ދީން

ރޯދައިގެ ދަރުމަ: އީދު ނަމާދާއި އީދު ދުވަސް

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "އީދު ނަމާދު" އެވެ.

މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހެވެ. މާދަމާއަކީ ބަރަކާތްތެރިވެގެންވާ ފިތުރު އީދު ދުވަހެވެ. އެހެންކަމުން މިއަދުގެ މައުލޫއު ހާއްސަކޮށްފައިމިވަނީ އީދު ނަމާދަށާއި އީދު ދުވަހު އަމަލުތައް ބަހައްޓާނެ ގޮތާމެދު އެވެ.

އީދު ނަމާދަކީ މާތްﷲ މުސްލިމުންނަށް ދެއްވި ވަރަށް މަތިވެރި ނިއުމަތެއް އަދި ފުރުސަތެކެވެ. މުސްލިމުންގެ އަހުވަންތަކަން ރަމްޒުކޮށްދޭ ބޮޑު އެއްވުމެކެވެ. އީދު ނަމާދު މައިދާނުގައި ކުރުމަކީ ވަރަށް މާތް ސުންނަތެކެވެ. އީދު ނަމާދު މިސްކިތުގައި ކުރުމަކީ ވެސް ބިދިޔައެއް ނޫނެވެ. މިސްކިތުގައި ވެސް މައިދާނުގައި ވެސް އީދު ނަމާދު ކުރެވިދާނެ އެވެ.

އީދު ނަމާދު މައިދާނުގައި ކުރުން މާތް ސުންނަތަކަށް ވަނީ އެކަމުގެ ސަބަބުން މުސްލިމުންގެ ބޮޑު ޖަމާއަތް ހާމަވެގެންދާތީ އެވެ.

އީދު ދުވަހަށް ތައްޔާރުވުމަކީ ކުރަންޖެހޭ ކަމެކެވެ. ރީތި އަންނައުނު ގަނެ، ފެންވަރާ ތާހިރުވާން ޖެހެ އެވެ. އެންމެ މުހިންމު ކަމަކަށް ފިތުރު ޒަކާތް ދައްކަންޖެހެ އެވެ. ނަމާދުކުރާ މައިދާން ހުރީ ގެ ކައިރީގައި ކަމަށްވާނަމަ އެންމެ ސުންނަތްވެގެންވާ ގޮތަކީ ހިނގާފައި އީދު ނަމާދަށް ދިޔުމެވެ. އަދި ދާ މަގު ނޫން އެހެން މަގަކުން އައުމަށް އިސްކަންދޭށެވެ.

އީދު ނަމާދަށް ދިޔުމުގެ ކުރިން ފޮނި އެއްޗެއް ކެއުމަކީ ވެސް ސުންނަތެކެވެ. އެންމެ ރަނގަޅަކީ ކަދުރެވެ. ވީހާވެސް ގިނައިން އާއިލާގެ ކުދިން ގޮވައިގެން އެކުގައި އީދު ނަމާދަށް ދިޔުމަށް ވެސް އިސްކަންދޭންޖެހޭނެ އެވެ. އަންހެނުން ވެސް އީދު ނަމާދުކުރާ ތަނަށް ގޮސް އެ ނަމާދުގައި ބައިވެރިވުމަކީ ސުންނަތެކެވެ. ނަމާދުގައި ބައިވެރިނުވެވޭ އުޒުރުވެރި އަންހެނުން ނަމާދުކުރާ ތަން ކައިރީގައި ހުތުބާ އަޑުއަހާލަން ތިބުމުން ފުދޭނެ އެވެ.

އީދު ނަމާދަށް ގޮސް ބައެއް މީހުން އިހު ސުންނަތާއި ފަހު ސުންނަތް ކުރާ ތަން ފެނެ އެވެ. ނަމަވެސް އެއީ އެކަން ސުންނަތުގައި އޮންނަ ގޮތެއް ނޫނެވެ. އީދު ނަމާދުގައި އޮންނާނީ ހަމައެކަނި އެ ދެ ރަކުއަތުގެ ނަމާދެވެ. އީދު ނަމާދުގައި ހަށަން ބަންނަ ތަކުބީރު ފިޔަވައި ހަތް ތަކުބީރެއް ކިޔަންޖެހޭ އެވެ. ދެވަނަ ރަކުއަތުގައި ކިޔަންޖެހެނީ ފަސް ތަކުބީރެވެ. އީދު ނަމާދަށް ފަހުން ދެވިގެން އެއްވެސް ތަކުބީރެއް ގެއްލިއްޖެނަމަ ވެސް އެ އިޔާދަކުރަން ނުޖެހޭނެ ކަމަށް އިލްމްވެރިން ވިދާޅުވެ އެވެ.

ނަމާދު ނިންމާފައި ރަމަޟާން މަހުގެ ހެޔޮ އަމަލުތައް ގަބޫލުކޮށްދެއްވުމަށް އެދި ދުއާކުރުމާއި އެކަކު އަނެއްކަކަށް އީދުގެ ތަހުނިޔާ ކިޔުމަކީ ވަރަށް މާތް ކަންކަމެވެ. އީދު ދުވަހު ސަދަގާތް ކުރުމާއި ނިކަމެތި އާއިލާތަކުގެ ކުދިން ވެސް އީދުގެ އުފަލުގައި ބައިވެރިކުރުވައި، އެ ކުދިންނަށް ވެސް ރީތި އަންނައުނުފަދަ ތަކެތި ހަދިޔާކުރުމަކީ ވެސް މާތް ކަންކަމެވެ.