ހދ. ކުޅުދުއްފުށީގައި 2010 ވަނަ އަހަރުގެ ތެރޭގައި ހިއްކާފައިވާ ސަރަހައްދުގައި އެއާޕޯޓް އަޅައިދިނުމަށް އެ ރަށުގެ ރައްޔިތުން އެދެފި އެވެ. ކުޅުދުއްފުށީގައި މިހާރު އެއާޕޯޓް އެޅުމަށް ނިންމާފައި އޮތީ އެ ރަށުގެ ކުޅި ސަރަހައްދުގަ އެވެ.
ކުޅުދުއްފުށީގައި އަލަށް ހަދާ ބަނދަރާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ރޭ ކުޅުދުއްފުށީ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމުން ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ، މުހައްމަދު ޒުހައިރު ވަނީ ހިއްކާފައިވާ ސަރަހައްދުގައި އެއާޕޯޓް ރަތައްގީކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ބުނެފަ އެވެ. ޖަލްސާގައި ތިބި އެހެން ރައްޔިތުން ވެސް ވަނީ އެކަމަށް ތާއިދުކޮށްފަ އެވެ.
ކުޅުދުއްފުށީގައި މިހާރު ވެސް ސަރަހައްދީ ބަނދަރަކާއި ލޯކަލް ބަނދަރެއް އޮންނައިރު، ހިއްކި ސަރަހައްދުގައި ވެސް ބަނދަރެއް ތަރައްގީކުރަން ވަނީ ނިންމާފަ އެވެ. އެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ފައިސާ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ
ބަނދަރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށާއި ހިޔާލު ހޯދުމަށް ބޭއްވި ޖަލްސާގައި ބަނދަރު މަޝްރޫއު ރާވާފައިވާ ގޮތާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ. އެ ބަނދަރަކީ މިހާރު ރަށަށް އެންމެ ބޭނުން ބަނދަރެއް ނޫން ކަމަށް ބުނެފަ އެވެ. ބަނދަރު ހަދަން ނިންމާފައި އޮތީ ބޭނުންވާ ވަރަށް ކުޑަކޮށް ކަމަށް ރައްޔިތުން ވަނީ ބުނެފަ އެވެ. އެހެންކަމުން ބަނދަރު ހަދާނަމަ އެ ބަނދަރު ވެސް ހަދަންޖެހޭނީ މުސްތަގުބަލަށް ވިސްނައި، މިހާރަށްވުރެ ބަނދަރު ބޮޑުކޮށްގެން ކަމަށެވެ.
ހިއްކި ސަރަހައްދުގައި ބަނދަރު އެޅުމުގެ ބަދަލުގައި މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަކީ، އެ ސަރަަހައްދުގައި ކުޅުދުއްފުށީ އެއާޕޯޓް އެޅުން ކަމަށް ވިޔަފާރިވެރިޔާ މުހައްމަދު ޒުހައިރު ބުންޏެވެ. އަދި މިހާރު އެއާޕޯޓް އަޅަން ނިންމާފައިވާ ކުޅި ސަރަހައްދުގައި ބަނދަރު ހެދުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކޭ ކަމަށެވެ.
"އެއާޕޯޓެއް އަޅާ ވާހަކަ އެބަ ދައްކާ، ކުޅީގަ ފަޅު ހަދައިދޭންވީނުންތޯ ވަށައިގެން ޕައިލްކޮށްފަ، ފަޅު ހިއްކާފަ ރަންވޭ ހަދައިދޭށޭ މޫދުގަ، މިހާރު މޫދު އެ އޮތްތާ، އެހެންވީމަ 800 މީޓަރުގެ ރަންވޭއެއް ހެދުނީމަ އެއަށް 320 އެއާބަސް ޖެއްސޭނެ، އެހެންވީމަ އެއާޕޯޓެއް އަޅާއިރު ވެސް އޭގެ އަސްލު ފައިދާ އަޅުގަނޑުމެންނަށް ފެނިގެންދާނީ 320 އެއާބަސް ޖެއްސޭވަރުގެ ރަންވޭއެއް އެޅުނީމަ، އެ ދިގުމިނުން ލިބޭނެ ސަރަހައްދީ ބަނދަރުގެ އުތުރު ފައިކަށިން ރަށުގެ އުތުރުކޮޅާ ހަމައަށް، އެހެންވީމަ ބަނދަރު ހަދައިދޭށޭ ކުޅީގަ، އަމީނީ މަގު ކޮޅަށް އޮޑިދޯނި ފަހަރު ލަފާ ގޮތަށް، އުތުރު ކޮޅުން ވަންނަ ގޮތަށް،" މުހައްމަދު ޒުހައިރު ބުންޏެވެ.
މިނިސްޓްރީން މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތުން ބަނދަރުގެ ބޭނުން ވެސް އެންމެ ހެޔޮ ގޮތުގައި ކުޅުދުއްފުށީ ރައްޔިތުންނަށް ނުހިފޭނެ ކަމަށް މުހައްމަދު ބުންޏެވެ. އެ ބަނދަރު ހަދަނީ ފަޅު 13 ފޫޓު ފުންމިނަށެވެ. ނަމަވެސް ކުޅުދުއްފުށީގައި މިހާރު ވެސް ބޮޑެތި ބޯޓުތައް ދުއްވާފައިރު އެވަރުގެ މާތިލަ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ 15 ފޫޓަށް ފަޅު ފުންކުރުން ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެން ބޭނުންކުރަނީ 330 މީޓަރުގެ ކީވޯލް، ދެން ވެސް ތި ދައްކަވަނީ ގާތްގަނޑަކަށް އެވަރުގެ ކީވޯލެއް އަޅާ ވާހަކަ، މި ރަށަށް މި ފުރާ ލަފާވާ އުޅަނދު ފަހަރަށް އެވަރު ކުޑައޭ، ކަމަކަށް ކަމެއް ކޮށްދެން ނަހަދާށޭ، ކަމެއް ކޮށްދެންޔާ ބޭނުން ކުރެވޭ ކަހަލަ ކަމެއް ކޮށްދޭށޭ،" މުހައްމަދު އޭނާގެ ހިޔާލު ފާޅުކުރި އެވެ.
ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ބަނދަރެއް ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވަނީ، މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި އައިސްޕްލާންޓަކާއި ފެރީ ޓާމިނަލަކާއި އަދިވެސް އިތުރު ބައެއް ކަންކަން ހިމަނައިގެންނެވެ. ހިއްކި ސަރަހައްދުގައި މިހާރު ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދެ އެވެ. އެތަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި ރޯހައުސްގެ މަޝްރޫއު ވަނީ ހުއްޓިފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެއާޕޯޓެއް ކުޅުދުއްފުށީގައި އަޅާނެ ކަމަށް ވަނީ ވައުދުވެފަ އެވެ. ނަމަވެސް ރައީސް ޔާމީން މިދިޔަ އަހަރު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓް އަޅައި، ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ. ކުޅި ސަރަހައްދުގައި އެއާޕޯޓް އެޅުމަކީ ވެސް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.