ވިޔަފާރި

"ގެދޮރު ހަދަން ދޫކުރާ ލޯނުތައް އަގު ހެޔޮ ކުރަން ޖެހޭ"

ގެދޮރު ހެދުމަށް މިހާރު މަތީ އިންޓްރެސްޓް ރޭޓުގައި ދޫކުރަމުން ގެންދާ ލޯނުތައް އަގު ހެޔޮ ކުރަން ޖެހޭ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އަޒީމާ ވިދާޅުވީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު ގަތުމަށް ހެޔޮ އަގުގައި ލުއި ފަސޭހަކަމާއެކު ލޯނު ލިބޭނެ ގޮތް ރާއްޖޭގެ ބޭންކް ތަކުން ހަދަން ޖެހޭ ކަމަށެވެ. އަދި ގެދޮރުވެރިކަމަކީ ރައްޔިތުންގެ އުފާ ފާގަތިކަމަށްޓަކައި މުހިންމު ކަމެއްކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

"ގެދޮރުވެރިކަމާ ނުލައި ވެސް ގައުމުގެ އިގްތިސާދު ވަރަށް ބާރަށްކުރިއަށް ގެންދެވިދާނެ. އެހެންނަމަވެސް ރައްޔިތުންގެ ދިރިއުޅުމު ފެންވަރު މަތި ކުރެވޭނީ ރައްޔިތުން ބާރުވެރި ކުރެވޭނީ ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ގެނެސްދެވޭނީ އެންމެންނަށްވެސް އަމިއްލަ ގެދޮރު ލިބިގެން،" ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ކުރެވެން އަންނަނީ ރާއްޖޭގައި މިހާރު ތަރައްގީވެ ކުރިއަރަމުން އަންނަ ހައުސިން ބާޒާރަށް އެކަށީގެންވާ ގޮތެއްގައި ލޯނު ލިބޭނެ ގޮތް ހަމަޖެހިގެން ކަމަށެވެ.

"މިކަން ކުރެވޭނީ ހައުސިން ޕޮލިސީ އާ އެގޮތަށް ބައްޓަން ކުރެވިގެން. ކޮންސްޓްރަކްޝަންގެ ހަރަދު ކުޑަ އަތް ފޯރާ ފަށަށް ކުޑަ ކުރެވިގެން. ކޮންސްޓްރަކްޝަން ކުންފުނިތަކަށް މާލީ އިދާރާ ތަކުން ކުޑަކޮށް ލޯނު ލިބޭނެ މަގު ފަހިވެގެން،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެންމެ އާދައިގެ ވަޒީފާގައި އުޅޭ މީހާއަށްވެސް ގެ ނުވަތަ ފްލެޓް ގަންނަން ލޯނު ލިބެން ޖެހޭ ކަމަށެވެ.

"މި ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި އޮންނަ މީހަކަށް ވެސް ހުޅުވިފައި އޮންނަން ޖެހޭ އެއްޗެއް. ހައުސިން ލޯނަކީ އެމީހަކަށް ލިބޭ މުސާރައެއްގެ ނިސްބަތުން ލިބެން ޖެހޭ އެއްޗެއް. ހަމައެކަނި މުއްސަނދި ނޫނީ ބޮޑު މުސާރަ ލިބޭ މީހުންނަށް ލިބޭ އެއްޗަކަށް ވެގެން ނުވާނެ. ވަޒީފާގެ އާމްދަނީ ލިބޭ ވަރަށް ބަލައި ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބެން ޖެހޭ،" އަޒީމާ ވިދާޅުވި އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއާ ބެހޭ ގޮތުން ގަވަރުނަރު ވިދާޅުވީ މި ފެއާގައި ގެދޮރު ތަރައްގީ ކުރާ ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ. އަދި މި ފެއާގެ އެންމެ ބޮޑު އެއް މަގުސަދަކީ މި ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުން ކަމަށެވެ.

މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ރާއްޖޭގެ ހުރިހާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަދި ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ އިތުރުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި މީރާ ވެސް ބައިވެރިވާނެ އެވެ.

މި ފެއާ ކުރިއަށް ދާނީ ހޮނިހިރު ދުވަހު ނިޔަލަށެވެ.