ހަބަރު

ރިލްވާންއަށް ވީގޮތް އަދިވެސް ފުލުހުންނަށް ނޭނގޭ: އާއިލާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީގޮތެއް އަދިވެސް ފުލުހުންނަށް ހޯދިފައިނުވާ ކަމަށް ފުލުހުން ޝަރީއަތުގައި މަޖިލީހުގައި ބުނެފައިވާ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ، ރިލްވާން ގެއްލުވާލި، މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު އާއިލާއާ ހިއްސާ ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށް އެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވަމުން އިއްޔެ އެވެ. އެ މައްސަލަ އާއިލާއިން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

ރިލްވާން ބަޔަކު ގެއްލުމަށްފަހު އޭނާއަށް ވީގޮތެއް މިހާތަނަށް ފުލުހުންނަށް ހޯދިފައިނުވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ އާއިލާއަށް ގަބޫލު ކުރުވޭނެ ޖަވާބެއް ނޫން ކަމަށް އެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ރިލްވާން ހޯދުމަށް ކެޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތަކުރާރުކޮށް ފުލުހުން ބުނަމުން ދާއިރު، ފުލުހުން ކޯޓުގައި ދީފައިވާ އެޖަވާބަކީ އާއިލާއަށް ގަބޫލުކުރަން ދަތި ޖަވާބެއް، އަދި، ޝަރީއަތުގައިވެސް ދަންނަވާފައިވާނެ ފަދައިން، އާއިލާގެ ފަރާތުން ވަރަށް އިހްލާސްތެރިކަމާއެކު ދިވެހި ދައުލަތުގެ ކިބައިން އެދެނީ، މިމައްސަލައާ ގުޅިގެން ފުލުހުން ހާމަކުރާ މައުލޫމާތު ސިއްރުކުރަން ޝަރުތުކޮށް ނަމަވެސް، އެހާދިސާގެ ހަގީގަތް އާއިލާއާ ހިއްސާކޮށް، އެކަމުގެ ސަބަބުން އާއިލާއަށް ލިބިފައިވާ ހިތްދަތިކަމަށް ލުޔެއް ހޯދައިދިނުން،" އާއިލާގެ ބަޔާނުގައިވެ އެވެ.