ކުއްލި ޚަބަރު

އިލްހާމް ވެސް ޕީޕީއެމުން ވަކިވެއްޖެ

Jul 9, 2017
13

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު ޕީޕީއެމް އިން ވަކިވެ ވަޑައިގެންފި އެވެ. އޭނާ ޕީޕީއެމް އިން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލަށް މިއަދު ވަނީ ފޮނުއްވައިފަ އެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އިލްހާމްގެ ސިޓީގައި ބުނަނީ މިއަދުން ފެށިގެން ޕީޕީއެމްގެ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާ ކަމަށާއި އަދި ޕާޓީއިން ވެސް ވަކިވެވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ވީއެންމެ އަވަހަކަށް ޕީޕީއެމްގެ ދަފުތަރުން އުނި ކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގައި ދަަންނަވައިދިނުމަށް ވެސް އެ ސިޓީގައި އެދި ވަޑައިގެންފައި ވެއެވެ.

އެ ސިޓީގައި އަދި ބުނެފައިވަނީ ޕީޕީއެމަކީ ދިވެހި ރައްޔިތުންގެ އިހުސާސް ދަންނަ އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަން ޔަގީންކޮށްދޭ ޕާޓީއަކަށް ވުމަކީ އޭނާ އަބަދުވެސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއް ކަމަށާއި ޕީޕީއެމް އުފެއްދީ އެ އަސާސްތަކުގެ މައްޗަށް ކަމަށާއި "ޕީޕީއެމަށް އަދަށްވުރެ ފެހި މާދަމާ" އަކަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

މިއަދު ޕާޓީން ވަކިވެވަޑައިގެން ރަސްމީކޮށް ޕާޓީއަށް ސިޓީ ފޮނުއްވެވި އިރު މީގެ ކުރިން އޭނާ ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން މިދިއަ ހަފުތާގައި ވަކިވެ ވަޑައިގެންފައެވެ. އަދި އަދި ޕާޓީގެ ފަރާތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ފުރުއްވަމުން ގެންދެވި އެ ކޮމެޓީގެ މުގައްރިރު ކަމުން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިލްހާމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނަތް ކަމަށް ބުނެ މަޖިލީހަށް ވައްދާފައިވާ ގަރާރުގައި ސޮއިކުރެއްވި 45 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ މިއަދު ޕީޕީއެމުން ވަކިވެ ވަޑައިގެންނެވި އިރު މީގެ ކުރިން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިލްހާމްގެ ސިޔާސީ މަސައްކަތް ފެއްޓެވީ ޑީއާރްޕީއިންނެވެ. އޭގެ ފަހުން އެ ޕާޓީ ދެބައިވި އިރު އޭނާ ހުންނެވީ ޒެޑްފެކްޝަންގަ އެވެ. އަދި އޭގެ ފަހުން އުފެއްދި ޕީޕީއެމްގެ ޑިޕިއުޓީ ލީޑަރުކަން ވެސް ކުރެއްވުމަށްފަހު އޭނާ ބަދަލުވެ ވަޑައިގެންނެވީ ޖުމްހޫރީޕާޓީއަށެވެ. ނަމަވެސް ފަހުން އަލުން ޕީޕީއެމާ ގުޅިވަޑައިގެންނެވި އެވެ. އެ ޕާޓީއާ ގުޅިވަޑައިގެން އޭރު ވިދާޅުވީ "ޕީޕީއެމް ޕެރަލައިޒްކޮށްފައި ނުބޭއްވޭނެ" ކަމަށެވެ.