ހަބަރު

އެމްޑީޕީ މަސައްކަތް ކުރަނީ ލާދީނީ އެޖެންޑާއެއް ފަތުރަން: މުއިއްޒު

އިދިކޮޅު، އެމްޑީޕީއަކީ އިސްލާމް ދީނާ ދުރު ގިނަ މީހުންތަކެއް ތިބި އެފަދަ ބަޔަކު ވާގިދޭ ލާދިނީ ފިކުރުގެ ޕާޓީއެއްގެ ގޮތުގައި ސިފަކޮށް އެ ޕާޓީއަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު ލާދީނީ އެޖެންޑާއެއް ފަތުރަން ކަމަށެވެ.

ޗެނަލް 13ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އިޒްރޭލް ފަދަ ގައުމުތަކާ ގުޅުން ބަދަހިކޮށް އިސްލާމް ދީނާ ދުރު ގިނަ ކަންތައްތަކެއް ކުރި ކަމަށެވެ. ރާއްޖެއާ މުސްލިމު ގައުމުތަކާ ދެމެދު ގުޅުން ގޯސްވެ ރަށްރަށުގައި ބަނގުރާ ވިއްކާ އާންމުކޮށްލަން މަސައްކަތް ކުރި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އިސްލާމް ދީނާ ދުރު ހުރިހާ އަމަލެއް ހިންގާ މީހުންގެ ޕާޓީއަކީ މިހާރު ވެސް އެމްޑީޕީ ކަމަށާއި އެ ޕާޓީއަށް ވާގިދީ ވާހަކަ ދައްކާ މީހުންނަކީ ވެސް ދީނާ ދުރު ބައެއް ކަމަށެވެ.

"ވިސްނާލީމަ ފެންނާނެ މީގެ ހަގީގަތްތައް، އެމްޑީޕީގެ ތެރޭގައި ވެސް އަދި އެމްޑީޕީއާ ގުޅިފައިވެސް މިތިބީ ވަރަށް ބޮޑަށް އިސްލާމް ދީނާ ދުރު މީހުން، އަޅުގަނޑުމެންނަށް އެބަފެނޭ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއީދުކޮށް އެކި ކަހަލަ ސްޓޭޓަސްތައް ޖަހާ ހަދާ މީހުން އެމްޑީޕީ ތެރޭގައި ނޫނީ އެމްޑީޕީއަށް ވާގިދޭ މީހުންގެ ތެރޭގައި،" މުއިއްޒު ވިދާޅުވި އެވެ. "އެހެން ގޮސް ދީނާ ދުރު ހުރިހާ ކަމެއް ކުރާ މީހުން އެމްޑީޕީގެ ތެރޭގައި އެބަތިބި، ބަނގުރާ ގެންގުޅުމާއި އެ ބުއިން ފަދަ އެކި ކަހަލަ ކަންތައްތަކުގެ ތެރޭގައި އުޅޭ ނަން މަޝްހޫރު މީހުން އެމްޑީޕީ ތެރޭގައި އެބަ އުޅޭ،"

އެމްޑީޕީގެ އިތުރުން މިހާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީއަށް ވެސް މުއިއްޒުގެ ހަމަލާތަކެއް އަމާޒު ކުރެއްވި އެވެ. މުއިއްޒު ވިދާޅުވީ، އަދާލަތު ޕާޓީން ވެސް މިހާރު ފެނިގެންދަނީ އެ ޕާޓީ އުފެއްދި މަގުސަދާ ހިސާބަށް ހިލާފަށް ޕާޓީގެ މިސްރާބު ގެއްލިފައިވާ ތަން ކަމަށެވެ. އެ ޕާޓީ އިސްލާމް ދީން ހިމާޔަތްކޮށް އެ ދީނަށް ނަސްރު ދިނުމަށް އުފެއްދި ޕާޓީއެއް ނަމަވެސް އެ މަންޒަރު މިހާރު ނުފެންނަ ކަމަށެވެ.

"ފެނިގެން މިދަނީ އެއްވެސް ގޮތަކަށް ދީން ހިމާޔަތްކުރުމަށް އަދާލަތު ޕާޓީން އެމްޑީޕީއަށް ވާގިވެރިވާ ތަނެއް ނޫން، އަދި އެހެން ފަރާތްތަކުން ވެސް، ކުރީގަ އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތް ނަމަވެސް މިހާރު އެކަން ވަނީ ނިމުމަކަށް އައިސްފަ، އެ ޕާޓީ ވުޖޫދަށް ގެނައުމުގައި މަސައްކަތްކުރި މުޖުތަމައުގެ ތެރޭގައި އަބުރުވެރި އިލްމްވެރިން ވަނީ އެ ޕާޓީ ދޫކޮށް ގޮސްފައި އެ ޕާޓީ އެ އޮތީ އެހެން މިސްރާބަކަށް ގޮސްފަ،" ކުރިން އާދާލަތުގައި ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތައް ދައްކާ ވާހަކަތައް މިހާރު ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އެ ފަރާތްތައް މުޅިން ވެސް މަސައްކަތް ކުރަނީ ލާދީނީ އެޖެންޑާ ކުރިއެރުވުމަށް ކަމަށެވެ.

"މި މީހުންގެ އެޖެންޑާއަކީ މުޅިން ލާދީނީ އެޖެންޑާއެއް، މުޅި ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު ފިކުރު ގާއިމު ކުރުމަށް މަސައްކަތް ކުރަނީ، އެއީ އެ ފަރާތްތަކަށް ފަންޑު މިކުރާ ނުވަތަ ވާގިދޭ ގައުމުތަކާއި މުއައްސަސާތައް ނުވަތަ ޖަމިއްޔާތަކަކީ ދީނާ ދެކޮޅު ޖަމާއަތްތަކަށް ވާތީ،" މުއިއްޒު ވިދާޅުވި އެވެ.