ހަބަރު

އަދީބުގެ ސިޓީ އދ. އާ ހަމައަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެކޮޅުން ފެނުނު ފިސްތޯލައިގެ ހަގީގަތް ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އޭރު ނާޒިމާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ، އދ. އަށް ހުށަހަޅައިފި އެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށާއި އދ. ގެ ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޕްރިންސް ޒައިދު ބިން ރާދު އަލް ހުސެއިންގެ އޮފީހަށް އެ ސިޓީ ހުށަހެޅުއްވީ، ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ. ގެ މަންދޫބު ޑރ. އަހްމަދު ޝަހީދެވެ.

އެ ސިޓީގައި އަދީބު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވި ގެކޮޅު ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ކަޅު ދަބަހުގެ ތެރޭގައި އޮތް ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގަތް ވަރަށް ރަނގަޅަށް އޭނާއަށް އެނގި ވަޑައިގަންނަވާ ކަމަށެވެ.

މީގެކުރިން ވެސް ނާޒިމްގެ މައްސަލަ އދ. ގެ ވޯކިން ގުރޫޕުން ވަނީ ބަލާފަ އެވެ. އަދި ނާޒިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލި އެވެ. އެ ގުރޫޕުން ނާޒިމް ދޫކޮށްލުމަށް ސަރުކާރަށް ދިން މުއްދަތު މި މަހު ހަމަވާނެ އެވެ.

ޑރ. ޝަހީދު ވިދާޅުވީ، އެ މުއްދަތު ހަމަވުމުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީއަށް އެ މައްސަލަ ވެއްދުމަށް ވެސް ނާޒިމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.