ވިޔަފާރި

ޓީ-ބިލާއި ޓީ-ބޮންޑް ނުދައްކާ ހުރި އަދަދަށް މަޑު ޖެހުމެއް!

  • ޓީ-ބިލާއި ޓީ-ބޮންޑުގެ އަަދަދަކީ 23 ބިލިއަން
  • ނުދައްކާ އަދަދު އަހަރަށް ބަލާއިރު އިތުރުވޭ
  • މެއި މަހުގެ ނިޔަލަށް އިތުރުވެފައިވަނީ ކުޑަކޮށް

ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޫކޮށްފައިވާ ޓްރެޒަރީ ބިލް (ޓީ-ބިލް) އާއި ޓްރެޒަރީ ބޮންޑު (ޓީ-ބޮންޑު) ނުދައްކާ ހުރި އަދަދަކަށް އިތުރުވަމުން އައި އަދަދަށް މަޑު ޖެހުމެއް އަތުވެއްޖެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ފާއިތުވި މޭ މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް މެއި މަސް ނިމުނުއިރު ދޫކޮށްފައިވާ ސެކިއުރިޓީސްގެ ޓީ-ބިލް އަދި ޓީ- ބޮންޑުގެ އަދަދަކީ 23.4 ބިލިއަން ރުފިޔާ އެވެ. މި އަދަދު މަހުން މަހަށް ބަލާއިރު ވަނީ ކުޑަ އިތުރުވުމެއް އައިސްފަ އެވެ. މީގެ ސަބަބަކީ މި މުއްދަތުގެ ތެރޭގައި ޓީ-ބިލްގައި އިންވެސްޓްކޮށްފައި އަދަދު 157.5 މިލިއަން ރުފިޔާ އަށް އިތުރުވުމެވެ.

"ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެހެނިހެން މާީލ އިދާރާތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވި ނަމަވެސް، ވިޔަފާރި ބޭންކުތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމުންނެވެ. މި މުއްދަތުގައި ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދަށް މާބޮޑު ބަދަލެއް ނާދެ އެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މަހުން މަހަށް ބަލާއިރު ޓީ-ބިލް އަދި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދަށް ކުޑަ އިތުރުވުމެއް އައިނަމަވެސް
އަހަރުން އަހަރަށް ބަލާއިރު ސަރުކާރުން ދޫކޮށްފައިވާ މި އަދަދު ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު 19 ޕަސެންޓް، 5.1 ބިލިއަން ރުފިޔާ މައްޗަށް ދިއުމާއި ޓީ-ބިލްގެ އައުޓްސްޓޭންޑިން އަދަދު ފަސްޕަނެސް، 612.2 މިލިއަން ރުފިޔާ މައްޗަށް ދިއުމެވެ.

"ޓީ-ބިލް އައުޓްސްޓޭންޑިން އިތުރުވެފައިވަނީ ވިޔަފާރި ބޭންކުތަކާއި އެމްއެމްއޭއިން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރު ވުމުންނެވެ. ނަމަވެސް އެހެނިހެން މާީލ އިދާރާތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ވަނީ ފާއިތުވި މޭ މަހު ދަށްވެފައެވެ. ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އިތުރުވެފައި ވަނީ ސަރުކާރުން ދޫކޮށްފައިވާ ޓީ-ބިލްތަކުން ބައެއް ޓީ-ބޮންޑަށް ފާއިތުވި އަހަރު ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެންނެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ޓީ-ބިލްގެ އިންޓްރެސްޓް ރޭޓް

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ހުރިހާ މުއްދަތެއްގެ ޓީ-ބިލް މުއާމަލާތްތައް ވަނީ އޮކްޝަން ސިސްޓަމަކުން ޓެޕް ސިސްޓަމަކަށް ބަދަލުކޮށްފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ހުރިހާ މުއްދަތެއްގެ ޓީ-ބިލް (28 ،91 ،182 އަދި 364 ދުވަހަށް ވިއްކާ ޓީ-ބިލް) އިންޓްރެސްޓް ރޭޓްތައް ވަނީ ދަށްކޮށްފައެވެ. އަދި 28 ،91 ،182 އަދި 364 ދުވަހަށް ވިއްކާ ޓީ-ބިލްގެ އިންޓްރެސްޓް ރޭޓް ހުރީ 50.3 ޕަސެންޓާއި 3.78 ޕަސެންޓް އަދި 4.23 ޕަސެންޓުގެ އިތުރުން 4.60 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.
އެހެންކަމުން ވޭތުވެ ދިޔަ އަހަރު ތެރޭގައި ޓީ-ބިލް އިންޓްރެސްޓް ރޭޓްތަކަށްއެއް ވެސް ބަދަލެއް އައިސްފައިއެއް ނުވެ އެވެ.