ހަބަރު

ބްރިޖްގެ މަސައްކަތުގައި މިއަދު މުހިންމު ފިޔަވަޅެއް ކުރިޔަށް

ހުޅުލެ އާއި މާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑެކް ނުވަތަ ބްރިޖްގެ މައިގަނޑުގެ އައިބީމްތައް މިއަދު އަޅަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ބްރިޖްގެ މައިގަނޑުގެ އެންމެ މުހިންމު ބައިތައް ކަމަށްވާ އައިބީމްތައް ބަހައްޓަން ފެށީ މިއަދު ހެނދުނު ކަމަށެވެ. އަދި މެންދުރު ފަހު ދެވަނަ އައިބީމެއްވެސް ވަނީ ބާއްވައިފަ އެވެ. އައިބީމްތައް އަޅަން ފެށީ މާލެއާ ވީފަޅިން އެވެ. މުޅި ބްރިޖްގައި 240 އައިބީމް ހުންނާނެ އެވެ.

"އައިބީއެމް ބެހެއްޓުމަށް މިއަދު ކުރެވުނު މަސައްކަތް ކާމިޔާބު. މިއީ ބްރިޖްގެ މަސައްކަތުގައި ތާރީހީ ދުވަހެއް،" ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

ބްރިޖްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ބްރިޖްގެ ތަނބުތަކުގެ ކަނޑު އަޑިއަށްވާ ބައި ލޮނުގަނޑުން މައްޗަށް 20 ފޫޓަށް ކޮންކްރީޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. އަދި ބައެއް ތަނބުތައް މިހާރު ލޮނުގަނޑުން މަތިން ފެންނަން ހުރެ އެވެ. އެހެންވެ މި އަހަރު ނިމޭއިރު އަމަލީ ގޮތުން އެންމެންގެ ލޮލަށް ވަރަށް ފަސޭހައިން ބްރިޖް ފެންނާނެ އެވެ. އޭރު ހުންނާނީ ދެކޮޅުގެ އެޕްރޯޗް ބްރިޖާއި މެއިން ބްރިޖްގެ ހުރިހާ ތަނބެއް ކޮންކްރީޓް އަޅާއި ނިމަފަ އެވެ. އަދި މިހާރު އެންމެ ބާރަށް ކުރިޔަށްދާ މެއިން ބްރިޖްގެ ވީޝޭޕް ލެގްތަކުގެ ތަނބުތަކުގެ ފަސް ތަނބު އަންނަ ނޮވެމްބަރުގައި އެއްކޮށް ނިމޭނެ އެވެ.

ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދު ކުރާ މި މަޝްރޫއުގެ މަސައްކަތް އުޅެނީ ޝެޑިއުލަށްވުރެ މަސްދުވަސް ކުރީގަ އެވެ. އަދި ފައިސާ އާއި ވަސީލަތްތަކާއި މަސައްކަތުގެ މީހުންގެ ގޮތުން ބްރިޖްގެ މަސައްކަތަށް އެއްވެސް ދައްޗެއް ނެތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ބުނިގޮތުގައި އަމާޒަކީ އަންނަ އަހަރުގެ ޖުލައި 26 އަށް ބްރިޖް ހުޅުވުމެވެ.

ބްރިޖަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ.