ރިޕޯޓް

ޕާކްތައް ހަދާ ގޮތް ކަމަކު ނުދޭ، އަވަހަށް ބަދަލު ކުރޭ!؟

Apr 13, 2015
2

މާލޭގެ އެކި ތަންތަނުގައި ޕާކްތައް އެބަ ހުއްޓެވެ. މާލޭގެ ޕާކުތަކުގައި ގިނައިން ހުރީ އެއް ކަމެކެވެ. ގިނަ ޕާކުތަކުގައި ހުރީ ކެއިން ބުއިމުގެ ވަސީލަތް ތަކެވެ. ބޮޑެތި ރެސްޓޯރެންޓްތަކާއި ރީތި ކެޕޭ ތަކެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިހާރުވަނީ މާލޭގެ ޕާކުތަކުގައި ހުރި ރެސްޓޯރެންޓްތައް ބަންދު ކުރަން ނިންމާފަ އެވެ. ސުވާލަކީ ރެސްޓޯރެންޓްތައް ބަންދު ކުރުމަށްފަހު، ދެން ޕާކުތައް ހަދާނީ ކޮން ގޮތަކަށް ބާ އެވެ؟ ޕާކްތައް ހަމައެކަނި ހާއްސަކުރަންވީ ޖަންކް ފުޑް ވިއްކުމަށް ހެއްޔެވެ؟ އެހެން ވިސްނުމެއް ނެތީބާ އެވެ؟

"ޖުލައި މަހުގެ 26 ވަނަ ދުވަހު ސިޓީ ޕާކު، ފިނި ޕާކުގައި އެ ރެސްޓޯރެންޓްތައް ހުރެގެން ނުވާނެ،" ޕާކުތަކުގައި ހިންގަމުން ގެންދާ ރެސްޓޯރެންޓުތައް ބަންދު ކުރުމާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ ޖަވާބަކީ މިއީ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕާކުތަކަކީ ފެހި ތަންތަނެވެ. ރީތިކޮށް ސާފުކޮށް ހުންނަ ތަންތަނެވެ. ހުރިހާ އުމުރު ފުރާތަކުގެ މީހުނަށް ވެސް މަޑުކޮށްލައިގެން ތިބެވޭނެ ރީތި ތަންތަނެވެ. ގިނަ ގައުމުތަކުގެ ޕާކުތައް ސަރުކާރުން ނުވަތަ ކައުންސިލްތަކުން ބަލަހައްޓާނެ އެވެ. މީގެ ޕާކަކަށް ގޮސްފިނަމަ ހިތައް ހިންހަމަޖެހުން ލިބިގެންދެ އެވެ. ނަމަވެސް މާލޭގެ ޕާކުތައް މިހެން ހެއްޔެވެ؟ ތިރީގައި އެވަނީ މާލޭގެ ޕާކުތަކުގެ ހާލަތު ހުރި ގޮތެވެ.

މާލޭގެ އެންމެ ބޮޑު ޕާކަކީ ސަލްޓަން ޕާކެވެ. މި ތަނަކީ މާލެ އަށް އަންނަ ޓޫރިސްޓުން އެންމެ ފުރަތަމަވެސް ދާން ބޭނުންވާ ތަނެވެ. ނަމަވެސް މިތަނުގައި ހުރި ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟ ހަމައެކަނި ފެންނަ ހާއްސަ ކަމަކީ ސަލްޓާން ޕާކުގެ ގޯތިތެރޭގައި ގައުމީ ދާރުންއާސާރު ހުރިކަމެވެ. ސަލްޓަން ޕާކު ވެސް ދޭތެރެ ދޭތެރެއިން އޮންނަނީ ގޮނޑުވެފަ އެވެ. އަދި މި ޕާކުން ވެސް ރީތި ކަމާއި "ޔުނީކް" ކަމެއް ނުފެނެ އެވެ. ކޮންމެ ދުވަހަކު ޓޫރިސްޓުން ޒިޔާރަތްކުރާ މިތަނުގައި ހުރި ގަސްތައް ވެސް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުންނެއް ނުދެ އެވެ. ޒަމާންވީ ބިޔަ މި ގަސްތައް ވަނީ ދާނެ ގޮތަކަށް ދާން ދޫކޮށްލެވިފަ އެވެ. ހެދެންޏާ ހެދެންވީ އެވެ. މަރުވަންޏާ މަރުވާންވީ އެވެ. ޕާކުތަކުގައި އޮންނަ ޒާތުގެ ތަރުތީބުކަމެއް އެތަނަކު ނެތެވެ.

އަނެއް ޕާކަކީ މާލޭގެ އެންމެ ހިތްގައިމު ހިސާބު ކަމަށްވާ ރާޅުގަނޑު ސަރަހައްދުގައި ހުރި އަޑިޕާކެވެ. މިތަންވެސް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުންނެއް ނުދެ އެވެ. ފެން ހުސްކުރި ފުޅިތަކާއި ސުޕާރީ ޕެކެޓު ނޫން އެހެން އެއްޗެއް އެ ތަނަކުން ނުފެނެ އެވެ. ގަސްތައް ވެސް އެކަށީގެންވާ ގޮތަކަށް ބަލަހައްޓަމުން ނުދާތީ ހުރީ ހަޑިވެފަ އެވެ. އަދި މި ޕާކުގެ އެއް ފަރާތުގައި ގާޑިޔާތައް ހުރުމުން ޕާކުގެ ރީތިކަން ވަނީ ގެއްލިފަ އެވެ. އެ ތަނުގައި ފެންސުޖަހައި ބައްދާފައި ހުރުމުން ޕާކަށް ވަދެވޭނެ އެކަށީގެންވާ ގޮތެއް ވެސް ނެތެވެ. މިހާރު މި ޕާކުގައި ހުރީ ހަމައެކަނި ކެއުން ބުއިމުގެ ހިދުމަތްދޭ ތަންތަނެވެ.

މާލޭގެ މެދުތެރޭގައި ހުރި އެންމެ މުހިންމު އެއް ލޮކޭޝަންގައި ހުރި ސިޓީ ޕާކުގައި ހުރީ ހުސް ރެސްޓޯރެންޓެވެ. މަޝްހޫރު ސަމްބެރިން ވިއްކާ ރެސްޓޯރެންޓެއް ހުންނަ މި ޕާކުގެ މަގަށްވާ ފަރާތުގައި ހުރީ ރެސްޓޯރެންޓް ތަކެވެ. އަދި މި ޕާކަށް ހިތްހަމަ ޖައްސައިލަން ދާ މީހަކު ޖެހޭނީ ރެސްޓޯރެންޓުތަކުގެ ބިތް ދޮށަށް ވަންނާށެވެ. އެތަނުގައި އިންނައިރު، ރެސްޓޯރެންޓުތަކުން ތައްޔާރުކުރާ ކާތަކެތީގެ މީރު ވަސް ނޫނީ ނު ދޮވާނެ އެވެ. މިއީވެސް ޕާކެއް ބާ އެވެ؟

މަސްވެރިން ހިތްހަމަ ޖައްސާލައިގެން ތިނުމަށް ހ. ކޮޅުގައި ހަދާފައިވާ މިތަނުގައި ގިނައިން ތިބޭނީ ދުވަސްވީ މީހުންނެވެ. ގިނަވާނީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި މި ތަނުގައި ގާއިމްކޮށްފައިވާ ގިނަ ތަންތަން ހަދާފައި ވަނީ ވެސް މި ޕާކުގެ ބޭނުންކުރާ މީހުންނެވެ. ނަމަވެސް މި ތަނަކީ ވެސް ރަނގަޅަށް ބަލަހައްޓާނަމަ ހިތްހަމަ ޖެހޭ މައިދާނަކަށް ހެދިދާނެ ޕާކެކެވެ. ފެރީތައް ފުރާތަނާއި މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ހިތްގައިމު ކަނޑު އޮޅި ރީތިކޮށް ފެންނަ މިތަން ވެސް ވަނީ ހަލާކުވެފަ އެވެ. ދަނީ ވީރާނާވަމުންނެވެ.

