ދީން

ރޯދައިގެ ދަރުމަ: ހަ ރޯދަ ހިފަންޖެހެނީ ކިހިނެއް؟

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދިން "ރޯދައިގެ ދަރުމައިގެ" މިއީ އެންމެ ފަހު ޕްރޮގްރާމެވެ. އީދު ދުވަހަށް ހާއްސަކޮށްގެން މިއަދު ގެނެސްދޭ ޕްރޮގްރާމްގެ މައުލޫއަކީ "ޝައްވާލު މަހުގެ ހަ ރޯދަ " އެވެ. މި ޕްރޮގްރާމަށް ކިޔުންތެރިން ދިން ތަރުހީބަށް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ.

ޝައްވާލު މަހުގެ ހަ ރޯދައަކީ ވަރަށް މާތް ސުންނަތެކެވެ. ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ރަމަޟާން މަހުގެ ފަރުޟު ރޯދައަށްފަހު ޝައްވާލު މަހުގެ ސުންނަތް ހަ ރޯދަ ހިފުމަކީ މުޅި އަހަރު ރޯދައަށް ހުރުމާ އެއް ފަދަ ކަމެއް ކަމަށެވެ.

ބައެއް އިލްމްވެރިން ވިދާޅުވާ ގޮތުގައި އެންމެ މާތް ގޮތަކީ ޖެހިޖެހިގެން ހަ ރޯދަ ހިފުމެވެ. މާނައަކީ އީދު ދުވަހަށްފަހު އަންނަ ހަ ދުވަހު ރޯދައަށް ހުރުމެވެ. އަނެއް ބައި އިލްމްވެރިން ވިދާޅުވާ ގޮތުގައި ޖެހިޖެހިގެން ހަ ރޯދަ ހިފުމަކީ މުހިންމު ކަމެއް ނޫނެވެ. ޝައްވާލު މަހުގެ ކޮންމެ ވެސް ހަ ދުވަހެއްގައި ޖެހިޖެހިގެން ނޫނަސް ރޯދަ ހިފުމުން އެ ސުންނަތް ހާސިލުވީ އެވެ.

އިލްމްވެރިން ވިދާޅުވާ ގޮތުގައި މި ދެ ގޮތް ވެސް ރަނގަޅެވެ. އޭގައި ބަލަންޖެހޭނީ އެމީހަކަށް ފަސޭހަ ގޮތެވެ.

އަޒުރުވެރިންނަށް މިސާލަކަށް ރޯދަ މަހު ރޯދަ ގެއްލުނު އަންހެނުން ހަ ރޯދަ ހިފާނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން ސުވާލުކުރެ އެވެ. އެމީހުން ފުރަތަމަ ހިފަންޖެހޭނީ ފަރުޟު ރޯދަތޯ ނޫނީ ސުންނަތް ރޯދަތޯ ސުވާލުކުރެ އެވެ.

އިލްމްވެރިން ވިދާޅުވެފައިވާ ގޮތުގައި ފަރުޟު ރޯދަތައް ފަހަށް ބަހައްޓާފައި ޝައްވާލު މަހުގެ ސުންނަތް ހަ ރޯދަ ހިފިދާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. ހަމަ އެގޮތަށް ފަރުޟު ރޯދަތައް ފުރަތަމަ ހިފުމަށްފަހު ސުންނަތް ރޯދަތައް ވެސް ހިފިދާނެ އެވެ.