ވިޔަފާރި

ގެދޮރު ގަތުމުގެ މައުލޫމާތުތަކާއެކު ފައިނޭންޝަލް އެކްސްޕޯ ފަށައިފި

  • އެކްސްޕޯ ކުރިއަށްދާނީ ހޮނިހިރު ދުވަހާ ހަމައަށް
  • އެކްސްޕޯގައި 30 އަށްވުރެ ގިނަ ފަރާތް ބައިވެރިވޭ
  • ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތައް އެއް ތަނަކަށް

ގެދޮރު ގަތުމަށް ބޭނުންވާ ގިނަ މައުލޫމާތުތަކާއެކު، "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މިއަދު ފަށައިިފި އެވެ.

ދަރުބާރުގޭގައި ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯ މި އަހަރު ހާއްސަކޮށްފައިވަނީ ހައުސިން ފައިނޭންސްގެ މައްޗަށެވެ. މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި 30 ސްޓޯލެއް ބަހައްޓާފައިވާއިރު، މި ތަންތަނުގެ ތެރޭގައި އެންމެ ހާއްސަކޮށް ގިނަ މައުލޫމާތުތަކެއް ދޭނީ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވައި ދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ގެދޮރު ހެދުމުގެ ބާޒާރު ތަރައްގީކޮށް ރައްޔިތުން ގެދޮރުވެރި ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"ގެދޮރުވެރި ކުރުމަށް ހައުސިން ފައިނޭންސް ވަރަށް މުހިންމު އެހެންވެ، މިފަދަ ހަރަކާތެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް މި ވަގުތަށް، އެކަމަށްޓަކައި ސަރުކާރުން އެވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސެއް ވެސް ހިއްކާފަ،" މުއިއްޒު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި މާލީ ދާއިރާގެ ގިނަ ކުންފުނިތަކާއި ބޭންކްތަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މި ފެއާގެ ތެރޭގައި މި ކުންފުނިތަކާއި ބޭންކްތަކުން ބައެއް އާ އުފެއްދުންތައް ތައާރަފު ކުރުން ވެސް އޮންނާނެ އެވެ. މިގޮތުން ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ހައުސިން ލޯނު ތައާރަފު ކުރުމާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ގެ މޮބައިލް ބޭންކިން ތައާރަފު ކުރުން ވެސް އޮންނާނެ އެވެ. މީގެއިތުރުން އަމާނާ ތަކާފުލްގެ ފަޔާ ތަކަފުލްގެ ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް އޮންނާނެ އެވެ. އަދި މޯލްޑިވްސް ސެކިއުޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) އޮންލައިން ތައާރަފު ކުރުން ވެސް އޮންނާނެ އެވެ.

މީގެ އިތުރުން ފައިނޭންޝަލް އެކްސްޕޯގައިި އެންމެ ހާއްސަކޮށް ތައާރަފުކުރާނީ ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ދެވަނަ މުޟާރަބާ ޞުކޫކް އެވެ. މި ފަހަރު އެޗްޑީއެފްސީ އިން ތައާރަފުކުރާ ޞުކޫކް ވިއްކަނީ 150 މިލިއަން ރުފިޔާ ހޯދާށެވެ. މިގޮތުން 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާ މި ފުރުސަތުގައި އާންމުންނާއި ކުންފުނި ތަކަށް ވެސް ޞުކޫކް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ޞުކޫކް ގަންނަ ނިސްބަތަކުން 65 ޕަސެންޓް ފައިދާ ގަންނަ ފަރާތަކަށް ލިބޭނެ އެވެ. އަދި ބާކީ އޮތް 35 ޕަސެންޓް ހިމަނާނީ "އެޗްޑީއެފްސީ އަމްނާ" އިން ގެދޮރު މަޝްރޫއުތަކުން ލިބޭ ފައިދާއިންނެވެ. އެޗްޑީއެފްސީ އަމްނާއަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ އުސޫލުން ގެދޮރު ހެދުމަށް އުފައްދާފައިވާ ބައެކެވެ.

މުހިންމު ސެމިނާތަކެއް

މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި މުހިންމު ގިނަ ސިނަމާތަކެއްވެސް ކުރިއަށްދާނެ އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ސެމިނާ ނުވަތަ ބައްދަލުވުމަކީ ހުޅުމާލޭގެ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ސެމިނާ އެވެ. "ސަސްޓޭނަބަލް ހައުސިން މާކެޓެއް އުފެއްފުން" މިނަމުގައި ބާއްވާ ސެމިނާގައި ގިނަ މައުލޫމާތު ތަކެއް ހިއްސާ ކުރާނެ އެވެ. އަދި މަރުކަޒީ ބޭކުންވެސް ހައުސިން ފައިނޭންސް އާއި ކުދި ވިޔަފާރި އަދި އިސްލާމިކް ފައިނޭންސާ ގުޅޭ ގޮތުން ސެމިނާތަކެއް ބާއްވާނެ އެވެ. އަދި ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ޔޫއެންޑީޕީން ހިއްސާކުރާނެ އެވެ.