ހަބަރު

ސަރުކާރާ ގުޅޭކަށް ނޫޅެން: ނާޒިމް / މަރުޒޫގު

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއާ ގުޅިވަޑައިގަންނަވަން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ފޭކް އެއްޗެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބުނެފައިވަނީ ސަރުކާރާ ގުޅެން އެމްޑީޕީގެ ތިން މެންބަރުން ނިންމަވާފައިވާ ކަމަށެވެ. އެ ތިން މެންބަރުންނަކީ ނާޒިމާއި މަރުޒޫގްގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، ސަރުކާރާ ގުޅެން އޭނާ ނޫޅުއްވާ ކަމަށެވެ. އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރު ކުރަނީ އިތުރަށް ދެން ދައްކާނެ ވާހަކައެއް ނެތިގެން ކަމަށެވެ. އެމްޑީޕީ ޕީޖީ ގުރޫޕް އޮތީ ވަރަށް ބަދަހިކޮށް ސާބިތުކަމާއެކު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މެންބަރު މަރުޒޫގް އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ގޮތް ހުސްވެ ކުރާނެ ކަމެއް ނެތުމުން އެފަދަ އަޑުތައް ވެސް ފަތުރާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމާ މިހާރު ގުޅެންވީ އެއްވެސް ސަބަބެއް ނެތް ކަަމަށާއި އެއީ "ފެތެމުންދާ އޮޑިއެއް" ކަމަށެވެ.

"ފެތެމުންދާ އޮޑިއަކަށް އަރާނީ ކާކުތޯ، އަޅުގަނޑުމެން މި މަގާމަށް އައީ އެމްޑީޕީގެ ޓިކެޓްގައި، ތިބޭނީ ވެސް އެގޮތުގައި،" މަރުޒޫގް ވިދާޅުވި އެވެ.

މަރުޒޫގް ވިދާޅުވީ، އެންމެ 21 މެންބަރުންނާއެކު މަޖިލީހުގެ ތެރޭގައި އެމްޑީޕީ ވަރަށް ސާބިތު ކަމާއެކު މަސައްކަތް ކުރި ކަމަށެވެ. އޭރު އޮތީ ބަލިކަށިކޮށް ކަމަށެވެ. ނަމަވެސް އޭރު ވެސް ތިބީ އެމްޑީޕީއާއެކު ސާބިތުވެ ކަމަށާއި މިހާރު އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާއިރު މިއަދު ދެން އިތުރަށް ވަޑައިގަންނަވަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ދަނީ ކުރިއަށް ކަމަށާއި އެއްވެސް މެންބަރަކު އިދިކޮޅުން ވަކިނުވާނެ ކަމަށެވެ. އަދި ދޮގު ހަބަރުތައް ފަތުރައިގެން ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިން ރެކިވަޑައިނުގަނެވޭނެ ކަމަށެވެ.

އެމްޑީޕީގެ ތިން މެންބަރެއް ޕީޕީއެމްއާ ގުޅޭކަމުގެ އަޑުތައް އަރާފަވަނީ، ޕީޕީއެމްގެ 10 މެންބަރަކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރައްވާފައި ވަނިކޮށެވެ. އަދި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ.