އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި ސަލާމަތީ ދާއިރާތަކުގައި އުޅޭ މީހުންނަށް ހާއްސަކޮށް، އަމާނާ ތަކާފުލް އިން ތައާރަފުކޮށްފައިވާ "ކަށަވި" އިންޝުއަރެންސް ނެގި ފުރަތަމަ ދެ މީހުންނަށް ޕޮލިސީ ހަވާލުކޮށްފި އެވެ. މި އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ނަގާފައިވަނީ ދެ ސިފައިންގެ މީހުންނެވެ.
ދަރުބާރުގޭގައި ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" ގައި އަމާނާ ތަކާފުލް އިން ވަނީ ފުރަތަމަ "ކަށަވި" ނަގާފައިވާ ޕްރައިވެޓް ސައްދާމް އިސްމާއިލާއި ސާޖަންޓް ވާރިޝް ޝިޔާމް ޕޮލިސީ ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އެވެ.
މި ހިދުމަތް ލިބޭނީ ފުލުހުންނާއި ސިފައިން އަދި ކަސްޓަމްސް އާއި ފަޔާމަނުން އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓާއި އިމިގްރޭޝަންގައި މަސައްކަތް ކުރާ މީހުންނަށެވެ. އެ ފަރާތްތަކުން އަމާނާ ތަކާފުލްގެ "ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް" ގެ ހިދުމަތް ނެގުމުން އޮޓަމެޓިކުން ކަށަވި ލިބޭނެ އެވެ. އަމާނާ ތަކާފުލްގެ ތާޑް ޕާޓީ އިންޝުއަރެންސް ނެގުމުން ޕާސަނަލް އެކްސިޑެންޓް ބެނެފިޓް ކަވާ އެއް ވެސް ލިބެއެވެ.
އަމާނާ ތަކާފުލް އިން ތައާރަފުކޮށްފައިވާ ކަށަވި އިންޝުއަރެންސް ހިދުމަތް ލިބޭ ފަރާތަކަށް އެކްސިޑެންޓެއް ފަދަ ކަމެއް ދިމާވެ ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުގައި ފަސް ލައްކަ ރުފިޔާއާ ހަމަ އަށް ބަދަލުދޭނެ އެވެ.