ގުއިވަޅު މެއްސާއި އެއަށްވުރެ ދޮށީ މާބުރަށް ނުވާ ފަލަ މެހީގެ ބައިގަނޑު ބޫން ބޫން ލާފައި ފަރުދާއަކަށް ވެގެން ބުރަބުރާ އޮވެ އެވެ. ސަލާމަތް ނުވެވޭނެތީ އެ ބައިގަނޑުގެ ތެރޭން ބޯ ކޮއްޕައި ބަލައިލި އިރު އަސްތާ މިހިރީ މުޅިން ބަދަލު ކޮށްލާފަ އެވެ. އަހައިލެވުނީ ވެސް "މިހުރީ ބަދަލުކޮށްލާފައި ހެއްޔޭ" އެވެ. އެމީހުން ވެސް ބުނީ "އާއެކޭ މިހިރީ ތަފާތު ކޮށްލާފަައޭ" އެވެ. ގޮޅިތަކަށް ވަނީ "ގާލް ކުއްޖަކަށް" ދޭން ކުރުނބައެއް ހޯދައިލަން ކަމަށެވެ. އެހެންޏާ ދާއިރު ފެންނަނީ މެއާ ހަމައަށް ހުންނަ ކުރުނބާ ފުނިތަކުން ކުރުނބާގެ ފިހި ދުއްވާލައި މޭޒުމަތީ ނަލައަށް އަތުރާލާފައި ހުންނާތީ އެވެ. މިހާރު މި ބަދަލުކޮށްލީ ފިސާރި ބޮޑަށެވެ. ފެން ހުސްކޮށް ދޫކޮށްލާ 1500 އެމްއެލްގެ ފުޅީގެ މެދަށް ކުރުނބާ ފެން އަޅައި އޭގެ ތެރެއަށް ހެވާ ގަންނަވައިގެން ފުޅީގެ އަގު ދިން ހިސާބަށް ފުރާލުމަށް ފަހު މޭޒުގައި ބަރިއަކަށް އަތުރަނީ އެވެ. އޭގެ ފޮންޏާއި ވަހާއިގެ އަވައިގައި މެހިގަނޑު ހޭކެނޑިގެން އެނބުރެނީ އެވެ. ބަދަލު ކޮށްލެވޭނީ މިހާވަރަށް ނޫން ހެއްޔެވެ؟
"ކުރުނބާ ފެންތަ؟ ފަނިތަ؟ އަގު ކިހާވަރެއް؟" އާދައާ ތަފާތުވުމުން އެއް ފަހަރާ ތިން ސުވާލު ކޮށްލެވުނެވެ.
ދިވެހި ގޮޅިތަކުގައި "ދިވެހިންނަށް ވެގެން" ތިބި ބަންގާޅު ސޭޓުން ބުނި ގޮތުގައި އެއީ ހެވައާއެކު ކުރުނބާ ފެނޭ އެވެ. ފަސޭހަ ކޮށްލައި ދިނީ އެވެ. ކުރުނބާ ގަނެގެން ގޮސް ގޭގައި ކުރަން ޖެހޭ މަސައްކަތުގެ ބައި ކުޑަކޮށްލައި ދިނީ އެވެ. ކުނި މެނޭޖް ކޮށްދިނީ އެވެ. މިހާރު ޖެހޭނީ އެއިން ފުޅިއެއް ގަނެލައިގެން ތައްޓަށް އަޅާލަށެވެ. އަތުން ފައިން ބޮޑު ވަރަކަށް ކޮށްލަން އޮންނާނީ ފިނި ކޮށްލަންޏާ ފުރިޖަށް ލުމާއި ފޮނި ކޮށްލަންޏާ ހަކުރު ސަމުސަލެއް އަޅައިލުމާއި – އަލަމާރިއަށް ނުލަންޏާ އައިސް ކިއުބެއް ވައްޓާލުމެވެ. ފޮނި ދޯ އެވެ؟
ކުރުނބައެއްގެ އަގު އާދަވެ އުޅެނީ ވިހި ފަންސަވީހާއި ތިރީހާ ދެމެދު އެވެ. ދިވެހިންނަށް "ބަދަލުވެފައިވާ" ސޭޓުން ބުނާ ގޮތުގައި މިއައި ބަދަލަކީ ހެޔޮވަރު ފަސް ކުރުނބާގެ ހެވައާ ފެން ހިމެނޭ "ފަނި ފުޅި" އެއް 130ރ. އާއި 140ރ. ދެމެދުގެ އަގުގައި ލިބެން ފެށީ އެވެ. އެވަރު ފުޅިއެއް މަދު ދެތިން ގޮޅިއަކުން 80ރ. އަށް ކަމަށް 90ރ. އަށް ހުއްޓެވެ.
