތަކަށެވެ. ކޮންމެ ރެއަކު ދަމު ނަމާދު ނުކުރެވޭނަމަ ކޮންމެ ހަފުތާއަކު އެއް ފަހަރު ވެސް ކުރެވިދާނެ އެވެ. މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ވެސް ކުރެވިދާނެ އެވެ. އޭގައި ގޯހެއް ނެތެވެ.

ރަމަޟާން މަހަކީ ސުންނަތް ނަމާދުތަކުގެ ބަރަކާތް އިތުރުވެގެންވާ މައްސަރެކެވެ. އެހެންކަމުން މި މައްސަރުގައި ދަމު ނަމާދަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ އެވެ. ދަމު ނަމާދުގައި ސަޖިދައިގެ ވަގުތުގައި ދުއާކުރުމަކީ ރަނގަޅު ކަމެކެވެ. ސަޖިދައިގައިވާ ވަގުތަކީ ދުއާ އިޖާބަކުރައްވާ ވަގުތެކެވެ. އަރަބި ބަހުން ދުއާކުރަން ނޭނގޭނަމަ ދިވެހި ބަހުން ވެސް ދުއާ ކުރެވިދާނެ އެވެ.

ދަމު ނަމާދަކީ އިޝާ ނަމާދަށްފަހު ނިދާލުމަށްފަހު ނުވަތަ އަރާމުކުރުމަށްފަހު ކުރާ ނަމާދެކެވެ. ނުނިދާ ހޭލާ ހުރުމަށްފަހު ދަމު ނަމާދު ކުރެވިދާނެތޯ އެއީ ބައެއް ކުރާ ސުވާލެކެވެ. ޑިއުޓީގެ ސަބަބުން ނުވަތަ އެ ނޫންސް އެހެން ސަބަބަކާހުރެ ނިދާލުމަށް ނުވަތަ އަރާމުކޮށްލަން ވަގުތެއް ނުލިބޭ މީހާއަށް ވެސް ދަމު ނަމާދު ކުރެވިދާނެ އެވެ. ދަމު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަކީ ހެޔޮ ކަމެކެވެ.