ހަބަރު

މަސީހުގެ ހައިސިއްޔަތެއް މިހާރު ނެތް: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުﷲ މަސީހު ވަޑައިގަތް މެންބަރުންގެ އަދަދަށްވުރެ އިތުރަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ބުނެ މެންބަރުން ސޮއިކޮށްފައިވާތީ މަސީހުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު [މަސީހު] ހޮވިވަޑައިގެންނެވި އަދަދަށްވުރެ އެއް ވޯޓު އިތުރަށް ނޯ ކޮންފިޑެންސް ވޯޓު ލާފަ އެ އޮތީ، އެހެންވީމަ އެމަނިކުފާނަށް އެއްވެސް ހައިސިއްޔަތެއް ނެތް އެންމެ ދުވަހަކު ވެސް އެ ގޮނޑީގައި އިންނަވާކަށް،" ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އިތުބާރު ނެތް މައްސަލާގެ ޕެޓިޝަނުގައި ސޮއި ކުރެއްވި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސޮއި ނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އެ ޑްރާމާ ނުކުޅެވޭނެ ކަމަށެވެ. އެ ސޮއިކުރީ ތިން ހަތަރު މީހުންގެ ކުރިމަތީގަ ކަމަށެވެ. އަދި އޭގެ ފޮޓޯ އާއި ރެކޯޑިން ވެސް އެބަހުރި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ރައްޔިތުން ބުނި ބުނުން ރައްޔިތުން މަޖިލީހުގެ ތެރެއިން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. އިދިކޮޅަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީ އެހެންވެ ކަމަށެވެ. އެންމެން އެކުގައި އިސްލާހީ މަސައްކަތުގައި ކުރިއަށް ދާންވީ ކަމަށާއި އިސްލާހީ މަސައްކަތުގައި މިއަދަކީ ވެސް ކާމިޔާބުގެ ދުވަހެއް ކަމަށެވެ.