ވިޔަފާރި

ގެދޮރު ގަންނަން ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރަނީ

  • ލޯނު ދެނީ 5-6 ޕަސެންޓުގައި
  • ލޯނު ދައްކަން 25 އަހަރު ލިބޭ
  • ހުރިހާ ބޭންކް ތަކަކުން ލޯނު ދޫކުރާނެ

ރާއްޖޭގެ ހައުސިން ބާޒާރުގެ މިހާރުގެ އިންޓަރެސްޓް ރޭޓަކީ 9-12 ޕަސެންޓެވެ. ނަމަވެސް 5-6 ޕަސެންޓުގެ ރޭޓެއްގައި ގެދޮރު ގަންނަ ލޯނު ސްކީމެއް ތައާރަފު ކުރަން މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، މަރުކަޒީ ބޭންކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ ރާއްޖޭގެ ބޭންކްތަކާ ގުޅިގެން އަންނަ މަހު މި ލޯނު ސްކީމް ތައާރަފު ކުރަން މަސައްކަތް ފަށާފައިވާއިރު، މި ސްކީމުން ލޯނު ނަގާ މީހުންނަށް ލޯނު ދައްކަން 25 އަހަރު ލިބޭނެ ކަމަށެވެ.

"މި ސްކީމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެމްއެމްއޭއިން އަބަދުވެސް ބޭނުންވޭ ރާއްޖޭގައި އަގު ހެޔޮކޮށް ގެދޮރު ގަންނަން ސްކީމްތަކެއް ހުންނަން. އެހެންވެ މި މަސައްކަތްކޮށް އެންމެ ފަހުން މި ތައާރަފު ކުރެވެނީ،" ގަވަރުނަރު ވިދާޅުވި އެވެ.

ގެދޮރު ގަންނަން އަލަށް ނެރޭ ލޯނު ސްކީމު ފުރަތަމަ ދޫކުރާނީ ތިން އަހަރުގެ މުއްދަތަށެވެ. އަދި އޭގެ ފަހުން އިތުރު ބަދަލުތަކާއެކު މި ސްކީމް އިތުރަށް ފުރިހަމަ ކުރަން މަރުކަޒީ ބޭންކުން ވަނީ ވިސްނާފަ އެވެ.

ޑައުންޕޭމަންޓާއި އިންޓްރެސްޓް ހުންނާނެ ގޮތް

* ޑައުން ޕޭމަންޓް 20 ޕަސެންޓްނަމަ، އިންޓްރެސްޓް ރޭޓް 5 ޕަސެންޓް
* ޑައުން ޕޭމަންޓް 10 ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 5.5 ޕަސެންޓް
*ޑައުންޕޭމަންޓް ފަސް ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 6 ޕަސެންޓް

ގަވަރުނަރު ޑރ. އަޒީމާ ވިދާޅުވީ މި ލޯނު ސްކީމަށް ބޭނުންވާ ފައިސާ ހޯދާނީ ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ޖުމްލަ ފައިސާގެ ތެރެއިން މަދުވެެގެން 10 ޕަސެންޓު ކަމަށެވެ.

"ނަމަވެސް، މި ވަރަށް ލޯނު ދޫކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭ ވަރުގެ ކަމެއް ނޫން. އެހެންވެ މި އަހަރުގެ ނިޔަލަށް ދޫކުރެވޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ތިން ޕަސެންޓް. މިއީ 300 އާއި 350 ހައުސިން ޔުނިޓަށް ފައިނޭންސް ކުރެވޭ އަދަދު،" އަޒީމާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ލޯނު ރާއްޖޭގެ އެކި ހިސާބުތަކުގައި ގެދޮރު އަޅަން ދޫކުރާނެ ކަމަށާ، ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓުތައް ލިބުނު މީހުންނަށް ކަމަށެވެ.

"ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ލިބިފައިވާ ފަރާތްތަކުގެ ލޯނުތަކުގެ ޑައުންޕޭމަންޓްގެ ރަހުނަށް ފަންޑު ކުރުމަށް އެމްއެމްއޭގައި ފަންޑެއް ގާއިމް ކުރެވޭނެ. މިހެންވުމުން ޑައުންޕޭމަންޓް ނުދައްކައި ފްލެޓުގެ އަގު އެއްކޮށް ލޯނުން ދެއްކޭނެ،"

އެމްއެމްއޭ އާއި ބޭންކުތައް ގުޅިގެން ތައާރަފުކުރާ ގެދޮރު ލޯނު ސްކީމު ދޫކުރަނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާގެ ލޯނުތަކެވެ. މި ލޯނު ސްކީމު ތައާރަފު ކުރުމުން ދެ މިލިއަން ރުފިޔާގެ ލޯނަކަށް ގާތްގަނޑަކަށް މަހަކު ދައްކަން ޖެހޭނީ 12،000ރ. ވަރެވެ.