ހަބަރު

މަސްރަހު ހަލަބޮލިވެފައި ވަނިކޮށް ނަޝީދު ލަންކާއަށް

ޖަލު ހުކުމުން ސަލާމަތްވުމަށް އިނގިރޭސިންގެ ހިމާޔަތުގައި އެ ގައުމުގައި ދިރިއުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީލަންކާއަށް ވަޑައިގެންފި އެވެ.

މިފަހަރު ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައިމިވަނީ އެމަނިކުފާނު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި، ސިޔާސީ މައިދާން ހަލަބޮލިވެ، ރައްޔިތުން މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ވެސް ދާ ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދު ލަންކާއަށް މިއަދު ވަޑައިގަންނަވާފައިވާއިރު، މިއީ ކިހާ ދުވަހެއްގެ ދަތުރުފުޅެއް ކަމެއް ނޭނގެ އެވެ. ނިމިދިޔަ ރޯދަ މަހު ވެސް ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވި އެވެ. އޭގެ ކުރިން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ލަންކާގައި ރައީސް ނަޝީދު ހުންނެވި އެވެ.

އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ނަޝީދު އެންމެ ފުރަތަމަ ލަންކާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މީގެ އިތުރުން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓާ ދިމާކޮށް މިދިޔަ މާޗް މަހުގެ ތެރޭގައި ނަޝީދު ލަންކާއަށް ވަޑައިގެން އެ ގައުމުގައި ހަފްތާއެއްހާ ދުވަހު ހުންނެވި އެވެ.

ނަޝީދު ލަންކާއަށް ވަޑައިގެން އާންމު ގޮތެއްގައި ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ސަރުކާރަށް ޕްރެޝަރު ކުރަން އެކި މަސައްކަތްތައް ކުރައްވަ އެވެ.