ހަބަރު

މައުމޫން ހާޒިރުވާކަށް ނާންގަން، މައުމޫނު ކައިރިއަށް ދާނީ އޭސީސީ: ލުތުފީ

Jun 22, 2017
3

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އޭސީސީއަށް ހާޒިރުވެ ވަޑައިގަންނަވަން އަމުރެއް ފޮނުވާފައި ނުވާނެ ކަމަށާއި ތަހުގީގު ކުރާ މައްސަލައަކަށް ބޭނުންވާ ބައެއްކަންކަން ސާފުކޮށްލުމަށް މައުމޫނު އަރިހަށް ހާޒިރުވާނީ އޭސީސީކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ލުތުފީ މިއަދު ވިދާޅުވީ ކުރީގެ ރައީސް މައޫނު އޭސީސީއަށް ހާޒިރުވެ ވަޑައިގަތުމަށް އެދި އެ ކޮމިޝަނުން އަމުރެއް ފޮނުވާފައިވާ ކަމަށް ފެތުރިފައިވާ އަޑުތަކަކީ ދޮގެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިރު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފު ކުރަން ބޭނުންވާތީ ރައީސް މައުމޫނު އަރިހަށް އޭސީސީއިން ދިއުމަށް ބޭނުންވާތީ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

"މިކޮޅުން އެމަނިކުފާނު ހުންނެވިތަނަކަށް ދާ ގޮތަށް ސިޓީއެއް ފޮނުވީ، އެއީ ބައެއް ސުވާލުތައް އަހާލައި ކަންކަން ސާފު ކުރުމަށް،" ލުތުފީ ވިދާޅުވި އެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓް 2008 ގެ މައްސަލާގައި މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ވެސް މީގެ ކުރިން އޭސީސީއަށް ހާޒިރުކޮށްފައި ވެއެވެ.