ވިޔަފާރި

"ޕެންޝަން ފަންޑުގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި"

ޕެންޝަން ފަންޑުގައި ފައިސާގެ އަދަދު ހަ ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މި ފައިސާ އިންވެސްޓްކުރާނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ގައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޕެންޝަން އޮފީހުގެ ސީއީއޯ މަނިކު ވިދާޅުވީ ޕެންޝަން ފަންޑު ދުވަހެއް ދުވަހަށް އިތުރުވަމުންދާކަމަށާއި މިހާރު ކޮންމެ މަހަކު 78 މިލިއަން ރުފިޔާ އާއި 80 މިލިއަން ރުފިޔާ ވަރު ޕެންޝަނަރުންގެ އަތުން ޖަމާކުރާ ކަމަށެވެ.

"އެއްގޮތަކުން ބުނެވިދާނެ ފައިސާ ގިނަ ވެގެން ހަދާނެ ގޮތް ނެތިގެންނޭ މި ފަންޑު އޮތީ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފަންޑު މިހާރުގެ ވަރަށް އިތުރުވަމުންދާއިރު، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޖީޑީޕީގެ 30 ޕަސެންޓަށް އަރާނެ ކަމަށެވެ.

"މިހާރު ޕެންޝަން ފަންޑުގެ މެންބަރުންގެ ގޮތުގައި އެބަތިބި 130،000 ގިނަ މީހުން،" މަނިކު ވިދާޅުވި އެވެ.

ޕެންޝަލް އޮފީހުގެ ސީއީއޯ ވިދާޅުވީ ޕެންޝަން ފަންޑަކީ ރާއްޖޭގެ ހައުސިން ބާޒާރަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށާއި ނަމަވެސް އެކަމަށް ބައެއް ބަދަލުތައް ބޭނުންވާ ކަމަށެވެ. އަދި މި ޕެންޝަނަށް ފައިސާ ދައްކައިގެން ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގެދޮރު ގަންނަން ބޭނުންވާ ޕެންޝަނަރުންނަށް ފަންޑު މެދުވެރިކޮށް ފުރުސަތު ތަކެއް ލިބޭނެ ކަމަށެވެ. މިގޮތުން ދުރާލާ ޕްލޭންކޮށްގެން ޕެންޝަނަށް ކަނޑާ ހަތް ޕަސެންޓުގެ އިތުރަށް ވެސް އަމިއްލަ ގޮތުން ފައިސާ ޖަމާކޮށް ބޭނުންވާ 20 ޕަސެންޓް ހަމަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

"ވަރަށް ގިނަ ބޭފުޅުންނަށް އޮޅިވަޑައިގެންފައިވާ އެއްޗެއް މިއީ. ނަމަވެސް ބޭނުންވާ ފަރާތަކަށް ފައިސާ ދައްކައި ހަމަ ކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވިފަ،" މަނިކު ވިދާޅުވި އެވެ.