ކުރުނބާ ގެންގުޅޭ ހުރިހާ ގޮޅިއެއްގައި ވެސް ރަސްކަން ކުރީ މެހީގެ ބައިގަނޑެވެ. ފެންނަނީ ގާތްގަނޑަކަށް އެއް މަންޒަރެކެވެ. ގޮޅީތެރޭގެ ހުރިހާ ވައްތަރެއްގައި މެކެމުން މޭޒާއި ތަޅުން މަތީގައި ހުންނަ ކުކިން އޮއިލް ހުސްކުރި ހަންބުރި އާއި 500 އެމްއެލްގެ ފެން ހުސްކުރާ ބޮޑެތި ފުޅީގެ، ފުޅި ބުރިއަކަށް ކުރުނބާ ކަނޑައި އޮއްސައި ހެވާގަނޑު އުކުރައި އެއަށް އަޅަނީ އެވެ. މެއްސަށް ދީފައި އެ ބަހައްޓަނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެ އެވެ.
އޭގެ ފަހަށް އަނގަ ކުދި އެއްޗެއްސަށް ތެލާއި ފެންފަދަ ދިޔާ އެއްޗެއްހި އަޅާ ދޯރިއެއްގެ އެހީގައި ފެން ހުސްކުރި 1500 އެމްއެލްގެ ފުޅިއެއްގެ މެދާ ހަމައަށް ކުުރުނބާ ފެން އަޅައި ފަކުރުވެރި އަތުން ގަދަބަދަވި ކަމުން ހެވާ ގަނޑު ފުޅީގެ ތެރެއަށް ވައްދަނީ އެވެ. އެ މީހުން "ތައްޔާރުކޮށް ބަންދުކުރާ" ފުޅީގައި ފަސް ކުރުނބާގެ ފެނާއި އެއާވީ ހެވާ ހުންނާނެ ކަމަށް ބުނަނީ ލަފަޔަކަށެވެ.
މެހިގަނޑުގެ ތެރެއިން ބިދޭސީއަކު ވަދެގެން އެހަރަ އަންނަނީ ގޯންޏެއް ހިފައިގެނެވެ. ތުން މޮހެލައި ގޮޅީގެ ތެރައަށް ބަންޑުން ކޮށްލުމާއި ރަނގަރަނގަލާފައި އެ ފައިބައިގަތީ ބޮނަކުއާ އާއި ލައިފާއި ތާޒާގެ ހުސް ފުޅި އެވެ. މަދަކު ބައިވަރެއް ނޫނެވެ.
ކުރުނބާ ފެން، ފުޅި ފުޅިއަށް އެ އަޅަނީ ފުޅިތައް ރަނގަޅަށްދޮވެ ސާފުކޮށްގެން ހެއްޔެވެ؟ ފުޅި ހޯދަނީ ގޭގެއިން ހެއްޔެެ؟ މަގު މަތިން ހެއްޔެވެ؟ ކުނި އުކާލައި ގޮނޑުން ހެއްޔެވެ؟ ގައިމަށް ފިހާރައިން ގެނެ ކަނޑާލާ ގޮތަށް ފެން ހުސްކޮށްފައި ކުރުނބާ ފެނެއް ނާޅާނެ ދޯ އެވެ؟
ކުރުނބާ ފެން ފުޅިއެއް ގަތުމުގެ ކުރިން އެ ފުޅީގެ ސާފު ތާހިރު ކަމާއި ތާޒާ ކަމާމެދު ސުވާލު ކުރަންޖެހޭނެ ނޫން ހެއްޔެވެ؟ މައިގަނޑު ޖަވާބަކީ "ވަރަށް ސާފު ވަނީ، ވަރަށް ދޮންނަނީ" އެވެ.
