ހަބަރު

އައިޖީއެމްއެޗުގެ ދަތުރުތައް ކުރަން މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބަލި މީހުންނަށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، ދަތުރުތައް ކުރަން މޯލްޑިވިއަންއާއެކު މިއަދު ސޮއިކޮށްފި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ފަރުހަތު ޝަހީރު އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސު އެވެ.

އެއްބަސްވުމަށްފަހު، ސީއީއޯ ފަރުހަތު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނާއި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ދަތުރުތަކެއް ބޭރަށް ކުރޭ. މި އެއްބަސްވުމުގެ ސަބަބުން މި ދަތުރުތައް ކުރާނީ މޯލްޑިވިއަން މެދުވެރިކޮށް. ހޮސްޕިޓަލުގައި ވަރަށް ގިނަ އަދަދެއްގެ ބޭރު މުވައްޒަފުން މަސައްކަތް ކުރޭ އެ މީހުން ޗުއްޓީއާ އެހެންކަންކަމުގައި ބޭރަށް ދަތުރުކުރަން ވެސް މި އެއްބަސްވުމުގެ ސަބަބުން ފަސޭހަ ވެގެންދާނެ،" ފަރުހަތު ވިދާޅުވި އެވެ.

މޯލްޑިވިއަންއާއެކު އައިޖީއެމްއެޗުން ވެވުނު އެއްބަސްވުމުގެ ދަށުން، ހޮސްޕިޓަލުގައި "މޯލްޑިވިއަން ހޮލިޑޭސް" ގެ ކައުންޓަރެއް ބަހައްޓާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރިސު ވިދާޅުވި އެވެ.

"މޯލްޑިވިއަން ހޮލިޑޭސް އިން މޯލްޑިވިއަންގެ އިތުރު ވެސް ގިނަ އެއާލައިން ތަކެއްގެ ޓިކެޓު ދަނީ ވިއްކަމުން. އެހެންވެ މި އެއްބަސްވުމުގެ ސަބަބުން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ފަސޭހަ ކަމާއެކު ޓިކެޓު ލިބިގެންދާނެ،" ހާރިސު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މާބަނޑު މީހުން ބޭރަށް ދަތުރު ކުރަން ނަގަންޖެހޭ ހުއްދަ ނެގުމުގައި ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މެޓަފޯމް ތައްޔާރުކޮށް މިހާރު މި ޖެހެނީ ޓިކެޓު އޮފީހަށް އެ ހިފައިގެން ދާން. ނަމަވެސް އައިޖީއެމްއެޗްގެ ތެރޭގައި މިފަދަ ކައުންޓަރެއް [މޯލްޑިވިއަން] ގެ ހެދުމުން ފަސޭހަ ވެގެން ދާނެ،" ހާރިސު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް މޯލްޑިވިއަންއިން ދުވާލެއްގެ މައްޗަށް ހައެއްކަ ބަލި މީހުން ރާއްޖޭގެ އެކި ހިސާބުތަކުން މާލެ ގެނެސްދޭ ކަމަށެވެ.

"ފުރޮޅުލީ ގޮނޑީގެ އެތަށް މީހަކު މިހާރުވެސް ގެނެސްދެން. މިހާރު އެވްރެޖު ގޮތެއްގައި ރާއްޖޭގެ ނުވަ އެއާޕޯޓަށް ދުވާލަކު ފަސް ފްލައިޓް ބާއްވާ،" ހާރިސު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން އިންޑިޔާގެ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއީ އާއި މެޑްރާސް އަދި ތައިލެންޑުގެ ބެންކޮކަށް ދަތުރު ކުރެ އެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އާއި ޗައިނާގެ ހަ ސިޓީއަކަށްވެސް މި އެއާލައިން އުދުހެ އެވެ.