ހަބަރު

އަދީބުގެ ފޮޓޯ ލީކުވި މައްސަލާގައި ފުލުހަކަށް ފިޔަވަޅެއް ނާޅާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫގައި ހުންނަވާ ގޮޅީގެ ފޮޓޯ ސޯޝަލް މީޑިއާއަށް އާންމުވި މައްސަލާގައި މިހާތަނަށް އެއްވެސް ފުލުހަކާ މެދު ފިޔަވަޅު ނާޅާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޕޮލިސް ކަސްޓޯޑިއަލް ސެލްއެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާވާން މެދުވެރެިވީ ގޮތް ހޯދުމަށް ކުރަމުންދާ ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ފުލުހަކާ މެދު އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

އަދީބުގެ ގޮޅީގެ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯ އާންމުވެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމަ މެދު އަދީބުގެ ލޯޔަރުން ވެސް ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އަދީބަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަަމަށް ބުނެ ބޭރަށް ގޮސް ފަރުވާ ހޯދުމަށް ހުއްދަ ދިނުމަށް އާއިލާއިން ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބު ބޭރަށް ފޮނުވައިފިނަމަ ފިއްލަވާފާނެ ކަމަށެެވެ.