މައުމޫނު ޒަމާނުގައި ބަޔަކު "ދިވެހި ބަސް ދިވެހި ކުރާހެން" ބަޔަކު މީހުން "ދިވެހިންނަށްވުރެ ވެސް ދިވެހި ކޮށްފައިވާ ބިދޭސީން" ގެ ގިނަ ސޭޓުން ބުނި ގޮތުގައ ފުޅި ހޯދަނީ މަގުމަތިންނާއި ގޭގެ އާއި އޮޑިދޯނި ފަހަރުންނެވެ. ފުޅި ހޮވާ މީހުންގެ އަތުން ރުފިޔާ ދެރުފިޔާއަށް ފުޅި ގަތުން ވެސް އޮވެއެވެ. ކުރުނބާ ފެން އަޅަނީ އެ ފުޅި ދޮވެގެނޭ ވެސް ބުނެ އެވެ.
"ކިހިނެއް ފުޅި ދޮންނަކަން، ދޮވެފައިވާކަން އެނގެނީ؟" ފުޅިތައް ދޮންނަ މަންޒަރެއް އަދި އެއީ ދޮވެފައި ހުރި، ސާފުތާހިރު ކަމުގެ ނަމްބަރެއް ދީފައިވާ ފުޅިއެއްކަން އެނގޭނެ ނިޝާނެއް ނެތުމުން ސުވާލު ކުރީމެވެ.
ހުރިގާ ދިމާއެއްގައިހެން ފުޅިތައް ހުންނަނީ ފުންޏަކަށް އޮއްސާލާފަ އެވެ. ހަން ބުރީގެ މެދާ ހަމައަށް ކުރުނބާ ފެނާއި ހެވާ ޖަމާ ވީމާ ފުޅީގެ ތުނބަށް ދޯރި ޖަހާފައި އެ ހަން ބުރިން ކުރުނބާ ފެން އޮއްސައިލަނީ އެވެ. ފުޅިއަށް ހެވާ ލައްވަން ޖެހޭތީ ފެން އަޅަނީ ފުޅީގެ ވަކި ހިސާބަކަށެވެ. އެކި ފަހަރު އެކި ވަރަށެވެ. ބައެއް މީހުން ފުޅިއަށް ހެވާ އަޅަން ސަމުސަލެއް ބޭނުން ކުރެ އެވެ. އަނެއް ބައި މީހުން ދަނޑިކޮޅެކެވެ. ދެން ތިބި މީހުން ކޮއްޕާލަނީ އެހެންނާ ހިކި، އެހެންޏާ ލޮނދި އިނގިއްޔެވެ. އެއިން އެއްވެސް "ދިވެއްސެއް" ގެ އަތަށް އަންގިއެއް މަހާފައި ވަނިކޮށެއް ނުދެކެމެވެ.
މެހިގަނޑު ތެރެއިން ނުކުމެ ނޭވާ ހައްޓަށް ފެތޭވަރުވުމުން ހިތަށް އެރި އެވެ. އަސްލު ދިވެހިންނަކީ ވަކި ވައްތަރެއްގެ ކުރުނބާ ނޫނީ ކަމުނުދާ މީހުނެވެ. ކުރުނބާގެ ބާވަތުން އެއީ ފެން މީރު ކުރުނބައެއްކަން އަސްލު ދިވެހިން ދެނެގަންނާނެ އެވެ. އަދި އަސްލު ދިވެހިން ދަނބުރުކު ކުރުނބައާއި ޖާފާނު ކުރުނބައާ ވަކި ގޮތަކަށް ހުންނަ ބޮނބިގަނޑުން ކުރުނބާގެ އޮށް ބޮޑު ކަން ނޫން ކަން ދެނެގަންނާ އެވެ. ފުއްޓަކެއް ޖަހާފައި ކުރުނބާގެ ހެޔޮވަރުކަން އަސްލު ދިވެހިން ވަޒަން ކުރާނެ އެވެ. "ހެދި ދިވެހީން" ބަދަލު ކޮށްލި ކޮށްލީނުން، މިވީ ގޮތަކީ ބޭނުންވާ ކުރުނބާ ނެގުމުގެ ފުރުސަތު ކުޑަވެ ހުރިހާ އެއްޗެއް "މެހިގަނޑަކަށް" ވީއެވެ. މެހިގަނޑުގެ ބޯ ފަރުދާގެ ފުރަގަހުގައި ތައްޔާރު ކުރާ އެ ފުޅީގައިވަނީ ކިހާ ތާޒާ ހެވައަކާ ފެނެއްތޯ ސާފު ކުރެވޭ ވަރަށް ނޭނގުނީ އެވެ. މިފުޅި މަގޭ "ގާލް ކުއްޖާ" އަކަށް ކަމަކު ނުދާނެ އެވެ.