ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން މިނިވަންކުރުމަށް އަދާލަތު ޕާޓީން އަނެއްކާވެސް ގޮވާލައިފި އެވެ. މިފަހަރު އެ ޕާޓީން އެގޮތަށް ގޮވާލީ، ނާޒިމްގެ އެއްވެސް ކުށެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަދީބުގެ ސިޓީން ކަމުގެ ހަގީގަތް މުޅިން ސާފުވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެ ޕާޓީން ވަނީ ނާޒިމް ޖަލަށްލާފައިވަނީ ބޮޑު ރޭވުމެއްގެ ދަށުން ފްރޭމްކޮށްގެން ކަމަށް ބުނެފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި އަދީބު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވި ގެކޮޅު ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު ކަޅު ދަބަހުގެ ތެރޭގައި އޮތް ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގަތް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭ ކަމަށެވެ. އެތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫން ކަމަށާއި އެތަކެތި ނާޒިމް ދިރިއުޅުއްވާ ގެކޮޅުން ފެންނަންޖެހުނު ގޮތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އަދީބު ވަނީ ސިޓީގައި ދެއްވާފަ އެވެ. އޭގެއިތުރުން ވެސް އަދީބު ވިދާޅުވެފައިވަނީ، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތާއި އެ ރޭވުން ރޭވިގެން އައި ގޮތާއި ނިމިގެންދިޔަ ގޮތާއި އޭގައި ބައިވެރިވި މީހުން ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
ފިސްތޯލަ އާއި ތިން ވަޒަން ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ ނާޒިމް ވަނީ 11 އަހަރަށް ޖަލަށް ލާފަ އެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމް ރަނގަޅު ކަމަށް ބުނެ މައްސަލަ ނުބަލާ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިނުގަތްކަން އަންގައި، ނާޒިމަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، މައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާކުރުވަނިވި ހުކުމެއް ކޮށްފައިވާ މައްސަަލައަކަށްވެފައި މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްއަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު ހައިކޯޓުގެ ހުކުމް ރަނގަޅުނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެކަމަކު އެގޮތަށް ނިންމި އިރު، އަދީބުގެ ޑީއެންއޭ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ނާޒިމްގެ ފަރާތުން ވަނީ އެ މައްސަލަ އަލުން ރިވިއުކޮށްދޭން ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އަދި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލީ، އަދީބުގެ ޑީއެންއޭ ރިޕޯޓު ދައުލަތުން އެ ކޯޓަށް ފޮނުވާފައި ވަނިކޮށެވެ.
ނާޒިމް ފްރޭމްކޮށްފައިވަނީ އަދީބު ކަމަށް ދަށު ކޯޓުގައި ވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އޭރު އެކަމަށް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ނާޒިމް ވަނީ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފަ އެވެ.
މީގެއިތުރަށް ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އާސިފު ކިޔާ ފުލުހެއް ކަމަށާއި އޭނާ އެ ފިސްތޯލަ ވައްދާފައި ވަނީ އަންބޮނޑިއަށްޖަހައިގެން ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވެ އެވެ. އާސިފު އެ ފިސްތޯލަ ނާޒިމް ގެއަށް ވައްދާފައިވަނީ އަދީބު ވިދާޅުވެގެން ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.