ވިޔަފާރި

އާއްމު ފަރުދުންނަށް ޓީ-ބިލް ވިއްކަން ފަށަނީ

  • ޓީ-ބިލް ވިއްކަނީ އާއްމުންނަށް
  • ރާއްޖޭގައި އަލަށް ކުރާ ކަމެއް
  • އާއްމުނަށް ރަނގަޅު ފުރުސަތަކަށްވާނެ

މޫނުމަތީ އަގު ދަށްކޮށް، އާއްމުން ފަރުދުންނަށް ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އަހަރުގެ ފަހުކޮޅު ނުވަނަ އަންނަ އަހަރު އަހަރުގެ ކުރީކޮޅު އާއްމުންނަށް ޓީ-ބިލް ވިއްކަން ފަށާނެ ކަމަށެވެ.

"މީގެ ބޭނުމަކީ އާއްމުންނަށް ސޭވިން [ފަހަށް ރައްކާ ކުރަން] ފުރުސަތު ދިނުން. ހަމައެކަނި ބަޖެޓަށް ފައިނޭންސް ކުރުމެއް ނޫން. މިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު "އަވަސް" އަށް ވިދާޅުވީ ޓީ-ބިލްގެ އަގު ބަހައްޓާނެ ވަރެއް އެމްއެމްއޭއާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

"އެމްްއެމްއޭއާއެކު ގުޅިގެން މިދަނީ މަސައްކަތް ކުރަމުން،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ޓީ-ބިލް ވިއްކާފައިވަނީ ރާއްޖޭގެ ބޭންކްތަކާއި އަމިއްލަ ބައެއް ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕެންޝަން ފަންޑެވެ. މިގޮތުން 2015 ވަނަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން (ޓީ-ބިލް) ގަނެފައިވަނީ ޕެންޝަން އޮފީހުންނެވެ. އެ އޮފީހުން 3.7 ބިލިއަން ރުފިޔާގެ ޓީބިލް ގަނެފައިވެ އެވެ އަދި ދެވަނަ އަށް އެންމެ ގިނައިން ގަނެފައިވާ ބީއެމްއެލްއިންނެވެ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓީ-ބިލް ގަނެފައިވަނީ ޗަމްޕާ ބަރަދާސްއިންނެވެ. އެ ކުންފުނިން 221 މިލިއަން ރުފިޔާ އަދި ކްރައުން ކޮމްޕެނީން 16 މިލިއަން ރުފިޔާގެ ޓީބިލް ގަނެފައިވެ އެވެ.

ސަރުކާރުން މިހާތަނަށް ޓީ-ބިލް ވިއްކަމުން ގެންގޮސްފައިވަނީ ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށެވެ. މަރުކަޒީ ބޭންކުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ޓީ-ބިލް އަދި ޓީ- ބޮންޑުގެ ނުދައްކާ ހުރި އަދަދަކީ 23.4 ބިލިއަން ރުފިޔާ އެވެ.