ލައްކައެއްހާ މީހުން ދިރިއުޅޭ މާލޭގައި ކަސްރަތުކޮށް ދުވެލާ ހަދާނެ އެކަށީގެންވާ ތަނެއް ނެތެވެ. އެކަމަކު ކަސްރަތު ކުރަން ވެސް އެބަ ޖެހެވެ. ކޮންމެ މަހަކު ކަސްރަތު ކުރުމަށް 500ރ. ނޫނީ 800ރ. ހޭދަ ކުރުމަކީ މިހާރު ލާހިކު ކަމެއް ވެސް ނޫނެވެ. ކަސްރަތު ކުރަން ބޭނުންނަމަ ދުވެލަން ދާން އޮތް ހަމައެކަނި ތަނަކީ ދުވާ ޓްރެކް ސަރަހައްދެކެވެ. އެ ތަނުގެ ހާލަތު އެނގޭނީ ދުވެލަން ދިއުމުންނެވެ. އެ ތަނުގައި އެންމެ ކުޑަމިނުން ގަޑިގަނޑެއްހާ ހިސާބު ވެސް ނެތެވެ. ފާހާނާއެއް ނެތެވެ. ދުވާ ޓްރެކް އޮތީ ހަލާކުވެ، "އޮއްވަޅު ގޮނޑިއަކަށް" ވެފަ އެވެ. އަދި ކަސްރަތު ކުރަން ލަކުޑިންނާއި ދަގަނޑުން ހަދައި، ބަހައްޓާފައި ހުރި ގިނަ ސާމާނު ވަނީ ބާވެފަ އެވެ.

ރާއްޖޭގެ ބޮޑު ކުންފުންޏަކުން ކަމަށްވާ އެލިޔާއިން ވަނީ ސަޅި ޕާކެއް ހެދުމަށް ރާވާފަ އެވެ. އެކަމަށް ސަރުކާރަށް ޕްރޮޕޯސަލް ވެސް ހުށަހަޅާފައިވެ އެވެ. މި ޕާކަކީ މިހާރުން މިހާރަށް މާލެއަށް މުހިންމު ތަނެކެވެ. ސަބަބަކީ ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބެލާނެ ތަނެއް މާލޭގައި މާލެއަށް ބޭނުންވެ އެވެ.

އެލިޔާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ މި ޕާކު ހަދަން ވިސްނުން ހުރީ އެސްޓީއޯ ހެޑް އޮފީހާއި މާފަންނު މަދަރުސާއާ ދެމެދުގައި އޮންނަ ހުސްބިމުގައި ކަމަށާއި، މި ޕާކަކީ ވިޔަފާރި އުސޫލުން ހިންގާނެ ތަނެއް ނޫން ކަމަށެވެ.

"ކޮންމެ މީހަކަށް ރިސޯޓަކަށް ނޫނީ ރާއްޖޭން ބޭރަކަށް ނުދެވޭނެ. އެހެންވެ ބޭނުންވަނީ ރިލެކްސްކޮށްލަން މަޑުކޮށްލެވޭނެ ޕާކެއް ހަދަން. މިހާރު ޒުވާނުން ނަށް ކުޅެލާ ހަދާނެ ތަންތަން އެބަހުރި. އެކަމަކު ކޮންތަނެއްތޯ މާލޭގައި ހުރީ ކުޑަކުދިން ބިރެއް ނެތި ދޫކޮށްލެވޭނެ. ބޯޅައަކުން ޖެހިދާނެތީ ބިރެއް ނެތި. ބޭނުންވަނީ ކުދިން މަޖާކޮށްލާނެ ތަނެއް ހަދައިދޭން،" އަލާއު ވިދާޅުވި އެވެ.

ދުނިޔޭގެ ބައިބޯ ބޮޑެތި ސިޓީތަކުގައި ކަސްރަތުކޮށް އުޅެލުމަށް ހާއްސަ ޕާކުތައް ހަދާފައި ހުރެ އެވެ. މިއީ "އައުޓް ޑޯ ޖިމް ޕާކު" ތަކެވެ. މިފަދަ ތަންތަނަކީ ހިތްހަމަ ޖައްސާލައި "ލައިފް ސްޓައިލެއް" ގޮތުގައި ކަސްރަތުކޮށް އުޅެން ބޭނުންވާ މީހުންނަށް ހިދުމަތް ހޯދޭނެ ތަންތަނެވެ. ގިނަ ގައުމުތަކުގައި މިފަދަ އައުޓްޑޯ ޖިމް ޕާކުތަކުން ހިލޭ ހިދުމަތް ދެ އެވެ. އަދި އެ ތަންތަނުގައި ކޮމިއުނިޓީ އިންސްޓްރަކްޓަރުން މަސައްކަތް ކުރެ އެވެ. އެމީހުންގެ މަސައްކަތަކީ ކަސްރަތު ކުރަން އަންނަ މީހުންނަށް އެހީވުމެވެ. މިއީ މާލެ ފަދަ ތަނަކަށް މުހިންމު ވަސީލަތެކެވެ. ނަމަވެސް މާލޭގެ ހާލަތު މިއާ މުޅިން ތަފާތެވެ.